އެލައިޑް އިންޝުއަރެންސާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ގުޅިގެން ޙައްޖަށާއި ޢުމުރާއަށް ދާ ފަރާތްތަކަށް ޚާއްޞަކޮށްގެން " ހައްޖު އެންޑް ޢުމްރާ ތަކަފުލް " އިންޝުއަރެންސް ސްކީމެއް މިއަދު ތައާރަފްކޮށްފިއެވެ.މި ސްކީމް ތައާރަފްކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ ގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްއެވެ.ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ތަޢާރަފްކުރިވެގެން ދިޔަ މި ޕްލޭނަކީ ނުވަތަ ތަކާފުލް އަކީ ޙައްޖާއި އުމުރާއަށް ދާ ފަރާތްތަކުން ލިބޭ ގެއްލުންތަކަކުން އަރައިގަތުމަށް ތައްޔާރުކުރެވިފައިވާ ޚާއްޞަ ޝަރީޢާ ހުއްދަ ކުރާގޮތުގެ މަތިންމ ފަރުމާކުރެވިފައިވާ އިންޝުއަރެންސް ސްކީމެކެވެ.މި ސްކީމްގެ ދަށުން ގެއްލުންލިބޭފަރާތަށް ދޭ ބަދަލަކީ ، މީގައި ބައިވެރިވާ ފަރާތްތަކުން ބައިވެރިވުމަށް ދައްކާ ފައިސާ އެއްކޮށްލައިގެން ޤާއިމްކުރެވޭ ފަންޑަކުން ދެވޭ ބަދަލެކެވެ.މި ހަފްލާގައި ބައިވެރިވަޑައިގެންނެވި އަޔާދީ ޝަރީޢާ ބޯޑްގެ ޗެއަރޕާސަން އަދި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑޮކްޓަރ އައިޝަތު މުނީޒާ ވިދާޅުވީ ، މި ސްކީމަކީ ރައްޔިތުންނަށް ވަރަށް މުހިންމު އަދި ގިނަ ފައިދާތަކެއް ލިބިގެންދާނެ ސްކީމެއް ކަމަށެވެ.މި އިންޝުރެންސް ސްކީމްގައި ބައިވެރިވުމުގެ އަގަކީ ، ޙައްޖަށްދާ ފަރާތްތަކަށް އެއްހާސް ރުފިޔާ ، އުމުރާއަށް ދާ ފަރާތްތަކުން ހަތްސަތޭކަ ފަންސާސް ރުފިޔާއެވެ. މި އިންޝުއަރެންސްގައި ބައިވެރިވާ ފަރާތްތަކަށް ލިބިގެންދާ ފައިދާ ތަކުގެ ތެރޭގައި ، މީގައި ބައިވެރިވާ ފަރާތެއް ނިޔާވެއްޖެނަމަ ނުވަތަ ދިމާވާ ޙާދިޞާއެއްގެ ސަބަބުން އުމުރުދުވަހަށް ދިމާވާ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ލިބޭގެއްލުންތަކަށް ބަދަލު ލިބޭނެއެވެ.އަދި އިމެޖެންސީކޮށް ފަރުވާދޭންޖެހުމުން ހިނގާ ޚަރަދުތަކާއި ، ޗެކިންކޮށްފައި ހުންނަ ފޮށި އަދި ޕާސްޕޯޓް، ފައިސާ އަދި އަގުހުރި ތަކެތި ގެއްލުމުން ލިބޭ ގެއްލުމަށްވެސް ބަދަލުދެވޭނެކަމަށް އެލައިޑް އިންޝުއަރެންސް އިން މައުލޫމާތުދެއެވެ. އެގޮތުން ހަށިގަނޑަށް ލިބޭގެއްލުމަށް، އެއްލައްކަރުފިޔާ އާއި ހަމައަށް ބަދަލު ދެވޭނެއެވެ.މި އަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެލައިޑް އިންޝުއަރެންސްގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އަމީލް ވިދާޅުވީ ، އެކުންފުނިން ވަރަށް އަވަހަރަށް އާޔާދީ ތަކަފުލްގެ ޚިދުމަތް ފުޅާކުރެވިގެންދާނެކަމަށެވެ.މި ޕްލޭންގައި ބައިވެރިވުމަށް ޕްރޮޕޯސަލް ފޯމް، ޕާސްޕޯޓް ކޮޕީ އަދި ޙައްޖު، ޢުމްރާ ކާޑުގެ ކޮޕީ އާއިއެކު ހައްޖު ކޯޕަރޭޝަންއަށް ހުށައެޅުމުން ބައިވެރިވެވޭނެ ކަމަށް އެލައިޑުން މައުލޫމާތުދެއެވެ.މި ރަސްމިޔާތުގައި އެލައިޑު އިންޝުއަރެންސް ކުންފުނީގެ މެނޭޖްމެންޓްގެ އިސްވެރިންނާއި ސަރުކާރުގެ ގިނަ މިނިސްޓްރީތަކާއި ފައިނޭޝަލް އިންސްޓިޓިއުޓްތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.