ދެހާސް ސޯޅަވަނަ އަހަރަކީ ރާއްޖެއަށް ޒިޔާރަތްކުރާ އަހަރުގެ ގޮތުގައި ހަމަޖައްސަވާ، މިކަން ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިފްތިތާހް ކޮށްދެއްވައިފިއެވެ.މިކަން އިފްތިތާހް ކޮށްދެއްވީ އދ ގެ ފަތުރުވެރިކަމާއި ބެހޭ ޖަމްއިއްޔާ، ޔޫއެން ޑަބްލިއު ޓީ އޯގެ ހަތާވީސްެ ވަނަ މިނިސްޓީރިއަލް ކޮންފަރެންސް ފެށުމަށް ބަނޑޮސް އައިލެންޑް ރިސޯޓްގައި ބޭއްވި ރަސްމިއްްޔާތުގައެވެ.މިފަހަރުގެ ކޮންފަރެންސް ރާއްޖޭގައި ކުރިއަށްދާއިރު، މިއީ ޔޫއެން ޑަބްލިއު ޓީ އޯގެ ކޮމިޝަނަރ ފޯރ ސައުތު އޭޝިޔާ އަދި ކޮމިޝަނަރ ފޯރ އީސްޓް އޭޝިޔާ އެންޑް ޕެސިފިކް ގުޅިގެން ކުރިއަށްގެންދާ ކޮންފަރެންސެކެވެ.މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ފަތުރުވެރިކަމަކީ ދިވެހިރާއްޖެއަށް އެތައްގޮތަކުން ފައިދާ ހޯދިދާނެ ދާއިރާއެއް ކަމަށާއި، ފަތުރުވެރިކަމުގެ އެހީގައި ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން ލިބޭ ދާއިރާތައް އިތުރުވަމުންދާ ކަމަށެވެ.މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބު ވިދާޅުވީ އިގްތިސާދީގޮތުން އެންމެ ބޭނުންވާ ބާރުމިނުގައި ދުނިޔޭގެ އިގްތިސާދު ރަގަޅުވަމުން ނުދިޔަ ނަމަވެސް އޭޝިޔާ ސަރަހައްދަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުވެ، މި ސަރަހައްދުގެ އިގްތިސާދުތަކަށް ފަހިކަން ލިބެމުންދާ ކަމަށެެވެ.މި ރަސްމިއްޔާތުގައި ޔޫއެން ޑަބްލިއު ޓީ އޯގެ ސެކްރެޓްރީ ޖެެެނެރަލް ޠާލިބް ރިފާއީ ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ހުޅުވިފައިވާ ސިޓީއެއް އަރުއްވާފައެވެ.މި ކޮންފަރެންސްގައި މިއަދު ދެން އޮންނާނީ މިނިސްޓަރުންގެ ބައްދަލްވުންތަކެވެ.މާދަމާ ސަރަހައްދީ ބައްދަލްވުންތައް ބާއްވާއިރު، ކޮންފަރެންސް ނިމިގެންދާނީ ބައިވެރިންނަށް ރާއްޖެ ދައްކާލުމަށްފަހުގައެވެ.