މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރާނީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ބައިވެރިވުމާއެކުކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ކޮންމެ އަހަރެއްގެވެސް ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ސެޕްޓެމްބަރުމަހުގެ 27 ވަނަ ދުވަހެވެ. މިދުވަސް ރާއްޖޭގައިވެސް ފާހަގަކުރަމުން އަންނައިރު، މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރާނީ ރާއްޖޭގެ ހުރިހާ ރައްޔިތުން ބައިވެރިކޮށްގެންކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.
ދުނިޔޭގެ ފަތުރުކަމުގެދުވަސް ފާހަގަކުރުމަށް ހިިންގާ ހަރަކާތްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ، މި ވެރިކަމުގައި މިހާތަނަށް މަސައްކަތް ކޮށްފައިވާނީ ފަތުރުވެރިކަމަކީ އެންމެންނަށްވެސް ފައިދާކުރާނެ ސިނާއަތަކަށް ހެދުމަށްކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިއެރުން ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރިއަށްގެންދާކަން އަލީ ވަޙީދު ފާހަގަކުރެއްވިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ފެށިގެން ދާނީ މިމަހުގެ 26 ވަނަ ދުވަހު ވ.އަތޮޅުގައި ބާއްވާ ޖަޒީރާވަންތަ ކެނޯ ރޭހަކުންކަމަށެވެ. މި ރޭހުގައި ބައިވެރިވުމަށް ރާއްޖޭގެ ކޮންމެ އަތޮޅަކުން އަންހެން ޓީމަކާއި ފިރިހެން ޓީމެއް ބައިވެރިވުމަށް ދަޢުވަތު ދޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. ވ .ކެޔޮދޫއިން ފެށިގެން އެއަތޮޅު ފެލިދޫއަށް އަންހެން ޓީމު ކެނޯގައި ފަލިޖެހުމަށް ހަމަޖެހިފައިވާއިރު ވ.ފެލިދޫއިން އެއަތޮޅު ތިނަދުއަށް ކެނޯގައި ދަތުރުކުރާނީ ފިރިހެން ޓީމުންނެވެ.
މިހަރަކާތުގެ އިތުރުން 27 ސެޕްޓެމްބަރ ވަނަ ދުވަހު ފްރީ ޑައިވް ވޯލްޑް ރެކޯޑް ޤާއިމްކުރުމަށް ބާއްވާ ޙާއްސަ ޑައިވް ހަރަކާތެއް ބަރޮސް މޯލްޑިވްސްގެ ފަޅުތެރޭގައި އޮންނާނެއެވެ. 500 ބައިވެރިންނާއިއެކު ބާއްވާ މި ހަރަކާތުގައި ދުނިޔޭގެ ފްރީ ޑައިވިންގ ޗެމްޕިއަން ވިލިއަމް ޓްރޫބްރިޖް ބައިވެރިވާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ އެެހެން ހަރަކާތްތަކަށް ބަލާއިރު ރ. އަންގޮޅިތީމު ޓޫރިސްޓް ވިޒިޓަރ ސެންޓަރުގެ ބިންގާ އެޅުމާއި ޓޫރިޒަމް އޯޕަން ޑޭއެއް ބޭއްވުން ހިމެނެއެވެ. މީގެ އިތުރުން ކިޑްސް ފުޓްބޯލް ފިއެސްޓާއެއް ބާއްވާއިރު، މި ފިއެސްޓާގެ ތެރެއިން ހޮވާލެވޭ ކުޅުން ތެރިންނަށް ރާއްޖޭގެ 13 އަހަރުން ދަށުގެ ޤައުމީ ސްކޮޑުން ޖާގަދީ ފިއެސްޓާގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވޭ ދަރިވަރަށް ދުބާއީގެ ސްޕެނިޝް ސޮކާސް ކޫލުގައި ތަމްރީނުތައް ހެދުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ އެންމެ ފަހުގެ ހަރަކާތަކީ ޓޫރިޒަމް ކޮންފަރެންސް އެންޑް ގާލާ ނައިޓްއެވެ. މި ކޮންފަރެންސްގައި ފަތުރުވެރިކަމުގެ އެކި ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރާނެއެވެ. އޭގެތެރޭގައި ސަލާމަތާއި ރައްކާތެރިކަން، ތިމާވެށި، ވަޒީފާގެ ފުރުޞަތު އަދި ދިވެހި ފަންނާނުންނަށް ފަތުރުވެރިކަމުގެ ސިނާޢަތުގެ ތެރެއިން އިތުރު ފުރުޞަތުތައް ހުޅުވާލުން ހިމެނޭކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.