ބ.އަތޮޅު ފުޓްބޯޅަ ޗެލެންޖްގެ ފައިނަލްގައި ގޮއިދޫ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން އޭދަފުށި ހޯދައިފި އެވެ. މިއަދު ހަވީރު އޭދަފުށީ ޓާފް ދަނޑުގައި ކުޅުނު މި މެޗް އޭދަފުށި ކާމިޔާބުކުރީ 6 -1 ނެވެ.
މިއަދު މެޗްގައި މޮޅަށްކުޅެ ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ އޭދަފުށިން ނެވެ. މިމެޗްގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ގޮއިދޫ ޓީމުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޝަންމޫން ޖަމީލް އެވެ. ގޮއިދޫއިން 30 ސިކުންތު ފަހުން އޭދަފުށިން ވަނީ ލަނޑު ޖަހާ މެޗްގެ ނަތީޖާ ހަމަކޮށްފައެވެ. މި ލަނޑު ޖެހީ އޭދަފުށީ ޓީމްގެ އަލީ ނަސީމްއެވެ. އަލީ ނަސީމް ވަނީ މިމެޗްގައި ދެލަނޑު ޖަހާފައެވެ.
އޭގެ 8 މިނެޓްފަހުން އޭދަފުށިން ވަނީ ކުޅުން ވަރުގަދަކޮށް ލަނޑެއްޖަހާ ފުރަތަމަ ފަހަރަށް ލީޑް ނަގާފައެވެ. މިލަނޑު އޭދަފުއްޓަށް ކާމިޔާބުކޮށްދިނީ މުހައްމަދު ފާސިރުއެވެ. ފާސިރު ވެސް ވަނީ މިމެޗްގައި ދެ ލަނޑު އޭދަފުށީ ޓީމަށް ކާމިޔާބުކޮށްދީފައެވެ.
މޮޅު ކުޅުމެއް އޭދަފުށީ ޓީމްގެ ފަރާތުން ފެނުނު މިމެޗްގައި އޭދަފުށީ ޓީމުން ޖެހި 3 ވަނަ ލަނޑަކީ ގޮއިދޫގެ ޑިފެންޑަރު އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މިމެޗްގައި އޭދަފުށީ ޓީމަށް އޭދަފުށީ ޓީމުން ޖެހި ފަހު ލަނޑު ޖެހީ މެޗްގެ 92 ވަނަ މިނެޓްގައި އަހްމަދު އަސްރަފްއެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭދަފުށީ ޓީމްގެ މުހައްމަދު ފާސިރުއެވެ. ފާސިރު ވަނި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމްވެސް ހޯދާފައެވެ. އެންމެ މޮޅު މިޑްފީލްޑް ކުޅުންތެރިއަކަށް ހޮވުނީ ކްލަބް އޭދަފުށީގެ ސާހީ މޫސާ އެވެ.
ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމާއި، މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ އޭދަފުށީ ޓީމްގެ އަލީ ނަސީމްއެވެ. މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ އޭދަފުށީގެ ރައްޒާން ރަޝީދު އެވެ. ފެއަރ ޕްލޭ ޓީމަކީ ކެންދޫ ފުޓްބޯޅަ ޓީމެވެ.
މިމުބާރާތުގެ ޗެންޕިއަން ޓީމަށް ދޭ ފައިސާގެ އިނާމްއާ މެޑަލް ހަވާލުކޮށްދެއްވީ މި މެޗްގެ ޝަރަފްވެރި މެޙްމާން މިނިސްޓަރ އޮފް ޓޫއަރިޒަމް އަލީ ވަހީދު އާ ލަނޑާ ގިރާވަރުގެ ޖެނެރަލް މެނޭޖަރ އަރްމާންޑޯ ކްރެޒެލިން އެވެ.
މި މުބާރާތަކީ ވެސްޓި ވިންގްސް އޭދަފުށިން އިންތިޒާމް ކޮށްގެން، ފޯ ސީޒަންސް ލަނޑާ ގިރާވަރުގެ ސްޕޮންސާ އާއި އެކު ބ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބޭއްވި މުބާރާތެކެވެ. މި މުބާރާތް އަންނަ އަހަރުވެސް ބާއްވާނެ ކަމަށް އެ ރިސޯޓުން ބުންޏެވެ.