ޚަބަރު

ރައީސްގެ އަނބިކަނބަލުން ސީޝެލްސްގެ ނެޝަނަލް ހިސްޓްރީ މިއުޒިއަމާއި ޕަރސަވަރެންސް ސެކެންޑްރީ ސްކޫލަށް ޒިޔާރަތްކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ސީޝެލްސްގެ ނެޝަނަލް ހިސްޓްރީ މިއުޒިއަމާއި ޕަރސަވަރެންސް ސެކެންޑްރީ ސްކޫލަށް ޒިޔާރަތްކުރައްވައި، އެތަންތަނުގެ ބައެއް ފަރާތްތަކާއި ކިޔަވާކުދިންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ސީޝެލްސްއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ސީޝެލްސްގެ މިއުޒިއަމަށް ޒިޔާރަތްކުރައްވާ އެކަމަނާވަނީ މިއުޒިއަމްގައި ހުރި ސީޝެލްސްގެ މުއްސަނދި ސަޤާފަތް ދައްކުވައިދޭ ތަކެތި ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޕަރސަވަރެންސް ސެކަންޑަރީ ސްކޫލަށް ކުރެއްވި ޒިޔާރަތުގައި އެ ސްކޫލު ބައްލަވާލެއްވުމުގެ އިތުރުން އެޤައުމުގެ ތައުލީމީ ބައެއް ސިޔާސަތުތަކާއި އަދި ތައުލީމީ ދާއިރާގައި އެންމެ އިސްކަންދޭ ކަންކަމުގެ މަޢުލޫމާތު އޮޅުންފިލުއްވިއެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހުގައި ސީޝެލްސްގެ އެޑިއުކޭޝަން އެންޑް ހިއުމަންރިސޯސް ޑިވެލޮޕްމެންޓް މިނިސްޓަރ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިއަދު ސީޝެލްސްގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒަށް ޒިޔާރަތްކުރައްވައި ޕްރިންސިޕަލް ސެކްރެޓަރީއާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ.