ބޭންކް އޮފް މޯލްޑިވްސް އިން ސިވިލް ކޯޓަށް ހުށައަޅާފައިވާ މައްސަލައަކާއި ގުޅިގެން ކޮމިޝަން އެސެޓް ރިކަވަރީ ކޮމިޝަނުން ސިވިލް ކޯޓަށް ޙާޒިރުވުމަށް އަންގައިފިއެވެ.
ބީއެމްއެލްއިން ސިވިލް ކޯޓަށް މައްސަލައެއް ހުށައަޅާފައިވަނީ ދެ އެކައުންޓެއްގެ މަޢޫލޫމާތު އޮޅުންފިލުވުމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ފަރާތުން ބޭންކުގައި އެދިފައިވުމުން އެކަމުގައި ގޮތެއް ކަނޑައާޅައިދިނުމަށް އެދިއެވެ. ރައީސް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް އަޙްމަދު އަސްޢަދު ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ، ބީއެމްއެލްއިން ހުށައަޅާފައިވާ މައްސަލައާއި ގުޅިގެން ކޯޓަށް ޙާޒިރުވުމަށް އަންގާފައިވަނީ ބަންޑާރަ ނާއިބުގެ އޮފީހަށްކަމަށެވެ. ބަންޑާރަ ނައިބުގެ އޮފީހަކީ ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކަށް ރައްދުވާ މައްސަލަތަކުގައި ދައުލަތް ތަމްސީލްކުރާފަރާތެވެ. ބަންޑާރަ ނައިބުގެ އޮފީހުން ކޯޓަށް ޙާޒިރުވުމަށް އަންގާފައިވަނީ މާދަމާ މެންދުރުފަހު އޮންނަ ޑިސްޕިއުޓް މަރުހަލާގެ އަޑުއެހުމަކަށެވެ.
ތަޙްޤީޤީ އިދާރާތަކުން ބަލަމުންދާ މައްސަލަތަކުގައި ބޭންކް އޮފް މޯލްޑިވްސްއިން ހޯދަން ބޭނުންވާ ބައެއް މަޢުލޫމާތު ހޯދުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން އަންނަކަމަށް ފުލުހުންނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވަނީ ވިދާޅުވެފައެވެ. ކޮމިޓީގައި ޥާހަކަފުޅު ދައްކަވަމުން ފުލުހުން އަދި އޭސީސީން ވަނީ ބީއެމްއެލްގެ މިނިންމުމުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ތަޙްޤީޤީ އިދާރާތަކުން ތަޙްޤީޤްކުރަ މައްސަލަތައް ނިންމުމަށާއި އިންސާފް ހޯދުމަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހޭނެކަމަށެވެ.
ދިވެހިރާއްޖޭގެ ބޭންކިންގއާއި ބެހޭ ޤާނޫނުގެ 41ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ޖިނާއީ ކުށްތައް ތަޙްޤީޤުކުރުމުގެ ޤާނޫނީ ބާރު ލިބިފައިވާ ފަރާތަކުން ލިޔުމަކުން އެދިއްޖެ ހިނދެއްގައި ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ލިޔުމަކުން އެދިއްޖެ ހިނދެއްގައި ނުވަތަ އެ ޤާނޫނުން އެފަދަ މަޢުލޫމާތެއް ހާމަކުރަން ހުއްދަކޮށްފައިވާ ކަމެއް ނުވަތަ ޙާލަތެއްގައި ކަސްޓަމަރުންގެ އެކައުންޓުތަކާއި ޑިޕޮސިޓްތަކާއި ޓްރަސްޓްތަކާއި އަދި ސޭފް ޑިޕޮސިޓް ބޮކްސްތަކާބެހޭ ބެހޭ މަޢޫލޫމާތު ހާމަކުރެވޭނެކަމަށް ބަޔާންކޮށްފައެވެ.