ވިޔަފާރި

ސްރީލަންކާއަށް ދަތުރުކުރުމުގެ ޓިކެޓަށް ދިވެހިން ކުރިހޭދަ އިތުރުވެއްޖެ


ސްރީލަންކާއަށް ދަތުރުކުރުމުގެ ޓިކެޓަށް ދިވެހިން ކުރިހޭދަ ވަރަށްބޮޑަށް އިތުރުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ އެމްއެމްއޭއިން ނެރެފައިވާ "ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސަރވޭ"އިން ދައްކާގޮތުން ފާއިތުވެދިޔަ 3 އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ.

2015ވަނަ އަހަރު ސްރީލަންކާއަށް ދަތުރުކުރި ދިވެހިންގެ ޓިކެޓްގެ އަގު ބޮލަކަށް 248 ޑޮލަރުގައި ހުރިއިރު މިޢަދަދު 2016ވަނަ އަހަރު ހުރީ 266ގައެވެ. 2017ވަނަ އަހަރު 250ގައި އޮތުމަށްފަހު 2018ވަނަ އަހަރު މިޢަދަދު ވަނީ 300އަށް އިތުރުވެފައެވެ. މިއީ 2015ވަނަ އަހަރާ އަޅާބަލާއިރު %20ގެ އިތުރުވުމެކެވެ.

ދިވެހިން ދެން އެންމެ ގިނައިން ދަތުރުކުރާ ޤައުމުތަކުގެ ޓިކެޓް އަގަށް އައިސްފައިވާ ބަދަލުތަކަށް ބަލާއިރު، ފާއިތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު 2018ވަނަ އަހަރުގެ "ޕީކް ސީޒަން" ނުވަތަ އަހަރުގެ އެންމެ ބާރުބޮޑުވާ ދުވަސްވަރު އިންޑިއާއާއި މެލޭޝިއާއާއި ސިންގަޕޫރުގެ ޓިކެޓްގެ ޚަރަދުވަނީ ދަށްވެފައެވެ. މިގޮތުން އިންޑިއާއަށް ދަތުރުކުރުމަށް ޓިކެޓަށް ޚަރަދުކުރިވަރު 2015އިން 2017ވަނަ އަހަރަށް އިތުރުވީ ނަމަވެސް، 2018ވަނަ އަހަރު މިޢަދަދު ވަނީ 301 ޔޫއެސް ޑޮލަރަށް ދަށްވެފައެވެ.

މެލޭޝިއާއަށް ދަތުރުކުރުމަށް 2015ވަނަ އަހަރު 405 ޔޫއެސް ޑޮލަރު ހޭދަކުރިއިރު، 2018ވަނަ އަހަރު މި ޢަދަދު ވަނީ %11 އިން ދަށްވެ، 360 ޔޫއެސް ޑޮލަރަށް ވެއްޓިފައެވެ. މީގެއިތުރުން ސިންގަޕޫރަށް ދަތުރުކުރުމަށް 2018ވަނަ އަހަރު 480 ޔޫއެސް ޑޮލަރު ހޭދަވިއިރު، މިއީ ފާއިތުވެ ދިޔަ ތިން އަހަރާ އަޅާބަލާއިރު ވަރަށްބޮޑަށް ދަށް އަދަދެކެވެ.

ތައިލެންޑަށް ދަތުރުކުރި ދިވެހީންގެ ޓިކެޓްގެ ޚަރަދު 2015ވަނަ އަހަރު 523 ޑޮލަރުގައި ހުރިއިރު 2016 ވަނަ އަހަރު ހުރީ 527 ޑޮލަރުގައެވެ. އަދި 2017 ވަނަ އަހަރު ޓިކެޓް އަގު ވަނީ 405 ޑޮލަރަށް ވެއްޓިފައެވެ. އެއަށްފަހު 2018 ވަނަ އަހަރު މި އަދަދު ވަނީ 434 ޔޫއެސް ޑޮލަރަށް އިތުރުވެފައެވެ.

އެމްއެމްއޭގެ "ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ" ދައްކާގޮތުން 2015 އިން 2018 ވަނަ އަހަރާއި އަޅާބަލާއިރު، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ ނިސްބަތް ދަށްވެ، ޗުއްޓީ ހޭދަކުރަންދާ ދިވެހިންގެ ނިސްބަތް ވަނީ އިތުރުވެފައެވެ.