ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގެ އަަޑުއެހުމެއް އަންނަ އާދީޢްތަ ދުވަހު ބޭއްވުމަށް ކްރިމިނަލް ކޯޓްގައި ތާވަލުކޮށްފިއެވެ. އެ ޝަރީއަތް ތާވަލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 11:30 އަށެވެ. މިމަހުގެ 11 ވަނަ ދުވަހު ކުރިމިނަލްކޯޓުން ވަނީ މި މައްސަލައިގެ ލިޔެކިޔުންތައް ރައީސް ޔާމީނާއި ހަވާލުކޮށްފައެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާއަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އެސްއޯއެފް ކުންފުނިން އެއްމިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރުމުން އެ ފައިސާއަކީ އަމިއްލަ ފއިސާއެއްކަމަށް ބުނެ އޭސީސީއާއެކު އެސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ޖަމާކުރި މައްސަލާގައެވެ.
މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން މި އަހަރުގެ ކުރީކޮޅު ރައީސް ޔާމީން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރިއެވެ. އެކަމަކު އެ ކޯޓުން ކުރި އެ އަމުރު ހައި ކޯޓުން ފަހުން ވަނީ ބާތިލުކޮށްފައެވެ.
ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ވެސް ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. މި މައްސަލަތައް ޕީޖީން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އަދި މި މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި މިދިޔަ މެއި މަހު ވަނީ ބާއްވާފައެވެ.
މީގެ އިތުރުން ޔާމީންގެ ކުރީގެ ޤާނޫނީ ވަކީލް އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއަރޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ ޝާރިޢަތުގެ އަޑުއެހުމެއް ވަނީ މަދާމާ ހެނދުނު 11:30 ގައި ބޭއްވުމަށް ކުރިމިނަލް ކޯޓުން ތާވަލުކޮށްފައެވެ. އާޒިމާގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރކުރުމަށް މަގުފަހިކޮށްދިނުމުގެ ދަޢުވާއާއި، ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދަޢުވާއެވެ.