ޚަބަރު

ބްރިޖްގެ 2 ޑިޒައިނެއް ނިންމާ ޗައިނާ ސަރުކާރުން ހަވާލުކޮށްފި


މާލެއާ ހުޅުލެއާ
ގުޅުވުމަށް އަޅާ ބްރިޖްގެ ދެ ޑިޒައިނެއް ޗައިނާ ސަރުކާރުން މިހާރު ނިންމާ ހައުސިން
މިނިސްޓްރީއާ ހިއްސާ ކޮށްފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު
ވިދާޅުވެއްޖެއެވެ.



އެ ޑިޒައިންތައް
ހައުސިން މިނިސްޓްރީއާ ހިއްސާކޮށްފައިވީ ނަމަވެސް އޭގެ މާބޮޑު ތަފްސީލެއް
މިނިސްޓަރ ނުދެއްވައެވެ. މިނިސްޓަރ ވިދާޅުވީ،  ޖޫން މަސް ނިމުމުގެ ކުރިން ދެ ޑިޒައިންވެސް
ރަސްމީކޮށް ސަރުކާރާ ހިއްސާ ކުރައްވާނެ ކަމަށާއި، އެއަށްފަހު ފަންނީ ބޭފުޅުންގެ
ލަފަޔާއެކު ބްރިޖްގެ ޑިޒައިން ފައިނަލް ކުރައްވާނެ ކަމަށެވެ.



ފާއިތުވި އަހަރެއްހާ
ދުވަހު ކުރި ދިރާސާއަށް ބިނާކޮށް ޑިޒައިން ކޮށްފައިވާއިރު،  އޭގައި ބްރިޖްގެ ފުޅާ މިނާއި، ބްރިޖްގެ
އުސްމިނާއި، އެހެނިހެން ޑީޓެއިލްތައްވެސް އެބަހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ބްރިޖް ޑިޒައިން ފައިނަލް ކުރާނީ ހައި ސްޕީޑް ޕަބްލިކް ޓްރާންސްޕޯޓެއް ހިމެނޭ
ގޮތަށް ކަމަށާއި، ހިނގާ މީހުންނާއި، ބައިސްކަލާއި ސައިކަލަށް ވަކި މަގެއް އޮންނާނެ
ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިހާރު ހަދަމުންދާ ބޯހޯލް ޓެސްޓަކީވެސް ބްރިޖްގެ ތަނބުތައް ޖަހަން ނިންމާފައި ހުރި
ތަންތަނަކީ ތަނބުތައް ޖަހަން އެންމެ އެކަށީގެންވާ ބާރު ހުރި ތަނެއްތޯ ބެލުމަށް
ކުރާ ޓެސްޓެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ،  ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އެ
މަސައްކަތްވެސް ނިމޭނެ ކަމަށެވެ.  
ބްރިޖް ޑިޒައިން ކުރާ ގޮތުން އެއަރޕޯޓް ރަންވޭގެ އޮޕަރޭޝަންތަކަށް ހުރަސް ނޭޅޭނެ
ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ. މި އަހަރުގެ އޮކްޓޯބަރު މަސް
ނިމެންވާއިރަށް ބްރިޖްގެ ސައިޓް މޮބިލައިޒޭޝަން މަސައްކަތް ފެށުމަށްވަނީ
ހަމަޖެހިފައެވެ. ބްރިޖްގެ ސާވޭގެ މަސައްކަތް ކުރަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައެވެ.




އެ މަސައްކަތަށް ތިންމިލިއަން
ޑޮލަރާ ހަތަރު މިލިއަން ޑޮލަރާ ދެމެދުގެ ޢަދަދަކަށް ފައިސާ ހޭދަވާނެ ކަމަށް
ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ބްރިޖް ހެދުމުގެ މަސައްކަތް
ކުރަނީ ޗައިނާގެ އެގްޒިމް ބޭންކުގެ ސޮފްޓް ލޯނެއްގެ ދަށުންނެވެ.



ސަރުކާރުން ވިދާޅުވެފައި
ވަނީ، 2017 ގައި އެ ބްރިޖް ހުޅުވާނެ ކަމަށެވެ.