ޚަބަރު

މާލޭގެ ބައެއް ސަރަޙައްދުތަކުގައި ޓެކްސީ ސްޓޭންޑްތައް ބަހައްޓަން ފަށައިފި


މާލޭގެ އެކި ސަރަޙައްދުތަކުގައި ޓެކްސީ ސްޓޭންތައް ބަހައްޓަން ފަށައިފިއެވެ. ސިޓީ ކައުންސިލުން ވިދާޅުވެފައިވަނީ، ޓެކްސީއަށް އެރުމުގައި ފަސޭހަކުރުމަށް މިހާތަނަށް 8 ސަރަޙައްދުގައި ޓެކްސީ ސްޓޭންޑް ބަހައްޓާފައިވާކަމަށެވެ.

ޓެކްސީއަށް އަރާ ފަރާތްތަކަށް ލުއިފަސޭހަ ކުރުމުގެގޮތުން މާލޭގެ ބައެއް ސަރަޙައްދުތަކުގައި ޓެކްސީ ސްޓޭންތައް ބެހެއްޓުމުގެ މަސައްކަތް ސިޓީ ކައުންސިލުންވަނީ ފަށާފައެވެ.

ސިޓީ ކައުންސިލްގެ މޭޔަރ ސިފާ ވިދާޅުވީ މާލޭގެ މަގުތަކަކީ ތޮއްޖެހުން ބޮޑު މަގުތަކަކަށްވުމާއެކު ޓެކްސީ ސްޓޭންޑް ޖަހައި ބޭނުންކުރަން ފެށީ، ކާރަށް އަރާ މީހުންނަށް ފަސޭހަކުރުމުގެ އިތުރުން މަގުގައި ދުއްވާ ފަރާތްތަކަށްވެސް މަގުގައި ގިނައިރު މަޑު ނުކޮށް އުޅަނދު ދުއްވޭނެ ގޮތް ހެދުމަށްކަމަށެވެ.

ޝިފާ ވިދާޅުވީ މާލެއިން ޓެކްސީ ނުލިބުމާއި، ޓެކްސީއަށް އަރާފޭބުމުގެ ދަތިކަމަކީ މީހުންގެ ޝަކުވާއެއްކަމަށެވެ. އަދި ބައެއް ފަހަރު މަގުމެދަށް ޓެކްސީ ހުއްޓުވައި މީހުން އެރުވުމަކީ އެއްމެ ރައްކާތެރި ގޮތް ނޫން ކަމަށާ، ދުއްވާ މީހުންނަށްވެސް އޭގެ ދަތި އުންދަގުލާއި ކުރިމައިވާ ކަމެއް ކަމަށެވެ.

ޝީފާ ވިދާޅުވީ ޓެކްސީ ސްޓޭންތައް މިހާތަނަށް ޖަހާފައިވަނީ އެންމެ ގިނައިން މީހުން ހޭލަމޭލަވެ އުޅޭ ސަރަޙައްދުތައްބަލައިގެން 8 ސަރަޙައްދެއްގައި ކަމަށެވެ. މީގެ ތެރޭގައި އެންމެ އޮފީސްތައް ގިނަ ވެލާނަގޭ ސަރަޙައްދާއި، މާފަންނު ގަޑިބުރު ސަރަޙައްދު ހިމެނެއެވެ. ސްޓޭންޑްތައް ބެހައްޓާ ސަރަޙައްދުތައް ކަނޑައެޅުމުގައި ދުއްވާ މީހުންނަށް ދަތި ނުވާގޮތަށް ޓެކްސީ ހުއްޓައިގެން މީހުން އެރުވާ ސަރަހައްދުތަކަށް ބަލާފައިވެއެވެ.

ޝިފާ ވިދާޅުވީ ސްޓޭންޑްތައް އެކަށީގެންވާ ގޮތުގައި ބޭނުންކުރުމުގެ މަގު ފަހިކޮށްދިނުމަށް ފުލުހުންގެ އެހީވެސް ހޯދާނެކަމަށެވެ. އެގޮތުން މިކަމަށް މީހުން ހޭލުންތެރިކުރުމާއި، އެ ސަރަޙައްދުތައްކުގެ ތަރުތީބު ބެލެހެއްޓުމުގެ މަސައްކަތް ހިމެނެއެވެ.

އަދި ޓެކްސީ ސްޓޭންޑްތައް ބަހައްޓާ ތަންތަނުގައި ހުއްޓާ ޓެކްސީތަކަށް ފަސޭހަ ކުރުމަށް ބޯޑު ހުންނަ ތަނުގައި ޕާކު ނުކުރެވޭގޮތްވެސް ހަދާނެކަމަށް މޭޔަރ ވިދާޅުވިއެވެ. ޓެކްސީއަށް އެރުމުގައި މިތަންތަނުގެ ބޭނުން އާއްމުނާއި ޓެކްސީ ޑްރައިވަރުންވެސް ހެޔޮގޮތުގައި ހިފުމަށް ސިފާވަނީ އެދިލައްވާފައެވެ.

ޝިފާ ވިދާޅުވީ މި މަސައްކަތް މަދު ސަރަޙައްދުތަކުގައި އަދި ފެށި ނަމަވެސް ކުރިއަށް އޮތް ތާންގައި އިތުރު ސަރަޙައްދުތަކުގައި ޓެކްސީ ސްޓޭންޑްތައް ބަހައްޓައި، ޢާއްމުނަން މަގުތައް ބޭނުންކުރުމުގައި ލުއިފަސޭހަ ބަދަލުތަކެއް ގެންނަވާނެކަމަށެވެ. ސިފާ ވިދާޅުވީ މާލެ ތެރޭގައި ބަހުގެ ނިޒާމު ތާރަފްކުރާއިރުވެސް މަގުތަކަށް ދަތި ނުވާނެހެން ކަންކަން ޙަމަޖައްސަވާނެކަމަށެވެ.
މާލޭގައި މިހާރުވެސް އައިޖީއެމްއެޗް ކައިރީ ޓެކްސީ ސްޓޭންޑް ބޭނުން ކުރަމުން އާދެއެވެ.