ޚަބަރު

މާލޭގެ ފަޅުތެރެއިން ފައްތިޔާ ދޫކުރާ އުސޫލަށް ބަދަލުގެންނަނީ


ޢީދު ބަންދަށްފަހު މާލޭގެ ފަޅުތެރެއިން އޮޑިދޯނި ފަހަރު އެޅުމަށް ފައްތިޔާ ދޫކުރާނީ މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް އެކަނިކަމަށް މާލޭސިޓީ ކައުންސިލުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ، މާލޭގެ ފަޅުތެރެ މިހާރު އޮތީވަރަށް ކަންބޮޑުވާ ހާލަތެއްގައިކަމަށެވެ. އެގޮތުން މާލޭގެ ފަޅުތަކަށް ކޮންމެ ދުވަހަކު ކައިރިކުރާ އުޅަނދުތަކުން ފަޅުތެރެއަށް އެކި ބާވަތުގެ ކުނި އަޅަމުންދާކަން ފާހަގަކުރެވޭކަމަށެވެ. އެހެންކަމުން އީދު ބަންދަށްފަހު އޮޑިދޯނިފަހަރާއި ބޯޓުތަކުގެ ކެޕްޓަނުން ކޮންމެހެން ބައިވެރިވާންޖެހޭގޮތަށް ކުރިއަށްގެންދަން ރާވާފައިވާ ޕްރޮގްރާމަކީ މިކަން ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ފަށާ ޕްރޮފްރާމެއް ކަމަށް ސިފާ ވިދާޅުވިއެވެ. އަދި މާލޭގެ ފަޅުތެރެއިން ފައްތިޔާ ދޫކުރާނީ އެ ޕްރޮގްރާމްގައި ބައިވެރިވުމުން ދޫކުރާ ސެޓިފިކެޓް އޮންނަ ފަރާތްތަކަށް އެކަނިކަމަށްވެސް ސިފާ ވިދާޅުވިއެވެ.

"މާލޭގެ ފަޅުތަކަށް ބޯޓުތަކުން އައިސް ކައިރިކޮށް އެ އަޅާ ދަޅުތަކާއި ފުޅިތަކަ ވަރަށް ކަންބޮޑުވާ ހާލަތަކަށް އަޅާމަުން ގެންދޭ. އީދަށްފަހު ފަށާނަން ޕްރޮގްރާމެއް މާލެ ކައިރިކުރާ ހުރިހާ ދޯނިފަހަރެއްގެ ކެޕްޓަނުން މި ޕްރޮގްރާމްގައި ބައިވެރިވާންޖެހޭނެ. މާލޭ ފަޅުން ފައްތިޔާ ދޫކުރާނީ މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތައް ބަލާހަ އެ ދޫކުރާ ލިޔުން އޮންނަ ފަރާތްތަކަށް." ސިފާ ވިދާޅުވިއެވެ.

ސިފާ ވިދާޅުވީ، މާލޭގެ ފަޅުތެރެއަށް ކުނިއެޅުން ހުއްޓުވުމަށް ޤަވާއިދުތަކާއި އުސޫލްތަކެއް ހުރިނަމަވެސް އެ ޤަވާއިދުތަކާއި އުސޫލުތައް އަލުން މުރާޖާ ކުރަންޖެހިފައިވާކަމަށެވެ. ސިފާ ވަނީ މާލޭގޭ ފަޅުތެރެއިން ކޮންމެ ދުވަހަކުވެސް ގިނަ ޢަދަދެއްގެ ކުނި ވެމްކޯއިން ނަގަމުން އަންނަކަން ފާހަގަކޮށްފައެވެ.

"މިހާރު ކޮންމެ ފަޅަކުންވެސް ކޮންމެ ދުވަހަކު އެބަނަގާ ސާޅީހަކަށް ކޮތަޅުގެ ކުނި. އެ ޢަދަދު ހަމަ ލާވަށާވެސްދާނެތާ. އެތައް ބައިވަރު ކުނި ކަޅު ކޮތަޅުތައް ފުރާ އެބަނަގާ. ކުނި ނަގަން ގިނަ ބަޔަކު ތިއްބަސް މިކަން މިހެން ނުވާނެގޮތަށް އެބަޖެހޭ ކަންކަން ހަމަޖައްސަން." ސިފާ ވިދާޅުވިއެވެ.

މިހާރު ޢަމަލުކުރަމުންދާ، މާލޭ ފަޅުތެރޭގެ ޢާންމު ޤަވާއިދުގައި ބުނެފައިވާގޮތުން ފަސިންޖަރުން އަރާފައިބާ ސަރަޙައްދުތަކުންނާއި، މުދާއަރުވާ ބޭލުމުގެ ހުއްދަދެވިފައިވާ އެއްވެސް ސަރަޙައްދަކަށް ކުނި އެޅުމަކީ މަނާކަމެކެވެ. ތަކުރާރުކޮށް މާލޭ ފަޅުތެރޭގައި ފަޅުގެ ޤަވާޢިދާއި ޚިލާފްވަމުންދާނަމަ އެމީހަކު ކުރިކުށެއްގެ ކުޑަބޮޑު މިނާއި އެކަން ތަކުރާރުވާ މިންވަރަށްބަލައި 100 ރުފިޔާއާއި 5000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މާލޭ ސިޓީގެ މޭޔަރ ވިދާޅުވީ ކޮންމެ ކަމަކަށް އޮތް ހައްލަކީ އަދަބު ދިނުން ނުވަތަ ޖޫރިމަނާކުރުން ނޫންކަމަށާއި، އެކަންކަމުގައި ފަރުދީ ޒިންމާވެސް ނަންގަވައިގެން ނޫނީ ވެށި ސާފު ތާހިރުތަނަކަށް ނުހެދޭނެ ކަމަށެވެ.