ކައުންސިލްތައް ހިންގުމަށް 1.8 ބިލިޔަން ރުފިޔާ ކަނޑައެޅޭގޮތަށް ޤާނޫނަށް އިސްލާޙް ގެނައުމަށް ނިންމާފައިވާކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
ކައުންސިލްތައް ބާރުވެރިކުރުމަށް ސަރުކާރުން އަމާޒުހިފާފައިވާ މައިގަނޑު ކަންތައްތަކާއި ގުޅޭގޮތުން ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް ވިދާޅުވީ ސަރުކާރާއި މަޖިލީހުގެ މެމްބަރުންގެ ވިސްނުންވެސް ހުރީ ކައުންސިލްތައް ބާރުވެރިކޮށް ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށްކަމަށެވެ. ފާއިތުވެދިޔަ ތަނުގައި ސަރުކާރުން ކައުންސިލްތައް އެކަހެރިކޮށް ކައުންސިލްތަކަށް ޤާނޫނުން ލިބިދީފައިވާ ޒިންމާތައް އެއްފަރާތްކުރި ނަމަވެސް އެކަންކަން އިޔާދަ ކުރައްވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
ޤާނޫނުގައި ކަޑައަޅާފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ކައުންސިލްތަކަށް 1.4 ބިލިޔަން ރުފިޔާ ބޭނުންވ، ނަމަވެސް މިހާތަނަށް ފޯރުކޮށްދެމުންއައީ 800 މިލިޔަން ރުފިޔާކަމުގައި ނިޔާޒް ވިދާޅުވިއެވެ. ސަރުކާރުގެ ސިޔާސަތަކީ ކައުންސިލްތަކަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރެވޭނެ ގޮތެއް ފަހިކޮށް ދިނުންކަމަށާއި، އެކަން މަޖިލިސް ތެރެއިންނާއި، ސަރުކާރާއި ގުޅިގެން ބަދަލުކުރެވިގެންދާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.
ކައުންސިލްތަކަށް ގެންނަ އަނެއް މުހިންމު އިސްލާހަށް އަލިއަޅުވާލައްވަމުން ނިޔާޒް ވިދާޅުވީ، ކައުންސިލްތައް މިހާރު އޮތް ފޯމޭޝަނަކީ އެހާ ރަނގަޅު ފޯމޭޝަނެއް ނޫންކަމަށެވެ. އެގޮތުން މިހާރު އަތޮޅު ކައުންސިލްތަކުގައި ރަށު ކައުންސިލްތަކަށް އެއްވެސް ދައުރެއް ނެތްކަމީ ރައްޔިތުންގެ ނުހަނުބޮޑު ކަންބޮޑުވުމެއްކަމަށާއި، އެކަންވެސް ބަދަލު ކުރުމަށް ނިންމާފައިވާކަމަށެވެ.
ނިޔާޒް ވިދާޅުވީ ޤާނޫނަށް ގެންނަ އިސްލާހާއެކު އަތޮޅު ކައުންސިލްތަކުގައިވެސް އެ އަތޮޅެއްގައި ހިމެނޭ ކޮންމެ ރަށެއްގެ ރައްޔިތުންގެ އަޑު އުފުލުމުގެ ފުރުޞަތު އަތޮޅު ކައުންސިލްގެތެރެއިން ލިބޭނޭގޮތަކަށް ޤާނޫނަށް އިސްލާހު ގެނެވިގެންދާނެކަމަށެވެ. އަދި އަތޮޅު ކައުންސިލްގެ ރައީސަކީ މުޅި އަތޮޅުގެ ރައްޔިތުންގެ ވޯޓުން އިންތިޚާބްކުރާ މީހަކަށް ހެދުމަށްވެސް ސަރުކާރުން ވިސްނާފައިވާކަމަށް ނިޔާޒް ވިދާޅުވިއެވެ.
ކައުންސިލްތަކުގެ ޤާނޫނަށް ސަރުކާރުން ބޮޑެތި އިސްލާޚްތަކެއް ގެނައުމުގެ މަސައްކަތް ފަށާފައިވާއިރު މި އިސްލާޚްތައް ވެގެންދާނީ ކައުސިލްތައް ޒިންމާދާރުކަމާއެކު ހިންގުމަށް ލިބޭ ވަރަށްބޮޑު ލުއިފަސޭހައެއްގެ ގޮތުގައި ނިޔާޒް ފާހަގަކުރެއްވިއެވެ. ކައުންސިލް ޤާނޫނަށް ސަރުކާރުން ގެނައުމަށް ނިންމާފައިވަނީ މައިގަނޑު 3 އިސްލާހެކެވެ.
އެގޮތުން ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމާއި، އިދާރީގޮތުން ކައުންސިލްތައް ހިންގުމަށް އޮތް ބާރުވެރިކަން ދިނުމުގެ އިތުރުން ކައުންސިލްތައް މިހާރު އެކުލަވާލެވިފައިވާ ފޯމޭޝަނަށް ބަދަލު ގެނައުމަކީ ސަރުކާރުން ގެންނަން ނިންމާފައިވާ މައިގަނޑު ތިން އިސްލާހްކަން ފާހަގަކޮށްލެވެއެވެ.