ޚަބަރު

1000 ސިވިލް ސަރވަންޓުން ތަމްރީންކުރުމާގުޅޭގޮތުން އިންޑިއާއާއެކު މަޝްވަރާކޮށްފި


ރާއްޖޭގެ އެއް ހާސް ސިވިލް ސަރވަންޓުން ތަމްރީނުކުރުމާ ގުޅޭގޮތުން އިންޑިއާގެ ކަމާބެހޭ ފަރާތްތަކާއެކު ސިވިލް ސަރވިސް ކޮމިޝަނުން މަޝްވަރާކުރައްވައިފިއެވެ.

އެއް ހާސް ސިވިލް ސަރވަންޓުން ތަމްރީންކުރުމާގުޅޭގޮތުން މަޝްވަރާކޮށްފައިވަނީ އިންޑިއާގެ ޑިޕާޓްމަންޓް އޮފް އެޑްމިނިސްޓްރޭޓިވް ރިފޯމްސް އެންޑް ޕަބްލިކް ގްރީވެންސެސްއާއި، ސެންޓަރ ފޯރ ގުޑް ގަވަރނަންސްގެ އިސްވެރިންނާއެކު ކުރިއަށްގެންދިޔަ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި އިންޑިއާއާއެކު ދިވެހިރާއްޖެއިން ވެފައިވާ "ޓްރެއިނިންގ އެންޑް ކެޕޭސިޓީ ބިލްޑިންގް ޕްރޮގްރާމް ފޯރ މޯލްޑިވިއަން ސިވިލް ސަރވަންޓްސް" އެއްބަސްވުމުގެ ދަށުން، ސިވިލް ސަރވިސް މުވައްޒަފުންނަށް ބޭނުންވާ ތަފާތު ތަމްރީން ޕްރޮގްރާމްތައް ދެޤައުމު ގުޅިގެން ކުރިއަށްގެންދާނެ ގޮތްތަކާމެދު ވަނީ މަޝްވަރާކޮށް ޚިޔާލު ބަދަލުކޮށްފައެވެ.

އަދި މިތަމްރީންތައް ކުރިއަށްގެންދާނެގޮތުގެ ޓައިމްލައިނެއް އެކުލަވާލާފައިވާއިރު، މިއެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ފުރަތަމަ ތިން ތަމްރީން ޕްރޮގްރާމްވެސް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ މިއަހަރުގެ ފަހު ކުއަރޓަރގައެވެ.

އެގޮތުން ފުރަތަމަ ދެ ޕްރޮގްރާމް ސިވިލް ސަރވިސްގެ މެދު ފަންތީގައި މަސައްކަތްކުރާ ފަސްދޮޅަސް މުވައްޒަފަކަށް ޚާއްސަކޮށްގެން މިއަންނަމަހުގެ ސޯޅައިން އަށާވީހަށް، އަދި ނޮވެމްބަރުމަހުގެ އަށާރައިން ތިރީހަށް ކުރިއަށްގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ. އަދި އެންމެ މަތީ ފަންތީގައި މަސައްކަތްކުރާ ތިރީސް މުވައްޒަފަކަށް އަމާޒުކޮށްގެން ބާއްވާ ތިންވަނަ ތަމްރީން ޕްރޮގްރާމް ޑިސެމްބަރުމަހުގެ 2 އިން 14އަށް ބޭއްވުމަށްވެސް ނިންމާފައިވެއެވެ.

މިތަމްރީން ޕްރޮގްރާމްތައް އެންމެ އެކަށީގެންވާގޮތުގައި ރާވާ ހިންގުމަށާއި، މިއީ ނަތީޖާ ޙާޞިލުވާ ޕްރޮގްރާމްތަކަކަށް ހެދުމަށްޓަކާ ރާއްޖެއާއި އިންޑިއާގެ ކަމާގުޅޭ ބޭފުޅުން ހިމެނޭހެން ޚާއްސަ އެކަޑެމިކް ކޮމެޓީއެއް އެކުލަވާލުމަށްވެސް މި މަޝްވަރާތަކުގައިވަނީ ނިންމާފައެވެ. މިމަޝްވަރާތަކުގައި އިންޑިއާ ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމްގެ އަރިހަށް ޒިޔާރަތްކުރައްވައި މިތަމްރީން ޕްރޮގްރާމްތަކާ ގުޅޭގޮތުން އެމަނިކުފާނަށް މަޢުލޫމާތު އަރުވާފައެވެ.

އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގެ ސިވިލް ސަރވިސް ދާއިރާގައި މަސައްކަތްކުރާ އެއް ހާސް މުވައްޒަފުން ތަމްރީން ކުރުމުގެ ޚާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިއަހަރުގެ ޖޫންމަހު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ދާއިރާ ހަރުދަނާކޮށް ތަރައްޤީކުރުމަށް އިންޑިއާއިން އެއްބާރުލުން ދިނުމުގެ ގޮތުން ވެވުނު މިއެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭ ރާއްޖޭގެ އެއް ހާސް ސިވިލް ސަރވަންޓުން ތަމްރީންކުރުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން އިންޑިއާއިން ފޯރުކޮށްދޭނެއެވެ.