ދުނިޔެ

ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިނަށް އެމެރިކާއާއި ތުރުކީގެ އެހީ


ތުރުކީވިލާތުގައި އެމެރިކާ ތަމްރީންކުރަމުން ގެންދާ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ހަނގުރާމައިގެ މައިދާނުގައި ހަރަކާތްތެރިވަމުން ދާއިރު ވައިގެ މަގުން އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާއާއި ތުރުކީވިލާތުން އެއްބަސްވެއްޖެއެވެ.ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު މަވްލޫދު ޖާވިޝް ވިދާޅުވީ ތުރުކީވިލާތުގައި އެމެރިކާއިން ތަމްރީންކޮށްދެނީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ މެދުމިނުގެ ފިކުރު ގެންގުޅޭ ޖަމާއަތްތަކުގެ ހަނގުރާމަވެރިން ކަމަށެވެ. މިފަދަ ހަނގުރާމަވެރިންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސޫރިޔާގެ ވައިގެ ބާރުތަކުން ދޭ ޙަމަލާތައް ކަމަށް އޭނާ ވިދާޅުވިއެވެ.މިހަނގުރާމަވެރިންނަށް ވައިގެ ޙިމާޔަތް ފޯރުކޮށްދޭނީ ތުރުކީވިލާތުގެ އަސްކަރީ މަތިންދާބޯޓުތަކުންކަން ނޫނީ އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުންކަން ތުރުކީގެ ޚާރިޖީ ވަޒީރު ހާމަ ކުރައްވާފައެއްނުވެއެވެ.ތުރުކީވިލާތާއި އެމެރިކާ ގުޅިގެން ތުރުކީގެ ބިމުގައި ތަމްރީން ކުރަމުން ގެންދާ ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ ތެރޭގައި ހިމެނޭ ފްރީ ސީރިޔަން އާމީ ޖަމާއަތުގެ ހަނގުރާމަވެރިން ކަމަށް ޚަބަރުލިބެއެވެ.