ސިޔާސީ

އެމްއައިޓީޑީސީން ސީއެސްއާރުގެ ނަމުގައި ޕީޕީއެމްގެ އޮފީހަކާއި ހައިކޯޓްގެ ޖިމެއް ތަރައްޤީކުރި


މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އަކީ އާމްދަނީ ނުވަންނަ ކުންފުންޏެއް ކަމުގައިވީ ނަމަވެސް ސީއެސްއާރުގެ ނަމުގައި ޕީޕީއެމް އޮފީސް އިމާރާރްކުރުމަށާއި ހައިކޯޓްގައި ޖިމެއް ހެދުމަށް އެތައް މިލިއަން ރުފިޔާއެއް ޚަރަދު ކޮށްފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

ބަރެސްދޫގެ ނަމުގައި އެތައް މިލިއަން ރުފިޔާގެ ޚިޔާނަތް:


އެމްއައިޓީޑީސީގެ ހިންގުމާއި ގުޅޭގޮތުން އެ ކުންފުނީގެ އިސްވެރިން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީއަށް ޙާޒިރުކޮށްފައެވެ. ކުންފުނީގެ ހާލަތާއި ގުޅޭގޮތުން ކޮމިޓީގައި ވާހަކަ ދައްކަވަމުން އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރާއިދު ވިދާޅުވީ، އެމްއައިޓީޑީސީ އުފެއްދުމަށްފަހު އެންމެ ފުރަތަމަވެސް އެކުންފުޏާއި ހަވާލުކުރީ އެމްއެމްޕީއާރުސީން ކުރިއަށްގެންދާ މަޝްރޫޢުއެއް ކަމަށްވާ ތުނބުރި މަޝްރޫޢު ކަމަށެވެ. ނަމަވެސް އެ މަޝްރޫޢު ވަކި ހިސާބަކުން ހުއްޓިި ކުރިއަށް ގެންގޮސްފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ދެން އެކުންފުންނާއި ހަވާލުކުރީ ލ.ބަރެސްދޫ އިންޓެގްރޭޑެޓް ޓޫރިޒަމް މަޝްރޫޢުކަމަށާއި، އެ ރަށް ހަވާލުކުރުމުގެ ކުރިން ބިން ވިއްކާ އުސޫލުން ނުވަތަ (ލޭންޑް އެކުއިޒިޗަން ކޮސްޓް)ގެ ގޮތުގައި އެމްއެމްޕީއާރުސީން 19 ފަރާތަކަށް ބިން ވިއްކައިގެން 34 މިލިއަން ރުފިޔާ އެފަރާތްތަކުން ހޯދާފައިވާކަމަށް ރާއިދު ވިދާޅުވިއެވެ.

އޭގެ ތެރެއިން 15 މިލިއަން ރުފިޔާ އެމްއެމްޕީއާރުސީން ޚަރަދުކުރުމަށްފަހު އެމްއައިޓީޑީސީއާއި ހަވާލުކޮށްފައިވަނީ ބަރެސްދޫއާއެކު އެންމެ 14 މިލިއަން ރުފިޔާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭގެ ފަހުންވެސް ބިން ކުއްޔައް ދީގެންވެސް އެ ކުންފުންޏާށް 21 މިލިއަން ރުފިޔާ ހޯދާފައިވާކަމަށާއި، އެހެންކަމުން ޖުމްލަ 55 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ބަރެސްދޫގެ ކޮންސެޕްޓް ޑިޒައިން ފިޔަވާ އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައިނުވާކަން ފާހަގަކުރައްވާ ރާއިދު ވިދާޅުވީ، ކޮންޓެކްޓަރާއި މަސައްކަތް ހަވާލުކޮށްފައިވަނީ އެއްވެސް ޑީޓެއިލް ޑިޒައިނެއްނެތި ކަމަށެވެ.

ބަރެސްދޫއިން ބިންކުއްޔަށް ދީގެންނާއި ވިއްކައިގެން ހޯދާފައިވާ ފައިސާއަކީ އެޑްވާންސް ފައިސާގެ ގޮތުގައި ނަގާފައިވާ ފައިސާކަމަށާއި، އެފައިސާއަކީ އެ ކުންފުނިތަކުން އެދުމުން އަނބުރާ ދޭންޖެހޭ ފައިސާތަކެއްކަމަށްވެސް ރާއިދު ވިދާޅުވިއެވެ. އެގޮތުން ބައެއް ކުންފުނިތަކުން ފައިސާ ހޯދުމަށް އެދުމުން ފައިސާ ހަވާލުކޮށް އަނެއްބައި ކުންފުނިތަކުން ފައިސާ ހޯދުމަށް އެދެމުންދާ ކަމަށްވެސް ރާއިދު ވިދާޅުވިއެވެ.

"19 ފަރާތަކަށް ބިން ކުއްޔަދީފަ އޮތްތއިރު އެއްވެސް ފަރާތަކާއެކު ލީފަލް ކޮންޓްރެކްޓެއް ނެތްހަދާފައެއް. އެހެންކަމުން ރީފަންޑަށް އެދޭ ކުންފުނިތަކަށް ފައިސާ އަނބުރާ ދޭންއެބަޖެހޭ ކޮންމެ ވަގުތަކު އެދުނަސް. މި މަޝްރޫޢުގަ ހަމައެކަނި މާސްޓަރ ޕްލޭން ހަދާފަ އޮތީ އެއްވެސް އިމާރާތެއްގެ ޑިތެއިލް ޑިޒައިނެއްވެސް ނެތް. އެކަމު 351 މިލިއަން ރުފިޔާއަށް މެއިން ކޮންޓެރެކްޓަރާއި އެކު ސޮއިކޮށް އެޑްވާސްންސްއަށް 15 މިލިއަން ރުފިޔާ ދީފަ އެބައޮތް." ރާއިދު ވިދާޅުވިއެވެ.

ކާށިދޫ ޓޫރިޒްމް ވިލެޖްގެ ނަމުގައިވެސް އޮޅުވާލުން:


ކާށިދޫގައި ފަތުރުވެރި ކަމަށް ޚާއްޞަކޮށްގެން އޭރުގެ ސަރުކާރުން ހަދަން ނިންމާފައިވާ ޓޫރިޒަމް ވިލެޖްއަކީ އިންތިޚާބު ދުވަސްވަރާއި ދިމާކޮށް ރައްޔިތުންނަށް އޮޅުވާލުމަށް ހެދި ތަނެއް ކަމަށް އެމްއައިޓީޑީސީގެ އެމްޑީ ވިދާޅުވިއެވެ. އެތަނުގައި ދަނގަޑުން ހަދާފައިވާ އޮނިގަނޑުފިޔަވާ އެއްވެސް ތަނެއް ހަދާފައި ނުވާކަން ފާހަގަކުރައްވާ ރާއިދު ވިދާޅުވީ، އެ ވިލެޖު ހެދުމަށް ފިނޭންސް މިނިސްޓްރީން އެއް މިލިއަން ޑޮލަރުގެ ލޯނެއް 8 ޕަސެންޓް އިންޓްރެސްޓް ރޭޓްގައި ނަގާފައިވާ ކަމަށެވެ. ނަމަވެސް އެ އެއްމިލިއަން ޑޮލަރުން ކުރިއެއްވެސް ކަމެއް ފެންނަން ނެތް ކަމަށާއި، އެންމެ ކުޑަމިނުން މަޝްރޫޢު ކުރިއަށް ގެންދާ ބިމަކީވެސް އެމްއައިޓީޑީސީއަށް ދީފައިވާ ބިމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އެ މަޝްރޫޢުގެ އެއްވެސް ކުރެހުމެއްވެސް ނެތްކަން ރާއިދު ފާހަގަކުރެއްވިއެވެ.

"އިންތިޚާބާ ދިމާކޮށް އޭރުގެ ޓޫރިޒަމް މިނިސްޓަރާއި އެމްއައިޓީޑީސީގެ އިސްވެރިން އެއަޓެކްސީއެއް ޗާޓަރުކޮށްގެން ކާށިދޫއަށްގޮސް މަޝްރޫޢުގެ ބިންގާ އެޅީ. ޗައިނާގެ ކުންފުންނަކާ ހަވާލުކޮށްގެން ޕްރީ ފެބްރިގޭޓް ބިލްޑިންގއެއް އެޅުމަށް 1 މިލިއަން ޑޮލަރު ދީފައި ފެންނަހުރީ ހަމައެކަނި ދަނގަނޑު ސްޓްރަކްޗަރތަކެއް. މިރަށުގެ ލޯނަށްވެސް އެމްއައިޓީޑީސީ ޒިންމާވާންއެބަޖެހޭ." ރާއިދު ވިދާޅުވިއެވެ.

ރާއިދު ވިދާޅުވީ އެ މަޝްރޫޢުއަކީ ފީޒިބަލް މަޝްރޫޢުއެއް ނޫންކަމަށް ނިންމާ އައު ސަރުކާރު އައުމުގެ ދެ ހަފްތާކުރިން ޓޫރިޒްމް މިނިސްޓްރީން އެ ކުންފުންޏަށް ސިޓީއަކުން އެކަން އަންގާފައިވާ ކަމަށެވެ. ރާއިދު ވިދާޅުވީ ރައްޔިތުން އެހާބޮޑު އޮޅުވާލުމެއް އޮޅުވާލާފައިވާތީ މިސަރުކާރުން އެ މަޝްރޫޢު ކުރިއަށްގެންދިއުމަށް ބޭނުންވާ ކަމަށެވެ.

ސީއެސްއާރުގެ ދަށުން ޕީޕީއެމް އޮފިސް ހެދުން.


ރާއިދު ވިދާޅުވީ އެމްއައިޓީޑީސީގެ ރިކަރަންޓް ޚަރަދު ހަމަޖައްސައިދެނީ ފިނޭންސް މިނިސްޓްރީން ކަމަށާއި، ބަރެސްދޫ މަޝްރޫއާއި ކާށިދޫ މަޝްރޫޢު ނެގި އެޑްވާންސް ފައިސާ ފިޔަވާ އެކުންފުންޏަކީ އިތުރު އެއްވެސް އާމްދަނީއެއް ވަދެފައިވާ ކުންފުންޏެއް ނޫން ކަމަށެވެ. ނަމަވެސް ސީއެސްއާރުގެ ދަށުން ބޮޑެތި ޚަރަދުތަކެއް ކުންފުނިން ކޮށްފައިވާކަމަށް ރާއިދު ތުހުމަތުކުރެއްވިއެވެ.

އެގޮތުން ސީއެސްއާރުގެ ގޮތުގައި 14 ރިސޯޓަކުން ޓުރިޒަމް މިނިސްޓްރީ މެދުވެރިވެގެން ފައިސާ ހޯދުމަށްފަހު އެމްއައިޓީޑީސީގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ރާއިދު ވިދާޅުވިއެވެ. އަދި ސީއެސްއާރުގެ ދަށުން ޕީޕީއެމްގެ ދެބުރި އޮފީހެއް ހެދުމަށް 1.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ލިޔެކިއުންތަކުން ފެންނަން އޮތްކަމަށްވެސް ރާއިދު ވިދާޅުވިއެވެ. ޕީޕީއެމް އޮފީސް ހެދުމަށް ސީއެސްއާރުގެ ދަށުން ފައިސާ ޚަރަދުކޮށްފައިވަނީ ބޯޑު ރިޒޮލިއުޝަނަކުން ފާސްކޮށްގެންކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ސަރުކާރު ބަދަލުވުމުގެ ކުރިން އެ ބޯޑު ރިޒޮލިއުޝަންވެސް އެކި ގޮތްގޮތަށް ވަގަށް ބަދަލުކޯށްފައި އެބައޮތް" ރާއިދު ވިދާޅުވިއެވެ.

ސީއެސްއާރުގެ ނަމުގައި ޖިމަކާއި ހަވާއަރުވަން ކުރި ޚަރަދު:


ރާއިދު ވިދާޅުވީ 2018 ވަނަ އަހަރު އައު އަހަރު ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓްރީން އެމްއައިޓީޑީސީއަށް 9 މިލިއަން ރުފިޔާ ދިން ކަމަށެވެ. ނަމަވެސް އައު އަހަރު ފާހަކުރުމަށް 11 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެ ކުންފުނިން އިތުރަށް 2.5 މިލިއަން ރިފިޔާ ޚަރަދުކޮފައިވާކަން ލިޔެކިއުންތަކުން ފެންނަން އެބައޮތް ކަމަށް ރާއިދު ވިދާޅުވިއެވެ.

މި ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އެމްއައިޓީޑީސީގެ ޗެއަރޕާސަން ޢަބްދުﷲ ނަސީރު ވިދާޅުވީ ފާއިތުވި ދައުރުގައި ގިނަކަންތައްތަކެއް ނަހަމަގޮތުގައި ކޮށްފައިވާ ކަމަށެވެ. އެގޮތުން ސީއެސްއާރުގެ ނަމުގައި ހައިކޯޓްގެ އިސްވެރިންގެ ބޭނުމަށް ޖިމެއް ހަދާފައިވާކަމަށާއި، އެ ޖިމް ހެދުމަށް ފަންސާސް ހާހަށްވުރެ ގިނަ ޑޮލަރު ޚަރަދު ކޮށްފައިވާ ކަމަށް ލިޔެކިއުންތަކަށް ފެންނަ ކަމަށް ނަސީރު ވިދާޅުވިއެވެ. މީގެ އިތުރުން ހަވާއަރުވާ މެޝިނެއްވެސް ސީއެސްއާރުގެ ނަމުގައި ގަނެފައިވާކަން ފެންނަން އެބައޮތްކަމަށް ނަސީރު ވިދާޅުވިއެވެ.

"ފަންސާސް އެތައް މިލިއަން ރުފިޔާއެއްގެ ކުންފުންޏާއި އަޅުގަނޑުމެން ހަވާލުވިއިރު އެކައުންޓްގަ އޮތީ އެންމެ 16 ހާސް ޑޮލަރު." ނަސީރު ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ ވެލާނާގޭގެ އޮފީހެއްގެ އޭސީ މަރާމާތުކުރުމަށް ސީއެސްއާރުގެ ދަށުން 1.9 މިލިއަން ރުފިޔާ ޚަަރަދުކޮށްފައިވާކަމަށާއި، އެޓާނީ ޖެނެރަލްގެ އޮފީހުގެ ކޭޝްފްލޯ ސިސްޓަމެއް ޤާއިމްކުރުމަށްވެސް ސީއެސްއާރުގެ ދަށުން ޚަރަދުކޮށްފައިވާ ކަމަށެވެ.

ކުންފުނީގެ އެމްޑީ ރާއިދު ވިދާޅުވީ މިދިޔަ ދައުރުގައި އިންތިޚާބާއި ދިމާކޮށް އައްޑޫގައި އިންޓޭގްރޭޓެޑް ޓޫރިޒަމް ތަރައްޤީކުރުމުގެ ނަމުގައި ފޯރަމެއް ބޭއްވުމަށްވެސް 1.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. އަދި ގެސްޓްހައުސް ތަރައްޤީކުރުމަށްވެސް ބިޑު ފޮތް ވިއްކާފައިވާ ކަމަށާއި، ނަމަވެސް މިހާތަނަށްވެސް އައްޑޫގެ މަޝްރޫޢުތައް ހިންގުމަށް އެއްވެސް ބިމެއް އެމްއައިޓީޑީސީއަށް ބިމެއް ކަނޑައަޅާފައި ނުވާކަމަށް. ރާއިދު ވިދާޅުވިއެވެ. ރާއިދު ވިދާޅުވީ ބޮޑެތި ޖަރީމާތައް ހިންގުމަށްފަހު ގިނަ ލިޔެކިއުންތަކެއް އެ ކުންފުނީގެ ކުރީގެ ވެރިން ނައްތާލައިފައިވާ ކަމަށެވެ. އަދި އެ ތަފްސީލްތައް މިހާރުގެ މެނޭޖުމަންޓަށް ލިބުނީ ހާޑު ޑިސްކުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްއައިޓީޑީސީގެ އެމްޑީ ރާއިދު ވަނީ މި މައްސަލަތަކުގެ ތެރޭގައި މަނީ ލޯންޑަރިންގެ މައްސަލަތައްވެސް ހިމެނޭތީ އޭސީސީއަށް ތިން މައްސަލައެއް ހުށަހަޅާފައިވާކަމަށް ވިދާޅުވެފައެވެ.

ކުންފުނީގެ ވެރިންގެ ވާހަކަފުޅަށްފަހު ކޮމިޓީގެ ބައެއް މެންބަރުން ވަނީ ކުންފުނި އުވާލުމަށްވެސް ތާޢީދުކޮށް ވާހަކަފުޅު ދައްކަވާފައެވެ. ކޮމިޓީގެ މުޤައްރިރު ވިދާޅުވީ ޚާއްޞަ މައްސަލައެއްގެ ގޮތުގައި އެމްއައިޓީޑީސީގެ މައްސަލަ ކޮމިޓީން ބަލާނެ ކަމަށެވެ.