ޚަބަރު

މީޑިއާ ރެގިއުލޭޓް ކުރުމަށް އޮންނަންވީ އެއް މުއައްސަސާ - މީޑިއާ ކައުންސިލް


ރާއްޖޭގެ މީޑިޔާ ރެގިއުލޭޓް ކުރުމަށް އޮންނަވީ އެއް މުއައްސަސާކަމުގައި ދެކޭކަމަށާ، ބްރޯޑް ކާސްޓިން މޯލްޑިވްސްއާއި މީޑިޔާ ކައުންސިލް ވަކިން އޮތުމަކީ ބޭންކަމެއްކަމަށް ނުފެންނަކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި ވެލިދޫދާއިރާގެ މެމްބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މީޑިއާ ކައުންސިލުގެ ރައީސް ހިދާޔަތުﷲ ވިދާޅުވީ ރާއްޖޭގައި މީޑިޔާ ރެގިއުލޭޓް ކުރުމަށް 2 މުއައްސަސާއެއް އޮތުމުގެ މާނައެއް ނެތްކަމަށެވެ. ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިޔާ ކައުންސިލަކީވެސް އެއް މަޤުސަދެއްގައި އެއްކަމެއް ޙާސިލް ކުރުމަށް މަސައްކަތް ކުރަމުންދާ 2 ތަނަށްވާއިރު ދައުލަތަށްވެސް ބުރަބޮޑު ނުވާނޭހެން މިކަން ބަދަލުކުރަންޖެހޭކަމަށް ދެކިވަޑައިގަންނަވާކަމުގައި އޭނާ ވިދާޅުވިއެވެ.

މިޑިޔާ ރެގިއުލޭޓް ކުރުމަށްޓަކައި އެއް މުއައްސަސާއެއް އުފައްދައި އެމުއައްސަސާއަށް މެމްބަރުން ކަނޑައެޅުމުގައި ސިޔާސީ ނުފޫޒު ކުޑަކުރުމަށް މީޑިޔާތަކުގެ މެދުގައި އިންތިޚާބު ބޭއްވުމަށްފަހު މެމްބަރުން އިންތިޚާބު ކުރާގޮތަށް އޮތުމަކީ އެންމެ ރަގަޅު ގޮތްކަމަށް ދެކިވަޑައިގަންނަވާކަމުގައި ހިދާޔަތުﷲ ވިދާޅުވިއެވެ. އަދި މިއަދު ރާއްޖޭގައި މީޑިޔާތަކާ ގުޅުންހުރި ކަންކަން ބެލެހެއްޓުމަށް ތަފާތުއެކި މުއައްސަސާތައްވެސް އުފެދިފައިވާކަމަށާ، އެހެންކަމުން މީޑިޔާ ރެގިއުލޭޓް ކުރުމަށް ވަކި ދެމުއައްސަސާއެއް އޮތުމަކީ މުހިންމުކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީޑިއާ ކައުންސިލުގެ މެމްބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރުކޮށް މެމްބަރުންވަނީ އެ މުއައްސާއިން މިހާތަނަށް ކޮށްފައިވާ މަސައްކަތަކާއި ކުރިއަށް ރޭވިފައިހުރި މަސައްކަތްތަކުގެ ތަފްސީލް އޮޅުންފިލުވާފައެވެ. މިއީ ރައްޔިންގެ މަޖިލީހުގެ ކޮމިޓީއަކަށް ފާއިތުވެދިޔަ 14 އަހަރުގެ ތެރޭގައި މީޑިޔާ ކައުންސިލް ހާޒިރުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.