ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ ނިސްބަތް ދަށްވެ، ޗުއްޓީ ހޭދަކުރަންދާ ދިވެހިންގެ ނިސްބަތް އިތުރުވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ އެމްއެމްއޭއިން ތައްޔާރުކޮށްފައިވާ "ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ" އިންނެވެ.
މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭގެ "ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ" އަކީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސް ތައްޔާރުކުރުމަށް ބޭނުންވާ ތަފާސްހިސާބު ހަރުދަނާކުރުމުގެ ގޮތުން، 2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ކުރަމުންގެންދާ ސާވޭއެކެވެ.
މި ސަރވޭއިން ދައްކާގޮތުން 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި އަޅާބަލާއިރު، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދަތުރުކުރި ދިވެހިންގެ ނިސްބަތް ބޮޑުތަނުން ދަށްވެ ޗުއްޓީ ހޭދަކުރަންދާ ދިވެހިންގެ އަދަދު ވަނީ އިތުރުވެފައެވެ.
2015 ވަނަ އަހަރު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރީ %58 މީހުންނެވެ. 2016 ވަނަ އަހަރު މިއަދަދު %51 އިންސައްތައިގައި ހުރިއިރު، 2017 ވަނަ އަހަރު %45 އަދި 2018 ވަނަ އަހަރު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔަ މީހުންގެ ނިސްބަތަކީ %41 އެވެ.
ފާއިތުވި 4 އަހަރު ޗުއްޓީހޭދަކުރަން ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެހިންގެ އަދަދަށް ބަލާއިރު، 2015 ވަނަ އަހަރު %27 އުޅުނުއިރު، 2016 ވަނަ އަހަރު %34، 2017 ވަނަ އަހަރު %33 އަދި 2018 ވަނަ އަހަރު ޗުއްޓީ ހޭދަކުރަން ރާއްޖެއިން ބޭރަށް ދިޔަ ދިވެހިންގެ އަދަދު އުޅުނީ %41 ގައެވެ.
ކުރީ އަހަރުތަކާ ހިލާފަށް މިދިޔަ އަހަރު އެމްއެމްއޭއިން މި ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ ދެބުރަކަށް ބަހާލައިގެންނެވެ. އެއީ މަދަރުސީ އަހަރީ ޗުއްޓީ (ޕީކް ސީޒަން) ދުވަސްވަރުގެ އިތުރުން މަދަރުސީ ޗުއްޓީއެއް ނުވަތަ ސަރުކާރު ރަސްމީ ބަންދު ދުވަސްތަކެއް ނުހިމެނޭ (އޮފް ޕީކް ސީޒަން) ދުވަސްވަރެއްގައެވެ. އެހެން އަހަރުތަކާ ހިލާފަށް އޮފް-ޕީކް ދުވަސްވަރު މި ސާވޭ ކުރުމުގެ ބޭނުމަކީ، ޕީކް ދުވަސްވަރާ އަޅާބަލާއިރު އޮފް.ޕީކް ދުވަސްވަރު ދިވެހީން އާންމުގޮތެއްގައި ރާއްޖެއިން ބޭރަށް ދަތުރު ކުރާ މައިގަނޑު މަގްސަދު އަދި ރާއްޖެއިން ބޭރުގައި ކުރާ ހޭދައަށް އަންނަ ބަދަލުތައް ދެނެގަތުންކަމަށް އެމްއެމްއޭއިން ބުނެއެވެ.
2018 ވަނަ އަހަރުގެ ސަރވޭ ރިޕޯޓުން ދައްކާގޮތުން އޮފް ޕީކް ސީޒަންގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ ދިވެހިންގެ ނިސްބަތަކީ %42 އެކެވެ. އަދި ޕީކް ސީޒަންގައި މިއަދަދު އުޅުނީ %41 ގައެވެ. އޮފް ޕީކް ސީޒަންގައި ޗުއްޓީ ހޭދަކުރަން ދިޔަ މީހުންގެ ނިސްބަތް %29 ގައި އުޅުނުއިރު ޕީކް ސީޒަންގައި މިއަދަދު އުޅުނީ %41 ގައެވެ. އޮފް ޕީކް ސީޒަންގައި ތައުލީމު އަދި ޓްރެއިނިންތަކަށް %7 ދިވެހިން ދަތުރުކުރިއިރު، ޕީކް ސީޒަންގައި ދަތުރުކުރީ %4 ދިވެހިންނެވެ. ވިޔަފާރި އަދި ރަސްމީ ބޭނުންތަކަށް އޮފް-ޕީކް ގައި %11 މީހުން ދަތުރުކުރިއިރު، ޕީކް ސީޒަންގައި %4 މީހުން ވަނީ ދަތުރުކޮށްފައެވެ. މީގެއިތުރުން އޮފް-ޕީކް އަދި ޕީކް ސީޒަންގައި %11 މީހުން ވަނީ އެހެނިހެން ބޭނުންތަކުގައި ދަތުރުކޮށްފައެވެ.
2018 ވަނަ އަހަރު ދިވެހިން އެންމެ ގިނައިން ދަތުރުކުރީ އިންޑިއާއަށެވެ. އޮފް-ޕީކް ސީޒަންގައި %32 މީހުން އިންޑިއާއަށް ދަތުރުކުރިއިރު، ޕީކް ސީޒަންގައި %34 މީހުން ވަނީ ދަތުރުކޮށްފައެވެ. އިންޑިއާގެ އިތުރުން ދެން ދިވެހިން އެންމެ ގިނައިން ދަތުރުކޮށްފައިވަނީ ސްރީލަންކާ، މެލޭޝިޔާ، ތައިލޭންޑް، އަދި ސިންގަޕޫރަށެވެ.