ޚަބަރު

ކިރިބާސްގެ ކުރީގެ ރައީސް ނާއިބުރައީސް ފައިޞަލްއާއި ބައްދަލުކުރައްވައިފި


ކިރިބާސްގެ ކުރީގެ ރައީސް އަދި އދ. ގައި އެޤައުމު ތަމްޞީލުކުރައްވާ ސަފީރު، ޓެބުރޯރޯ ޓީޓޯ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ކިރިބާސްގެ ކުރީގެ ރައީސް ވަނީ ރާއްޖެއާ ކިރިބާސް ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ އެކިއެކި މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން މި ދެޤައުމު ފަދައިން އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް، އޭއޯސިސްގައި ހިމެނޭ ޤައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް ދެ ބޭފުޅުންގެ ވާހަކަފުޅުގައި އަލި އަޅުއްވައިލެއްވިއެވެ.

މީގެ އިތުރުން ދެ ބޭފުޅުން ވަނީ ތަރައްޤީގެ ކަންކަމުގައި ދެޤައުމުން އިސްކަންދޭ ބައެއް ކަންކަމުގެ މައްޗަށްވެސް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ހިންގުމުގެ ދާއިރާއާއި އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއާ އަންހެނުން ބާރުވެރިކުރުވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.