ޚަބަރު

ރާއްޖޭގައި އޯޓިޒަމް ތަޙައްމަލުކުރާ ކުދިންގެ ސީދާ ޢަދަދެއް ހޯދިފައިނެތުމަކީ ގޮންޖެހުމެއް - ޔުނިސެފް


ރާއްޖޭގައި އޯޓިޒަމް ތަޙައްމަލުކުރާ ކުދިންގެ ސީދާ ޢަދަދެއް މިހާތަނަށް ހޯދިފައިނެތުމަކީ އެފަދަ ކުދިންނަށް ބޭނުންވާ ތަފާތު ވަޞީލަތްތައް ޤާއިމުކުރުމަށް އޮތް ގޮންޖެހުމެއްކަމަށް ޔުނިސެފުން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބު މުޙައްމަދު އަލް-މުނީރު ވިދާޅުވެއްޖެއެވެ.

ޔުނިސެފްގެ މަންދޫބު މިހެން ވިދާޅުވެފައިވަނީ އޯޓިޒަމް ހުންނަ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންނަށް އަމާޒުކޮށްގެން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ ދެވަނަ ތަމްރީން ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް އެކަމުގެ ހަނދާނީ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔުނިސެފުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ މަންދޫބު މުޙައްމަދު އަލް-މުނީރު ވިދާޅުވީ، ރާއްޖޭގައި އޯޓިޒަމް ތަޙައްމަލުކުރަމުންދާ ކުދިންގެ ސީދާ ޢަދަދެއް މިހާތަނަށް ހޯދިފައިނެތުމަކީ، ރާއްޖޭގައި އޯޓިޒަމްގެ ހާލަތުއޮތްގޮތް ދެނެގަތުމަށް އޮތް ގޮންޖެހުމެއްކަމަށާއި، މިކަމާގުޅޭ އެކަށީގެންވާ ސަރވޭއެއް ކުރުން މުހިއްމުކަމަށެވެ. އަދި ރާއްޖޭގައިވެސް، އޯޓިޒަމްކުދިން މުޖުތަމަޢުގައި ޝާމިލުކުރާކުރުން މިހާރަށްވުރެ އިތުރުކުރަންޖެހޭކަން ފާހަގަކުރައްވާ، އެފަދަ ކުދިން ގެއިން ބޭރަށް ނެރުމަށް ބެލެނިވެރިން އަދިވެސް ޖެހިލުންވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ސީ.އީ.އޯ ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވީ، މި ތަމްރީން ޕްރޮގްރާމުގައި އޯޓިޒަމް ކުދިންނަށް އުގަންނައިދިނުމުގައި ޓީޗަރުން ވިސްނަންވީ ކަންކަމާއި، އެކުންދިންނަށް އެހީތެރިވުމުގައި ގެންގުޅެންވީ އުކުޅުތައް ހިއްސާކޮށްފައިވާނެކަމަށެވެ. އަދި މިކަންކަން އަމަލީ މައިދާނުގައި ބޭނުން ހިފާއިރު، ހިފަހައްޓަންޖެހޭ މިންގަނޑުތައް ހިފަހެއްޓުމަށާއި، މި ތަމްރީން ޕްރޮގްރާމުން ދަސްވި އެއްޗެހި، ކުދިންގެ ބެލެނިވެރިންނަށާއި، އެހެނިހެން ފަރާތްތަކަށް ހިއްސާކޮށްދެއްވުމަށް ޑރ. ޝަފީޢު ވަނީ ބައިވެރިންނަށް އިލްތިމާސްކުރައްވާފައެވެ.

ޔުނިސެފްގެ އެހީތެރިކަމާއެކު މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ މި ތަމްރީން ޕްރޮގްރާމަކީ މިމަހުގެ 4 އިން ފެށިގެން 3 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމެކެވެ. ރާއްޖޭގެ އެކި ސްކޫލްތަކުގެ ސެންކްލާސްތަކުގައި ކިޔަވައިދެމުންދާ ޓީޗަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި އޯޓިޒަމް ކުދިންނަށް ތަޢުލީމު އުގަންނައިދިނުމުގައި ޓީޗަރުން ވިސްނަންޖެހޭ މުހިއްމު ކަންކަމުގެ މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.