ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް މުޙައްމަދު ނިޒާރު މަޤާމުން އިސްތިއުފާދެއްވައިފިއެވެ.
ޕީބީސީން އިސްތިއުފާދެއްވާ ނިޒާރު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ 5 އަހަރާއި 26 ދުވަހު ޚިދުމަތްކުރެވިފައިވާކަމަށާއި، ޤައުމީ ޚިދުމަތުގައި 34 އަހަރު ހޭދަކުރައްވާފައިވާކަމަށެވެ. އޭނާ ވަނީ ޕްރައިވެޓައިޒޭޝަން ބޯޑު މެންބަރުންނަށާއި މުވައްޒަފުންނަށް ޝުކުރުއަދާކުރައްވާފައެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން ނިޒާރު އިސްތިއުފާދެއްވާފައި މިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އުވާލައި އަލުން އެބޯޑް އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވާފައިވަނިކޮށެވެ.
ދައުލަތުގެ ވިޔަފާރިތަންތަން ޕްރައިވަޓައިޒް ކުރުމާއި، ކޯޕްރަޓައިޒް ކުރުމަށާއި، އަދި މޮނިޓާކޮށް އިވެލުއޭޓް ކުރުމަށް އުފެދިފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު މުރާޖާކޮށް، ރައްޔިތުންގެ މަޖިލީހުގެ ކުންފުނިތަކާއި ބެހޭ ކޮމިޓީ "ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް"، އެސްއޯއީ ކޮމިޓީން ނިންމެވި ރިޕޯޓްގައިވަނީ މިހާރު އޮތް ޕީސީބީ ބޯޑްގެ މެމްބަރުންގެ ޤާބިލްކަމެއް ނެތްކަމަށާއި، އެބޯޑުއަލުން އެކުލަވާލަން ޖެހޭކަމަށެވެ.
އަދި ކުރީ ސަރުކާރުގައި އެބޯޑަށް 5 މެމްބަރުން އައްޔަންކުރައްވާފައިވީ ނަމަވެސް ޕީސީބީގެ ޤާނޫނުގައި 7 މެމްބަރުން ތިބެންޖެހޭކަމަށް ލާޒިމްކުރާކަން ކޮމިޓީގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެ މެމްބަރުން ކަޑައަޅަންޖެހެނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއި އެކުގައިކަމަށް ޤާނޫނުގައި ބުނެފައިވީނަމަވެސް މިހާތަނަށް ތިބި 5 މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައި ނުވާކަމަށްވެސް ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ދައުލަތުގެ ވިޔަފާރިތަންތަން ޕްރައިވަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން ބޯޑް އެކުލެވިގެންވަނީ ބޯޑުގެ ރައީސާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 7 މެމްބަރުންގެ މައްޗަށް ކަމަށެވެ. އަދި ބޯޑް މެމްބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ މެމްބަރުން އައްޔަންކުރެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންވާނެކަމަށްވެސް ބުނެފައިވެއެވެ. ޕްރައިވަޓައިޒޭޝަން ބޯޑުގެ މެމްބަރުންގެ ދައުރަކީ 4 އަހަރެވެ.