އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ޚާއްސަކޮށްގެން މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީން ބޭއްވި ބިލްޑެކްސް އެކްސްޕޯ ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
މި އެކްސްޕޯ ކުރިއަށްދިޔައީ މިމަހުގެ 22 އިން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައެވެ.
އިމާރާތްކުރުމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ ބިލްޑެކްސް އެކްސްޕޯ ނިންމާލާފައިވާއިރު މިފަހަރުގެ އެކްސްޕޯ ވަރަށްވެސް ކާމިޔާބުކަމަށް މަސީން ބުނެއެވެ. އެގޮތުން އެކްސްޕޯ ބޭއްވި ތިން ދުވަހުވެސް ހާހަކަށް ވުރެ ގިނަ ފަރާތްތަކުން އެކްސްޕޯއަށް ޒިޔާރާތްކޮށްފައިވާކަމަށް މަސީން ބުނެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މަސީގެ އެގްޒެކެޓިވް ބޯޑު މެމްބަރު އައިމިނަތު ސޫޒަން ވިދާޅުވީ، މިއަހަރުގެ އެކްސްޕޯގެ ކާމިޔާބީއާއެކު އަންނަ އަހަރުވެސް މި އެކްސްޕޯ ބޭއްވުމަށް މަސީން ރާވާފައިވާކަމަށެވެ. އެގޮތުން އަންނަ އަހަރުގެ އެކްސްޕޯ ޚާއްސަކުރާނީ ޒުވާނުންނަށް ޚާއްސަކޮށްގެން ޒުވާނުން މިދާއިރާގައި ބިނާކުރުމަށްކަމަށް ސޫޒަން ވިދާޅުވިއެވެ.
"މިއަންނަ އަހަރުވެސް އެކްސްޕޯ ބާއްވަން އަޅުގަނޑުމެން މިވަނީ ނިންމާފަ. އަންނަ އަހަރު އަޅުގަނޑުމެން ބޮޑަށް ބޭނުންވަނީ ޒުވާނުންނަށް ޓާގެޓްކޮށް ޒުވާނުން ބިނާކުރުމަށް. މިހާރުވެސް ތައްޔާރީތައް ވަމުން އަޅުގަނޑުމެން މިދަނީ." ސޫޒަން ވިދާޅުވިއެވެ.
މިއަހަރުގެ އެކްސްޕޯގައި 10 ޤައުމަކުން 300 އެގްޒިބިޓަރުން ބައިވެރިވެފައިވާއިރު މި ފަރާތްތަކުގެ މަޢުލޫމާތު ފޯރުކޯށްދިނުމަށް 100 އަށް ވުރެ ގިނަ ސްޓޯލް ބަހައްޓާފައިވެއެވެ. މީގެ ތެރޭގައި ޢިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ކޮންސްޓްރަކްޝަން ކޮންސަލްޓެންސީ ދޭ ފަރާތްތަކާއި ގޭތެރެ ޒީނަތްތެރިކުރުމުގެ ސާމާނު ވިއްކާ ފަރާތްތަކާއި އެނޫންވެސް އެފަދަ ޚިދުމަތްދޭ ކުންފުނިތައް ހިމެނެއެވެ.
މަސީން ބުނީ މިއަހަރު އެކްސްޕޯގައި ގިނައިން ރަޖިސްޓްރީވީ ބޭރުގެ ފަރާތްތައްކަމަށާއި އެހެންނަމަވެސް މަސީގެ އުއްމީދަކީ އަންނަ އަހަރު ބާއްވާ އެކްސްޕޯގައި ގިނަ ދިވެހި ކޮންޓްރެކްޓަރުން ބައިވެރިވުންކަމަށެވެ.
ބިލްޑެކްސް އެކްސްޕޯގެ މިއަހަރުގެ ތީމަކީ "ބިލްޑް ސޭފް ލިވް ސޭފް" އެވެ. ފާއިތުވި އަހަރުތަކުގައި މިއެކްސްޕޯ ބާއްވާފައިވަނީ ބިލްޑް އެންޑް ހޯމް އެކްސްޕޯގެ ނަމުގައެވެ. އެހެންނަމަވެސް އެކްސްޕޯ އިތުރަށް ހަރުދަނާކުރުމަށްޓަކައި މަސީން ވަނީ އެކްސްޕޯގެ ނަން "ބިލްޑެކްސް އެކްސްޕޯ" އަށް ބަދަލުކޮށްފައެވެ.