ޓްރެފިކް މައްސަލަތަކާއި ގުޅިގެން ޒުވާނުން، ސައިކަލްތަކަށް ދައްކަން ޖެހިފައި ހުރި ޖޫރިމަނާ ފައިސާ ރައްޔިތުންގެ މަޖިލީހުގެ މިދައުރު ނިމުމުގެ ކުރިން މާފްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.ރައީސް ޔާމީން މިހެން ވިދާޅުވީ، ޒުވާނުންނާ ބައްދަލު ކޮށްލެއްވުމަށް ކާނިވަލުގައިރޭ ކުރިއަށް ގެންދިޔަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ޔާމީން ވިދާޅުވީ، ބޮޑެތި ޖޫރިމަނާތައް ނުދެއްކުމުގެ ސަބަބުން އެތައް ޒުވާނުންނެއްގެ ސައިކަލް މިހާރު ވެސް ޓޯޔާޑްގައި އެބަ ހުރި ކަމަށެވެ. އަދި ބައެއް ޒުވާނުން ދައުލަތަށް ދައްކަން ހުރި ފައިސާގެ އަދަދު ފަސްދޮޅަސްހާހާއި އަށްޑިހަ ހާސް ރުފިޔާއާއި ދެމެދަށް އަރާ ކަމަށާ މިއީ ދިވެހި ޒުވާނުންނަށް އުފުލޭ ވަރަށް ވުރެ ބޮޑު ދަރަންޏެއް ކަމަށެވެ. އެހެންކަމުން ރޯދަމަސް އައުމުގެ ކުރިން ބިިލުގެ މަަސައްކަތް ނުނިމުނު ނަމަވެސް މިދައުރު ނިމުމުގެ ކުރިން އެ ބިލް ގެ މަސައްކަތް ނިންމަވައި، ޓްރެފިކް ޖޫރިމަނާތައް މާފުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.މީގެ އިތުރުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ސަރުކާރުން ފަހިކޮށް ދީފައިވާކަމަށާއި،އެފުރުސަތުތަކުގެ ބޭނުން ހިފައިގެން ޒުވާނުން ވަޒީފާގެ ތެރެއަށް ނުކުތުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ވައުދުވެ ވަޑައިގެންފައިވާ ގޮތަށް، ނުވަދިހަ ހަތަރުހާސް ވަޒީފާ އުފައްދާނެ ކަމަށާއި، ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު، ރައްޖޭގައި ސުލްހަ ގާއިމްވެފައިވާނަމަ އެއަދަދު އިތުރުވެސް ވެދާނެ ކަމަށެވެ. މީގެ އިތުރުން އިދިކޮޅު ފަރާތްތަކުން ކިތަންމެ ނުރުހުނަސް މާލެ-ހުޅުމާލެ ދެމެދު އަޅާ ބްރިޖް އަޅާނެ ކަމަށް ވިދާޅުވިއެވެ.މިހަފްލާގައި ބައެއް ޒުވާނުންވަނީ ރައީސް ޔާމީންގެ ސަރުކާރުން ޒުވާނުން ހުނަރުވެރި ޤާބިލް ބަޔަކަށް ހެދުމަށްޓަކާ ގިނަ މަސައްކަތްތަކެއް ކުރައްވަމުންދަވާކަން ފާހަގަކޮށް ޝުއޫރު ފާޅުކޮށްފައެވެ. ބައެއް ޒުވާނުން ބުނީ އެފަރާތްތަކުގެ ޝުއޫރު ރައީސް ޔާމީންއާއި ހިއްސާކޮށްލަން ލިބުމުން ވަރަށް ބޮޑު ހިންހަމަޖެހުމެއް ލިބިގެންދިޔަ ކަަމަށެވެ.ކުރިއަށް އޮތީ ރަމަޟާން މަސް ކަމަށްވުމާއެކު، ރައީސް ޔާމީން ޒުވާނުންނާއި ބައްދަލުކޮށްލެއްުމަށް ބޭއްވި މި ހަފްލާގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައިވެއެވެ.