މަސްވެރިކަމާއި ބެހޭ ބިލުގައި ތަފްސީލު ހިމަނާފައިނުވަނީ އެކަމާ ގުޅޭ ޤަވާއިދުތަކުގައި ތަފްސީލްތައް ހިމެނުމަށްކަމަށް މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އެގްރިކަލްޗަރއިން ހާމަކޮށްފިއެވެ.
މިނިސްޓްރީން މިހެން ވިދާޅުވެފައިވަނީ، މަސްވެރިކަމަށް ޤާނޫނީ ބާރުވެރިކަން ހޯދުމަށްޓަކައި ސަރުކާރުން އެކުލަވާލާފައިވާ މަސްވެރިކަމާއި ބެހޭ ބިލަށް އިސްލާޙުތައް ގެނައުމަށް ގޮވާލާ ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.
ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މިނިސްޓްރީގެ ފިޝަރީސް ކޮމްޕްލަޔަންސްގެ ޑިރެކްޓަރ، އާދަމަ ޒިޔާދް ވިދާޅުވީ ސަރުކާރުން އެކުލަވާލާފައިވާ މަސްވެރިކަމާބެހޭ ބިލަކީ ފްރޭމްވޯރކް ޤާނޫނެއްކަމަށެވެ. އަދި މި ބިލުގައި ހިމަނާފައިވަނީ ހަމައެކަނި ހަމަތަކާއި އުސޫލުތަކެއްކަމަށާއި މީގައި ތަފްސީލު ހިމަނާފައިނުވަނީ މިނިސްޓްރީއަށް ލިބިފައިވާ ބާރުގެ ދަށުން ޤާނޫނުގައި ކަނޑައަޅާފައިވާ ހަމަތަކާއި އެއްގޮތަށް ތަފްސީލު ހިމެނޭ ޤަވާއިދުތައް އެކުލަވާލާ ތަންފީޒުކުރުމަށްޓަކައިކަމަށް ޒިޔާދް ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ ޤަވާއިދުތައް ހަދައިގެން ކަންކަން ތަންފީޒުކުރުމަށް ނިންމާފައިވަނީ އިތުރު ޤާނޫނުތައް ހަދައިގެން އެކަންކަން ނުކުރުމަށްކަމަށެވެ.
މަސްވެރިކަމުގެ ސިނާޢަތު ހަރުދަނާކުރުމަށްޓަކައި ސަރުކާރުން އެކުލަވާލާފައިވާ ބިލް މަޖިލީހަށް ހުށަހަޅާފައިވާއިރު މިބިލަށް ވަރަށް ގިނަ އިސްލާޙުތަކެއް އަންނަން ޖެހޭކަމަށް މަޖިލީހުގެ ގިނަ މެމްބަރުންވެސް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް، ފިޝަރީސް މިނިސްޓްރީން ބުނީ ސަރުކާރުން ހުށަހަޅާފައިވާ މިބިލަކީ މަސްވެރިންގެ ޙައްޤުތައް ރައްކާތެރިކޮށް މަސްވެރިންގެ ޤާނޫނު ހަރުދަނާކުރެވޭނެ ބިލެއްކަމަށެވެ.
މަޖިލީހަށް ހުށަހަޅާފައިވާ މި ބިލުގައި ޖުމްލަ 12 ބާބު އަދި 80 މާއްދާ ހިމެނެއެވެ. ބިލުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި މަސްވެރިކަން ކުރުމުގެ ހުއްދަ ބޭރުގެ އެއްވެސް އުޅަނދަކަށް ނުދިނުމާއި، ބޭރުގެ ބޯޓު ފަހަރުތައް ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް އައިސް މަސްވެރިންގެ އަތުން މަސް ގަތުމުގެ ފުރުސަތު ދިނުން ހިމެނެއެވެ. މިގެ އިތުރުން އޮފްޝޯ ޕްލެޓްފޯމް އަޅާ ހިންގުމަށާއި ގޭދޮށު މަސްޕްލާންޓާއި މަސްވެރިކަމާއި ގުޅޭ އިތުރު ޤަވާއިދުތައް ހެދުންވެސް ހިމެނެއެވެ.