ޚަބަރު

އެނބޫގޯޅި އާއި ގުލްއަލާގޯޅި ހިނގާފަ އުޅޭ ދެ ގޯޅިއަށް ބަދަލުކޮށްފި


ހިނގާފަ އުޅޭ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާ، މައްޗަންގޯޅީ އެނބޫގޯޅި އާއި ގުލްއަލާގޯޅި ހުޅުވައިފިއެވެ.މިކަމަށްޓަކާ އެސަރަހައްދުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މި ދެ ގޯޅި ރަސްމީ ގޮތުން ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓަރ ޑރ މުޙައްމަދު ޝައިނީއެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑރ ޝައިނީ ވިދާޅުވީ ހަނި މަގުތަކަށް ލުޔެއް ގެނެސްދިނުމަށްޓަކާ ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ މިސިޔާސަތުގެ އަމާޒަކީ ވީހާވެސް ގިނައިން މީހުން މަގުމައްޗަށް ނިކުމެ، އިޖްތިމާޢީ ދުޅަހެޔޮކަމާއި ރައްކާތެރިކަން ގާއިމުކުރުން ކަމަށެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެނބޫގޯޅި އާއި ގުލްއަލާގޯޅި ހިނގާފަ އުޅޭ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅީ އެދެގޯޅީގައި ދިރިއުޅޭ ރައްޔިތުންގެ އެދުމުގެ މަތިންކަމަށާއި މި ސިޔާސަތަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިއަހަރު ކުރީކޮޅު އިޢުލާނު ކުރެއްވި ސިޔާސަތުގެ ދަށުން ކުރިއަށްދާ ޕްރޮގްރާމެއްކަމަށެވެ. އަދި މި ދެގޯޅީގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްސަކޮށްގެން މައްޗަންގޯޅީ ސަހަރާއާއި އިންވެގެން ޕާކިން ޒޯނެއް ހަދާފައިވާކަމަށާއި، އެޕާކިން ޒޯން އިތުރަށް ބޮޑުކުރުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މިނިސްޓަރ މުއިއްޒު ވިދާޅުވީ، މިފަދަ ހަނި ގޯޅިތަކުގައި ދިރިއުޅޭ ރައްޔިތުން މިކަމަށް އެދި ސަރުކާރަށް ހުށަހަޅައިފިނަމަ ސަރުކާރުން އެކަން ކޮށްދެއްވާނެކަމަށެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރ އަހުމަދު ޒުހޫރު ވިދާޅުވީ، މައްޗަން ގޯޅީގައި ފުޓްސަލް ދަނޑެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށެވެ. އަދި މާލޭގައި އެޅުމަށް ހަމަޖެހިފައިވާ ސްޕޯޓްސް އެރީނާވެސް އެޅުމަށް ހަމަޖެހިފައިވަނީ މައްޗަންގޯޅީގައި ކަމަށް ޔޫތު މިނިސްޓަރ ވިދާޅުވިއެވެ.މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރ އަބްދުﷲ ސިނާން ވިދާޅުވީ، އެސަރަހައްދުގައި  އެޅުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތް ރޯދަމަހު ފުރަތަމަ ހަފުތާ ތެރޭ ނިމޭނެ ކަމުގެ ޔަގީންކަން ޔޫތު މިނިސްޓަރު އަޙްމަދު ޒުހޫރު ދެއްވާފައިވާ ކަމަށެވެ.