ސިޔާސީ

ސުޕްރީމް ކޯޓްގެ ތިން ފަނޑިޔާރުންގެ ބަޔާން ޖޭއެސްސީން ނަގައިފި


ސުޕްރީމް ކޯޓްގެ ތިން ފަނޑިޔާރެއްގެ ބަޔާން ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީން ނަގައިފިއެވެ. ޖޭއެސްސީން ބަޔާން ނަގާފައިވާ ތިން ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީއާއި، ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލްއުސްތާޛް އާދަމް މުޙައްމަދު ޢަބްދުﷲއާއި، ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ޢަރީފުއެވެ.

ޖޭއެސްސީން އަންނަނީ ސުޕްރީމް ކޯޓްގެ ތިން ފަޑިޔާރުންގެ ދެ މައްސަލައެއް ބަލަމުންނެވެ. ނަމަވެސް އެއީ ކޮން މައްސަލަތަކެއްކަމެއް ޖޭއެސްސީއަކުން ނުބުނެއެވެ.

އެ ކޮމިޝަނުން ކުރިން ބުނެފައިވަނީ ތިން ފަނޑިޔާރުންގެ މައްސަލަތައް ބަލަން ނިންމާފައިވަނީ އެ ކޮމިޝަނަށް އަމިއްލަ ފަރާތަކުން ހުށައަޅާފައިވާ ދެ ޝަކުވާއަކާއި ގުޅިގެންކަމަށެވެ.

ތިން ފަނޑިޔާރުންގެ މައްސަލަ ބެލުމަށް އެކުލަވާލާފައިވާ ތަހުޤީޤް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ޖޭއެސްސީގެ ނާއިބު ރައީސް މަސްތޫރު ޙުސްނީއާއި، ކޮމިޝަންގެ މެންބަރު ޢަބްދުއްރަޢޫފް އިބްރާހީމާއި، މުޙައްމަދު އީސާފުޅާއި، ހިސާން ޙުސައިން އާއި، ޢަބްދުލް ޙަންނާން އަޙްމަދާއި، ޑރ.ޢަލީ ޝަމީމް އަދި ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތުއެވެ.


އެނގިފައިވާ ގޮތުގައި ޖޭއެސްސީއަށް ހުށައަޅާފައިވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރުގައި ސޮއިކުރުމަށްފަހު، ފަހުން އެ އަމުރު ބާޠިލްކަމަށް ކަނޑައަޅާ ސޮއިކުރި މައްސަލައެކެވެ. އެ ތިން ފަނޑިޔާރުންނަކީ މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީއާއި، ފަނޑިޔާރު ޢަބްދުﷲ ޢަރީފް އަދި ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲއެވެ.

2018 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް ފަސް ފަނޑިޔާރުންގެ ސޮޔާއެކު ޢަމުރު ނެރުނު މައްސަލާގައި އޭރުގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި، ފަނޑިޔާރު ޢަލީ ޙަމީދު ހައްޔަރުކުރިއެވެ. އަދި ފަހުން ވަނީ އެ ޢަމުރުގައި ސޮއިކުރެއްވި އަނެއް ތިން ފަނޑިޔާރުން އެ ޢަމުރު ބާޠިލުކޮށްފައެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވެސް ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ ނިންމާފައެވެ.