ޤައުމުގައި ކަންކަން ނިންމާ ފެންވަރު މަޤާމުތަކަށް އަންހެނުން ކުރިމަތިލެއްވުމަށް ގޮވާލައްވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އަންހެން ދެ ފަނޑިޔާރެއްގެ ނަން ރަޢީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވުމުން ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް މަރުޚަބާ ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ.އަޒްމިރާލްދާ ޒާހިރާއި، އަލްއުސްތާޛާ އައިޝާ ޝުޖޫން މުޙައްމަދު ޢައްޔަނުކުރެއްވުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުގެ ލަފާފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ހުށަހަޅުއްވާފައެވެ. އެކަމަށް މަރުޚަބާ ވިދާޅުވެ، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދަކީ ތާރީޚީ ދުވަހެއްކަމަށާއި، ހުޅުވިގެންމިދަނީ ފަހި ފުރުޞަތެއްކަމަށް ވިދާޅުވެފައެވެ. އަދި ނިންމުންތައް ނިންމާ ފެންވަރުގެ މަޤާމްތަކަށް ދިވެހި އަންހެނުން ކެރިގެން ކުރިމަތިލެއްވުމަށް އެކަމަނާ ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން ކައުންސިލްތަކުގެ %33 އަންހެނުންނަށް ޚާއްޞަކުރުމަށާއި، މިންތީގެ ހަމަހަމަކަމަށް ބާރުއަޅުއްވާނެކަމަށް އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ވިދާޅުވުމަށްވެސް ޖެންޑަރ މިނިސްޓަރ ވަނީ ތަޢުރީފު ކުރައްވާ އެކަމަށް މަރުޚަބާ ވިދާޅުވެފައެވެ. މިނިސްޓަރ ޝިދާތާ ވިދާޅުވީ، ފަހަތަށް ޖެއްސިފައިވާ ގިނަ ދާއިރާތަކަކުން މި ދައުރުގައި އަންހެނުން ފައިހަމަކުރާނެކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަކީ އަންހެނުން ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރާ ސަރުކާރެއްކަން ފާހަގަކުރައްވާ، މިނިސްޓަރ ޝިދާތާ މީގެކުރިންވެސް ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ތަޢުރީފުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ކެބިނެޓުން ފެށިގެން ސަރުކާރުގެ މުއައްސަސާތަކާއި، ކުންފުނިތަކުގެ ބޯޑު މެމްބަރުންގެ ގޮތުގައި އަންހެނުންނަށް ގިނަ ފުރުޞަތުތަކެއް ދެއްވާފައިވާކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.