އެސްއެމްއީ ބެންކަށް މިހާތަނަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ އެޕްލިކޭޝަން ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާޢީލް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސްގެ ތެރެއިން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ ފައްޔާޞު ވިދާޅުވީ، އެސްއެމްއީ ބެންކް ހުޅުވުމާއި ގުޅިގެން ކެތްނުކުރެވޭ ވަރަށް އެޕްލިކޭޝަން ލިބުނުކަމަށެވެ. އެގޮތުން 1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ އެޕްލިކޭޝަން ލިބިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ފައިސާ ހުންނަނީ ވަކިވަރަކަށްކަން ފާހަގަކުރައްވައި، މިނިސްޓަރ ވިދާޅުވީ، ކޮންމެ ގޮތެއްވިޔަސް މީގެތެރެއިން އެއްބަޔަކު ދޫކޮށްލަންޖެހޭނެކަމަށެވެ.
މިނިސްޓަރ ފައްޔާޞު ވިދާޅުވީ، ސަރުކާރުގެ ވިސްނުން ހުރީ ކެބިނެޓަށާއި މަޖިލީހަށްވެސް ބަޖެޓް ދާއިރު އެސްއެމްއީތަކަށް ކަނޑައަޅާފައިހުންނަ ބަޖެޓް އަދިވެސް އިތުރުކުރުންކަމަށެވެ.
"މިހާތަނަށް އައިއިރު އެއް ބިލިއަން ރުފިޔާގެ އެޕްލިކޭޝަން އަޅުގަނޑުމެންނަށް އައިސްފައި އެބަހުރި. ކޮންމެގޮތެއްވިޔަސް އަޅުގަނޑުމެން ޖެހޭނީ އޭގެތެރެއިން އެއްބަޔަކު ދޫކޮށްލަން. ބޮޑުބައި ދޫކޮށްލަން. ފައިސާ މިހުންނަނީ ވަކިވަރަކަށް،" މިނިސްޓަރ ވިދާޅުވިއެވެ.
އެސްއެމްއީ ބެންކުން ލޯނު ދޫކުރާއިރު ޒުވާނުންނާއި އަންހެނުންނަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް %80 ލޯނު ދޫކޮށްފައިހުރީ ޒުވާނުންނަށްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެސްއެމްއީ ބެންކު އުފެދުމުގެ މައިގަނޑު މަޤްސަދަކީ ވިޔަފާރިތަކުގެ އަތުގައި ހިފައިގެން އެމީހުން ކުރިއެރުވުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އެސްއެމްއީ ބޭންކު ހިންގުމަށްޓަކައި އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން މައިގަނޑު 4 ދާއިރާއަކުން ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެ ހަތަރު ދާއިރާއަކީ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ދޫކުރާ "ރަށު ފަތުރު ލޯން ސްކީމް" އާއި، ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދޫކުރާ "ވިޔަފާރިއެހީ ލޯން ސްކީމް" އެވެ. އަދި ވިޔަފާރިތަށް ފުޅާކުރުމަށް ބޭނުންވާ މުދާ ގަތުމަށް ދޫކުރާ "ހަރު މުދާ ލޯން ސްކީމް" އާއި ދަނޑުވެރިކަން ކުރިއެރުވުމަށް "ދަނޑުވެރި ނަފާ"ގެ ނަމުގައި ދޫކުރާ ލޯން ސްކީމެވެ.