ވިޔަފާރި

މޯލްޑިވިއަންގެ އައު ޓިކެޓް އޮފީސް ހުޅުވައިފި


މޯލްޑިވިއަންގެ އައު ޓިކެޓް އޮފީސް ރަސްމީކޮށް ހުޅުވައިފިއެވެ.

މި އޮފީސް ހުޅުވައިދެއްވީ މޯލްޑިވިއަންގެ އިސްވެރިންނާއި އެ ކުންފުންޏަށް ގިނަދުވަހު ޙިދުމަތްކޮށްދެއްވާފައިވާ ބައެއް މުވައްޒަފުންނެވެ.

މޯލްޑިވިއަންގެ އައު ޓިކެޓް އޮފީސް ހުޅުވާފައިވަނީ ޗާންދަނީ މަގުގައި ހުންނަ ސިޓީ ސްކޮޔަރ ޢިމާރާތުގެ ތިރީ ފަންގިފިލާގައެވެ.

މޯލްޑިވިއަންގެ ޓިކެޓް އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރިޒްވީ ވިދާޅުވީ، މި ހުޅުވިގެންދިޔަ އައު އޮފީހާއެކު ޙިދުމަތް ދިނުމަށް އިތުރަށް ފަސޭހަވެގެންދާނެކަމަށެވެ. މޯލްޑިވިއަނުން އިތުރު މަންޒިލްތަކަށް ދަތުރުތައް ފަށައި ޙިދުމަތް ފުޅާކުރަން މަސައްކަތް ކުރަމުންދާއިރު ހުޅުވުނު އައު އޮފީހުގެ ސަބަބުން ކަސްޓަމަރުންނަށާއި އަދި އެ ކުންފުނީގެ މުވައްޒަފުންނަށްވެސް ޙިދުމަތް ފޯރުކޮށްދިނުމުގައި ފަސޭހަވެގެންދާނެކަން ރިޒްވީ ފާހަގަކުރެއްވިއެވެ.

"އިތުރު މަންޒިލްތަކަށް އަޅުގަނޑުމެންގެ ޙިދުމަތްތައް ފަށަން ތައްޔާރުވަމުން އަންނައިރު އަޅުގަނޑުމެންގެ ފުރަންޓް އޮފީސް ބޮޑުވުމަކީ އަޅުގަނޑުމެންގެ މުވައްޒަފުންނަށްވެސް އަދި ކަސްޓަމަރުންނަށްވެސް ފަސޭހަވެގެންދާނެކަމެއް." ރިޒްވީ ވިދާޅުވިއެވެ.

ރިޒްވީ ވިދާޅުވީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ޓިކެޓިން ހިދުމަތް ލިބޭނެ މޮބައިލް އެޕެއް ހެދުމުގެ މަސައްކަތް ވެސް ކުރަމުންގެންދާ ކަމަށެވެ.

އައިލެންޑު އޭވިއޭޝަންގެ ޓިކެޓު އޮފީހަކީ ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ބަޔަކު ހިދުމަތް ހޯދަމުން އަންނަ އޮފީހެކެވެ. އަދި ޓިކެޓު އޮފީހުގައި ހުންނަ ކޯލް ސެންޓަރަށް މަހެއްގެ މައްޗަށް ތިރީސްހާހަށް ވުރެ ގިނަ ކޯލް އަންނަ ކަމަށް އައިލެންޑު އޭވިއޭޝަނުން ހާމަކުރެއެވެ.