ވިޔަފާރި

ދިލްމާ ސައިފަތުގެ ރަހަތައް ދައްކާލުމަށް ރާއްޖޭގައި ޚާއްސަ ހަރަކާތެއް ބާއްވަނީ


ދިވެހިންގެ މެދުގައި މަޤްބޫލު ސައިފަތުގެ ބްރޭންޑެއްކަމަށްވާ ދިލްމާ ސައިފަތުގެ ރަހަތައް ދައްކާލުމަށް ޚާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.

މިހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރުދުވަހު ކުރުނބާ މޯލްޑިވްސް ރިސޯޓުގައެވެ. މި ހަރަކާތުގެ ތެރެއިން ދިލްމާ ސައިފަތުގެ ރަހަތައް ދައްކާލުމުގެ އިތުރުން ސައިފަތާބެހޭ އެކި މަޢުލޫމާތު ހިއްސާކުރުން ހިމެނެއެވެ.

އެގޮތުން ޑިލްމާ ކުންފުނީގެ ސީއީއޯ އަދި ފައުންޑަރ މެރިލް ޖޭ ފެނާންޑޯގެ ދަރިފުޅު ދިލްހާން ފެނާންޑޯ މި ހަފްލާގައި ބައިވެރިވެ ދިލްމާ ސައިފަތުގެ ތާރީޚާއި ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަދައްކަވާނެއެވެ.

ކުރުނބާ މޯލްޑިވްސްގައި ބާއްވާ މި ހަރަކާތުގައި ގާތްގަނޑަކަށް 100 ފަރާތަކުން ބައިވެރިވާއިރު މީގެ ތެރޭގައި 50 އަށް ވުރެ ގިނަ ރިސޯޓު ހިމެނެއެވެ.

ދިލްމާ ސައިފަތް ރާއްޖެއަށް އެތެރެކޮށް ޑިސްޓްރިބިއުޓް ކުރަނީ ސިމްޑީ ގްރޫޕުންނެވެ. ސިމްޑީން ރާއްޖެއަށް ދިލްމާ ސައިފަތް އެތެރެކުރާތާ 20 އަހަރުވެފައިވާއިރު ސިމްޑީން ދަނީ ދިލްމާ ސައިފަތުގެ އެކި ރަހަތައް ރާއްޖެއަށް އެތެރެކުރަމުންނެވެ. އެގޮތުން މިހަފްލާގައި ދިލްމާ ސައިފަތުގެ އެންމެ ފަހު އުފެއްދުންކަމަށްވާ "އެލިކްސާ އޮފް ސިލޯން ޓީ" ގެ ރަހަ ބަލައިލުމުގެ ފުރުސަތު އޮންނާނެކަމަށް ސިމްޑީން ބުނެއެވެ.

ދިލްމާއަކީ 1988 އަށް ވަނަ އަހަރު ދުނިޔޭގެ ސައިފަތުގެ މާކެޓަށް ތަޢާރަފްވި ކުންފުންޏެކެވެ. ފާއިތުވި އަހަރުތަކުގައި މިކުންފުނިން ހޯދި ކާމިޔާބީއާއިއެކު ދިލްމާ ސައިފަތް ވަނީ ދުނިޔޭގެ އެންމެ މަޝްހޫރު އަދި އަގުބޮޑު ސައިފަތުގެ ލިސްޓުގައި ހިމެނިފައެވެ.