ބާ ކައުންސިލުގެ މަސައްކަތް މިނިވަންކަމާއި އެކު ކުރިޔަށް ގެންދިއުމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ.
އަލަށް އިންތިޚާބުވި ބާ ކައުންސިލުގެ މެންބަރުންނަށް މަރުހަބާ ދެންނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބާ ކައުންސިލު އުފެދިގެން ދިއުމަކީ ޤާނޫނީ އަދި ޝަރުޢީ ދާއިރާ އިސްލާޙުކޮށް ތަރައްޤީ ކުރުމަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ. މީގެއިތުރުން މިއީ ޤާނޫނީ އަދި ޝަރުއީ ދާއިރާއަށް އާންމުންގެ އިތުބާރު ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ބާ ކައުންސިލުގެ ރައީސް އަލްއުސްތާޛު މައުމޫން ޙަމީދާއި ނައިބު ރައީސް އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒާއި ބަންޑާރަ ނާއިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތުގެ އިތުރުން ބާ ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. ބާ ކައުންސިލުގެ މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާ އެ ކައުންސިލުގެ މެންބަރުންނާ ބައްދަލުކޮށްލެއްވީތީ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ
ރާއްޖޭގައި މަސައްކަތް ކުރާ ޤާނޫނީ ވަކީލުންގެ ކަންކަން ބަލަހައްޓައި ރެގިއުލޭޓް ކުރުމަށް، އުފެއްދި ބާ ކައުންސިލްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ޙިމާޔަތް ކުރުމާއި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަދީ ޤާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހާ ކަންކަން ރެގިއުލޭޓުކޮށް ބެލެހެއްޓުމެވެ.