ޚަބަރު

ކައިބާންއަށް ވިސާ ހަމަޖައްސައިދުނުމަށް ދިވެހި ސަރުކާރުން އެދިއްޖެ


ސިއްޙީ މައްސަލައަކާހުރެ އޮސްޓްރޭލިއާއިން ޑީޕޯޓްކުރަން އުޅޭ ކައިބާން ޖަމްޝީދަށް ވިސާ ހަމަޖައްސައިދިނުމަށް ދިވެހި ސަރުކާރުން އޮސްޓްރޭލިއާ ސަރުކާރުގައި އެދިއްޖެއެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއަރސް އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޮސްޓްރޭލިއާގެ ޑިޕާޓްމެންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ޑެޕިއުޓީ ސެކްރެޓަރީ ރިޗަޑް މޯޑްއާ އެކު ބޭއްވެވި ބައްދަލުވުމުގައި އިންސާނިއްޔަތު ކަމުގެ ނަޒަރުން ވިސްނާވަޑައިގެން ކައިބާން ޖަމްޝީދަށް ވިސާ ދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ފަރާތުން އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންއަށާއި، މިނިސްޓަރ ޝާހިދުގެ ފަރާތުން އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރ މެރިސް ޕޭންއަށް ފޮނުއްވާ ސިޓީއެއް ރިޗަޑްގެ އަތްޕުޅަށް އަރުވާފައިވާ ކަމަށެވެ.

ކައިބާންއަށް ވިސާ ހަމަނުޖައްސައިދީ ޑީޕޯޓްކޮށްލަން ނިންމާފައިވަނީ އޮސްޓްރޭލިއަރގެ އިމިގްރޭޝަންގެ ގަވައިދުގެ ދަށުން ކައިބާންގެ ބައްޔަށް އޮސްޓްރޭލިއަރގެ ސަރުކާރުން ބޮޑު ޙަރަދެއް ކުރަންޖެހޭކަމަށްބުނެއެވެ. ކައިބާންގެ މައްސަލަ ވަނީ އޮސްޓްރޭލިއާގެ ކަމާބެހޭ އިދާރާތަކަށްވެސް ހުށަހަޅާފައެވެ.

ކައިބާން ޖަމްޝާދަކީ ހީމޯފީލިއާގެ ސަބަބުން ލޭ ގަނޑުވުމުގެ މައްސަލަތަކަކާއި އުފެދުމުގައިވެސް ސިކުނޑިއަށް ގެއްލުންތަކެއް ލިބިފައިވާ ކުއްޖެކެވެ. ކައިބާންއަށް ބޭނުންވާ ފުރިހަމަ ސިއްޙީ ފަރުވާ މިވަގުތު ރާއްޖެއިން ލިބެން ނެތްއިރު، އޮސްޓްރޭލިއާއިން ޑީޕޯޓުކޮށްފިނަމަ، އެޤައުމުން ހޯދަމުންދާ ސިއްޙީ ފަރުވާ ނުލިބި ކައިބާންގެ ފުރާނައަށްވެސް ނުރައްކާވާނެކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ވަނީ ބުނެފައެވެ.