ޚަބަރު

ޓްރީ ޓޮޕް ހޮސްޕިޓަލުން އޮޕަރޭޝަނެއްކޮށް، އަންހެނެއްގެ ކަންފަތުގެ އިވުން އެއްކޮށް ރަނގަޅުކޮށްފި


އަމިއްލަ ފަރާތަކުން ހުޅުމާލެގައި ހިންގާ ޓްރީ ޓޮޕް ހޮސްޕިޓަލުން ކާމިޔާބުކަމާއިއެކު ކަންފަތުގެ އޮޕަރޭޝަނެއްކޮށްފިއެވެ.

ޕީއެސްއެމް ނިއުސަށް މަޢުލޫމާތު ދެއްވަމުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑިރެކްޓަރ ބިޒްނަސް ޑިވެލޮޕްމަންޓް އިބްތިޝާމާ އަޙްމަދު ސަޢީދު ވިދާޅުވީ ކަންފަތުގެ އޮޕަރޭޝަން ކޮށްފައިވަނީ މެދު އުމުރުގެ ދިވެހި އަންހެނެއްގެ ކަމަށާއި އެ އޮޕަރޭޝަން ވަރަށް ކާމިޔާބުކަމަށެވެ. ޓްރީ ޓޮޕް ހޮސްޕިޓަލްގެ އީއެންޓީ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމަކުން ކުރި މި އޮޕަރޭޝަންގައި އެ އަންހެން މީހާގެ އެއް ކަންފަތުގެ އިވުން އެއްކޮށް ރަނގަޅުކުރެވިފައިވާކަމަށް އިބްތިޝާމާ ވިދާޅުވިއެވެ. އަދި އޭނާ މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށާއި ކައިރި މުސްތަޤުބަލެއްގައި އޭނާގެ ދެވަނަ ކަންފަތްވެސް އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައިވާކަމަށް އިބްތިޝާމާ ވިދާޅުވިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ފަރުވާ ހޯދުމުގެ ކުރިން އެ އަންހެން މީހާ އަވަށްޓެރި ސްރީ ލަންކާއާއި އިންޑިއާއިންވެސް ފަރުވާ ހޯދާފައިވެއެވެ. އަދި ކަންފަތުގައި އިވުމުގެ މައްސަލަ އުޅޭތާ 10ވަރަކަށް އަހަރުވެދާނެކަމަށްވެސް އޭނާއާ ހަވާލާދީ ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.

ސުޕަރ ސްޕެޝަލިސްޓް ޚިދުމަތްތަކާއެކު ޓަރޝިއަރީ ފެންވަރުގައި ތަރައްޤީކޮށްފައިވާ ޓްރީ ޓޮޕް ހޮސްޕިޓަލުން މީގެކުރިން ރާއްޖެއިން ލިބެންނެތް އެތައް ޚިދުމަތްތަކެއް ފޯރުކޮށްދެމުން ދެއެވެ. މީގެތެރޭގައި ކަރުންމަތީގެ ޙާއްސަ އޮޕަރޭޝަންތަކާއި ކަށީގެ ޙާއްސަ އޮޕަރޭޝަންތަކާއި ސައިނަސްއާއި އެނޫންވެސް ބައެއް އުނދަގޫ އޮޕަރޭޝަންތައް ހިމެނެއެވެ.