ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ޑރ.އަޒްމިރާލްދާ ޒާހިރާއި، އަލްއުސްތާޛާ ޢާއިޝަތު ޝުޖޫން ޢައްޔަންކުރުމަށް ޖޭއެސްސީގެ ލަފައަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަައިގެންފައިވާތީ އެކަން ނުކުރެވޭނެކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މިކުއްލި މައްސަލަ ހުށަހަޅާފައިވަނީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲއެވެ. އޭނާއަކީ މިނިވަން މެންބަރެކެވެ. މިކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތީ 52 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލާގައި ރާއްޖޭގެ ޤާނޫނު އަސާސީގައި ރާއްޖޭގެ ދީނަކީ އިސްލާމް ދީންކަމަށާ، އިސްލާމް ދީނާ ޚިލާފަށް އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށް ބަޔާންކޮށްފައިވާތީ، ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ދެއަންހެން ބޭފުޅެއްގެ ނަން، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވުމަކީ އިސްލާމްދީނުގެ އަސްލުތަކާ ޚިލާފުކަމެއްކަމަށް ނަޝީދު ވިދާޅުވިއެވެ. އަންހެން ފަނޑިޔާރުން ޢައްޔަންކުރުމަކީ ހަރާމްކަމެއްކަމަށާއި، ރާއްޖޭގެ ދީނީ ގިނަ ޢިލްމުވެރިންވެސް އެގޮތަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ނޮޅިވަރަމް ދާއިރާގެ މެންބަރުންގެ މިކުއްލި މައްސަލައަށް ބަހުސްކުރެއްވި ގިނަ މެންބަރުން ވަނީ އެމައްސަލައާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. މިކުއްލި މައްސަލައަށް ބަހުސްކުރައްވަމުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ، އަންހެނުންނަށް ފިރިހެނުންނެކޭ އެއްފަދައިން މަސައްކަތްކުރުމުގެ ޖާގަ ތަނަވަސްކޮށްދޭންޖެހޭކަމަށެވެ. އިސްލާމީ ތާރީޚުގައި އަންހެނުންނަކީ ފިރިހެނުންނެކޭ އެއްފަދައިން ޢިލްމީ، އިޖްތިމާޢީމަސައްކަތުގައި އުޅުއްވިތަން ފެނިފައިވާކަމަށާ، އަންހެނުންނަކީ ޚާއްޞަ މަޤާމެއް ދެވިފައިވާ ބައެއްކަަމަށެވެ. ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ރައީސް ނިންމެވި ނިންމެވުމަކީ ތާރީޚީ ނިންމުމެއްކަމަށް ވިދާޅުވިއެވެ.
"އަންހެނުންނަށް އެފަދަ މަޤާމުތައް ނުދިނުމަކީ އިހުގެ ބޯދާ އަންޒަމާނުގަ ދެކެމުން އައިކަމެއް. އަދިވެސް އެކަންކަމުގަ ތިބެންވީތޯ؟ މިއީ ރައީސް ނިންމެވި އެންމެ ރަނގަޅު އެއް ނިންމެވުން. އަޅުގަނޑޫ ތާޢީދުކުރަން." ޝަރީފް ވިދާޅުވިއެވެ.
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ އަންހެނުންނަށް ފުރުޞަތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްތަކަށް މަރުޙަބާ ދަންނަވާފައެވެ. ރޮޒައިނާ ވަނީ އަންހެނުންނަށް ފުރުޞަތު ހަނިކުރުމަށް ވާހަކަ ދައްކަން ނުޖެހޭކަމަށާއި، ދުނިޔގެ އެންމެ އިސް މަޤާމުތަކުގައި އަންހެނުން ތިބިކަމަށްވެސް ވިދާޅުވިއެވެ.
"މެލޭޝިއާގެ އުއްތަމަ ފަނޑިޔާރަކީ އަންހެން ބޭފުޅެއް. ޕާކިސްތާންގައިވެސް އެ މަޤާމުގަ ހުންނެވީ އަންހެން ބޭފުލެއް. ބަނގުލަދޭޝް ސުޕްރީމް ކޯޓްގައި ތިއްބެވީ 7 އަންހެން ފަނޑިޔާރުން. މޮރޮކޯ، ސޫދާން އެނޫންވެސް އިސްލާމް ޤައުމުތަކުގަ އެތައް އަހަރެއްކުރިންފެށިގެން އެ ތިއްބެވީ އަންހެން ބޭފުޅުން. ރައީސްގެ މި ނިންމެވުމަކީ މުޅި ޤައުމު ސާބަސްދީ އަތްޖަހަންޖެހޭ ކަމެއް." ރޮޒައިނާ އާދަމް ވިދާޅުވިއެވެ.
ގަލޮޅު އުތުރުދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވީ އަންހެނުން ފަނޑިޔާރުކަމަށް ޢައްޔަންކުރުމަކީ ޤާނޫނާވެސް އަދި އިސްލާމް ދީނާވެސް ޚިލާފުކަމެއް ނޫންކަމަށެވެ. އެކަމާ ދެކޮޅުހަދަނީ އަންހެހުންނަށް ނަފްރަތުކުރާ ބަޔަކުކަމަށާ، އެމީހުންނަކީ އަންހެންގެ ބާރުވެރިކަމަށް ބިރުގަންނަ މީހުންކަމަށްވެސް އީވާ ވިދާޅުވިއެވެ.
"ރައީސް ދެއަންހެހުންގެ ނަން ފޮނުވުމަކީ ބުއްދިވެރިކަމެއް. އިންސާފްވެރިކަމެއް. މޮޅުކަމެއް އަދި މަޖުބޫރުަކަމެއް. އިރާދަކުރެއްވިއްޔާ ވެރިކަންކުރާ މަރުހަލާއަށްވެސް އަންހެނުން އަންނާނެ. އިރާދަކުރެއްވިޔާ ދެން ނޮޅިވަރަމް ދާއިރާއަށް އިންތިޚާބުކުރާނީވެސް އަންހެނެއް. އެކަމަށް މިމައްސަލަ ހުށައެޅުއްވި މެންބަރު ތައްޔާރަށް ހުންނެވުމަށް ގޮވާލަން." އީވާ ވިދާޅުވިއެވެ.
ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ޢަދަދު 7 ފަނޑިޔާރުންނަށް އިތުރުކުރުމަށް މަޖިލީހުން ގެނައި އިޞްލާހާ ގުޅިގެން ފަނޑިޔާރުކަމށް ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޖޭއެސްސީގެ ލަފައަކަށް ފޮނުއްވާފައިވާ ޑރ.އަޒްމިރާލްދާއާއި އަލްއުސްތާޛާ ޢާއިޝަތު ޝުޖޫންގެ ނަންފުޅު ބަލައިގަތުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.
މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދެއްކެވި ގިނަމެންބަރުން ވަނީ ދުނިޔޭގެ ގިނަ އިސްލާމީ ޤައުމުތަކުގައި އަންހެން ފަނޑިޔާރުން ތިއްބެވިކަން ފާހަގަކުރައްވާފައެވެ. އަދި ދުނިޔޭގެ ގިނަ ޤައުމުތަކުގެ ވިސްނުންހުރީ އަންހެނުން ބާރުވެރިކުރުމަށްކަމަށްވެސް ވިދާޅުވިއެވެ. ބައެއް މެންބަރުން ވަނީ އަޒްމިރާލްދާއަށާ، ޝުޖޫންނަށް ރުހުން ދޭން ފެންނަކަމަށް ވޯޓް ދޭނެކަމަށްވެސް ވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ.