ކޮންމެ އަހަރެއްގެ އަޟްހާ ޢީދު ބަންދާ ދިމާކޮށް އޭދަފުށީގައި ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން 19 އަހަރަށްފަހު ސައިނޯސާ އެފްސީއިން ހޯދައިފިއެވެ.
ފުރަތަމަ ޑިވިޝަންގެ ގިނަ ކުޅުނެތެރިންތަކެއް ހިމަނައިގެން ނެރުނު ސައިނޯސާއިން ޗެމްޕިއަންކަން ހޯދީ އެމްއޭ ޔުނައިޓެޑާ ވާދަކޮށް 4-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
މި މެޗްގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ އެމްއޭ ޔުނައިޓެޑުންނެވެ. މިލަނޑު ޖަހާފައިވަނީ މެޗްގެ 39 ވަނަ މިނެޓްގައި އަލީ ފާސިރު (ސެންޓޭ)އެވެ.
ފުރަތަމަ ހާފް މިނަތީޖާގައި އޮވެގެން ނިންމާލިއިރު، ދެވަނަ ހާފް ފެށިގެން މާގިިނަ އިރުތަކެއް ނުވެ އެމްއޭއިން ދެވަނަ ލަނޑުޖަހާ އުއްމީދު އާކުރިއެވެ. މިލަނޑު ޖަހައިދިނީ އެމްއޭގެ މުޙައްމަދު ފާސިރުއެވެ.
މިލަނޑައްފަހުވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ވަނީ ދެޓީމަށްވެސްް ލިބިގެން ގޮސްފައެވެ. ސައިނޯސާއިގެ ފުރަތަމަ ލަނޑަކީ އެމްއޭ ކުޅުންތެރިއަކު ބައިކޮޅަށް ވަތް ލަނޑެކެވެ. މިލަނޑުޖެހުމުން ސައިނޯސާއިން ކުޅުން ރަނގަޅުކޮށް ލަނޑެއްޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ހަމްދާން އަބްދުއް ސައްތާރުއެވެ.
ސައިނޯސާއިން ޖެހި ތިންވަނަ ލަނޑަކީ އަލީ އަސްފާގް (ދަގަނޑޭ)އަށް އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިން ލަނޑެކެވެ. މިލަނޑުޖަހައިދީނީ ތަޖުރިބާކާރު ކުޅުންތެރިއާ މުޙައްމަދު އުމައިރު އެވެ.
މިލަނޑުޖެހިތާ މާގިނަ އިރުތަކެއް ނުވެ އަލީ އަޝްފާގް ވަނީ ހަތަރުވަނަ ލަނޑުޖަހާ ސައިނޯސާއަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދަދީފައެވެ.
މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ސައިނޯސާ އެފްސީގެ މުހައްމަދު އިމްރާންއެވެ. އެންމެ މޮޅު ޑިފެންޑަރަކަށް އެމްއޭ ޔުނައިޓެޑްގެ ސައީދު މަޙްމޫދު އަލްސަވަދް ހޮވުނުއިރު، އެންމެ މޮޅު މިޑްފިލްޑަރުގެ މަގާމާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ސައިނޯސާ އެފްސީގެ މުޙައްމަދު އުމައިރު އެވެ.
މުބާރާތުގެ އެނެމް މޮޅު ފޯވާޑް ކުޅުންތެރިއަކަށާ، އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއަކަށް ހޮވުނީ ސައިނޯސާ އެފްސީގެ އަލީ އަޝްފާގް (ދަގަނޑޭ)އެވެ.
މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވުނީ އެމްއޭ ޔުނައިޓެޑްގެ އަނޫސް މުހައްމަދެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ސައިނޯސާ އެފްސީގެ ކޯޗް މުޙައްމަދު ޝިފާން (ކުޑައްޓޭ)އެވެ.
ކޮންމެ އަހަރެއްގެވެސް ބޮޑުއީދާ ދިމާކޮށް ކުރިއަށްގެންދާ މިފުޓްބޯޅަ މުބާރާތް މިފަހަރު އިންތިޒާމުކޮށްފައިވަނީ އޭދަފުށީގެ ޖަމްއިއްޔާއެއްކަމަށްވާ ވެލާ ސްޕޯޓްސް ކްލަބުންނެވެ.