ސިޔާސީ

އަދީބު ޙައްޔަރުކުރި މައްސަލަ އދއަށް ހުށައަޅަނީ


ޓަގު ބޯޓެއްގައި ފިއްލަވައިގެން އިންޑިއާގެ ސޫތުކުޅިއަށް އެތެރެވާން މަސައްކަތްކުރި ރާއްޖޭގެ ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބު ހައްޔަރުކޮށްފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށްބުނެ އެ މައްސަލަ އދ.އަށް ހުށައަޅަން އަދީބުގެ ޤާނޫނީ ޓީމުން ނިންމައިފިއެވެ.

މީގެ ހަފުތާއެއް ކުރިން ޓަގު ބޯޓެއްގައި ފިއްލަވައިގެން އިންޑިއާގެ ސޫތުކުޅިއަށް އެތެރެވާން މަސައްކަތްކުރުމުން އިންޑިއާ ސަރުކާރުން ވަނީ ޞައްޙަ އެއްވެސް ލިޔެކިއުމެއް ނެތްކަމަށް ބުނެ އަދީބު ދަތުރުކުރި ޓަގްގައި ތިބި ނުވަ މީހުންނާއެކު އޭނާ އަނބުރާ ރާއްޖެއަށް ފޮނުވާލާފައެވެ. ދިވެހި ފުލުހުން ވަނީ އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި، މިހާރު މާލެ ގެނައުމުގެ މަސައްކަތްކުރާކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިހާތަނަށް އަދީބު ރާއްޖެ ގެނެވިފައެއް ނުވެއެވެ.

އަދީބުގެ ބައިނަލްއަޤްވާމީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައި ވަނީ އަދީބު ހައްޔަރުކޮށްގެން ރާއްޖެ ގެނައުމުގެ މަސައްކަތްކުރާކަން ޔަޤީންވެފައިވާކަމަށާއި، ނަމަވެސް އަދީބުގެ ވަކީލުންނާއި ވާހަކަ ދެއްކުމުގެ ފުރުޞަތު ދީފައި ނުވާކަމަށެވެ. އަދި އދ.ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ޖަމްޢިއްޔާއަށާއި، އދ.ގެ ވޯކިން ގްރޫޕް އޮން އަރބިޓްރަރީ ޑިޓެންޝަނަށް އެ މައްސަލަ ހުށައަޅަން ނިންމާފައިވާކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަދީބު ދިވެހި ފުލުހުންނާއި ހަވާލުކުރީ އިންޑިއާގެ ސިޔާސީ ސަރަޙައްދުން ނޫންކަމަށް އެ ޤައުމުން ބުނިނަމަވެސް، ދިވެހި ފުލުހުންނާއި އަދީބު ހަވާލުކޮށްފައިވަނީ އެޤައުމުގެ ސަރަޙައްދުންކަމަށްވެސް އަދީބުގެ ބައިނަލްއަޤްވާމީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައިވެއެވެ.

އަދީބު ފިލައިގެން އިންޑިޔާއަށް ދިޔަ ނަމަވެސް އިންޑިޔާއިންވަނީ އޭނާ އެދުނު ގޮތައް ސިޔާސީ ޙިމާޔަތްދިނުމަށް ދެކޮޅުހަދައި އަނބުރާ ފޮނުވާލައްވާފައެވެ. އަދީބު އިންޑިއާއަށް އެތެރެވަނިކޮށް އެޤައުމުގެ ކަމާބެހޭ އިދާރާތަކުން އެނާ ހުއްޓުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާ ފިލައިގެން ރާއްޖެ ދޫކޮށް ދިޔައީ މިދިޔަ މަހުގެ 27ވަނަ ދުވަހުކަމަށް ބެލެވެއެވެ.

ފިއްލަވައިގެން އަދީބު އިންޑިއާއަށް ދިޔަ މައްސަލާގައި ދިވެހިރާއްޖޭގެ ފުލުހުން ފިޔަވައި އިތުރު އިދާރާއަކުން އެއްވެސް އެއްޗެއް މިހާތަނަށް ވިދާޅުވެފައެއް ނުވެއެވެ. އިންޑިއާގައި އަދީބު ހިފަހައްޓާފައި ހުރިތާ އެތައް ގަޑިއިރެއް ފަހުން ފުލުހުންގެ އިދާރާއިން ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ އޭނާ ''ފިއްލަވައިގެން ދާން މަސައްކަތްކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނިކޮށް'' ކަމަށެވެ.

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި މަރުކަޒުވެފައިވާ އަދީބްގެ ބައިނަލްއަޤްވާމީ ޤާނޫނީ ވަކީލުންގެ ޓީމުން ބުނީ އޭނާ ޤައުމު ދޫކޮށް ދިޔައީ ފުރާނައަށް ނުރައްކާވުމުންކަމަށެވެ.