ކަސަބު ބޯވަޅު ގެތުމަކީ ދިވެހިންގެ ކަވި މަސައްކަތްތެރިކަމާއި ހުނަރުގެ ރަމްޒެކެވެ. ކަސަބު ބޯވަޅަކީ ދިވެހި ކަނބަލުންގެ ހެދުން އެޅުމުގެ ޒީނަތްތެރިކަމުގެ ޒަމާންވީ ރަމްޒެކެވެ.
ބޯވަޅުގެ ތަފާތު ބާވަތްތައް ހުރެއެވެ. މިހުނަރު މިއަދު ދަނީ އުވެމުންނެވެ. ދިވެހިންގެ މެދުގައި އެއްޒަމާނެއްގައި އަވަށު ވާދައަށް ނުވަތަ ރަށު ވާދައަށްވެސް ކުރި މިމަސައްކަތް ދަންނަ މީހުން މިއަދު ރާއްޖޭގައި ވަރަށްމަދޭ ދެންނެވިޔަސް ދޮގަަކަށްނުވާނެއެވެ. ޅ.ހިންނަވަރު ހަލީމާ ޙަސަނަކީ މިމަސައްކަތްކުރާ މަދު މީހުންގެތެރެއިން އެކަކެވެ. އޭނާގެ މަސައްކަތް ހިންނަވަރާއި އެހެން ބައެއް ރަށްރަށުގައިވެސް މަޝްހޫރެވެ.
ކަސަބު ބޯވަޅު އެޅި ދިވެހިލިބާހަކީ އިހުޒަމާނުއްސުރެ ދިވެހި އަންހެނުންގެ އެންމެ ޝަރަފްވެރި އެއް ހެދުމެވެ. ދިވެހި ކަނބަލުންގެ ޒީނަތްތެރިކަމާއި އަންހެންވަންތަކަން ދައްކުވައުދޭ މި ހެދުމަކީ މިއަދު ސަޤާފީ ހެދުމެއްގެގޮތުގައި ބެލިޔަސް އަދިވެސް އެއީ ޝަރަފްވެރި ހެދުމެކެވެ.
ކަސަބު ބޯވަޅަކީ ބުރަ އެހާމެކަވި މަސައްކަތުން ތައްޔާރުކުރެވޭ އެއްޗެކެވެ. ކަސަބު ބޯވަޅާއި އެބޯވަޅުއ އެޅި ލިބާހަކީ އެކަމުގެ ޚާއްސަ ހުނަރު ލިބިފައިވާ ބަޔަކަށްނޫނީ ނުކުރެވޭ މަސައްކަތެކެވެ. މިމަސައްކަތުގެ ތަޖުރިބާކާރުން އިހުގައި ގިނަޔަސް މިއަދު މިވަނީ މި ހުނަރު ދިވެހިގެންތެރެއިން އުވިދިއުމުގެ ބިރު ހީވެފައެވެ. މިއީ އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދޭންޖެހޭ ދިވެހިންގެ ފަޚުރުވެރި މަސައްކަތެކެވެ.
ހަލީމާ މިމަސައްކަތް ދަސްކުރީ އޭނާގެ މަންމަގެ ކައިރިންނެވެ. އޭނާ ދަސްކުރީ މަންމަ މިމަސައްކަތް ކުރާތަން ބަލައިގެން މަންމަގެ އިރުޝާދާއެކުއެވެ. ހަލީމާ ބުނީ ކުޑައިރު، މަންމަ މިމަސައްކަތް ކުރާތަން ފެނިގެން މިމަސައްކަތް ކުރަން ދަސްކުރީކަމަށެވެ. އެހެންނަމަވެސް، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކަށް މިކަން ބަދަލުކުރީ އޭނާގެ ދަރިން ކުޑައިރު، އެކުދިންނަށް ދިވެހި ލިބާސް ފަހައިދޭން މަސައްކަތްފެށި ހިސާބުންކަމަށާ، އެއާއެކު މިފަދަ ހެދުމަށް އޮތް ޑިމާންޑު އިތުރުވެ އޭނާގެ ކައިރިއަށް ލިބާސް ފަހަން އަންނަމީހުން އިތުރުވެގެން ދިޔަކަމަށެވެ.
"އަޅުގަނޑުގެ މަންމަ މިކަން އެންމެ އިހުއްސުރެ ކުރޭ. މަންމަ އަނެއްހެން ދަސްކޮށްދިނީކީ ނޫން. މަންމަ މިކަން ކުރާތަން ބަލައިގެން އަމިއްލައަށް ދަސްކުރީ. މިއީ އަސްލު ވަރަށް އުނދަގޫކަމެއް. އަޅުގަނޑު މިކަން ކުރަނީ ގޭގެ ކަންކަން ކުރުމަށްފަހު. އެހެންވެ އެކި ލިބާސް ހަދަން އެކި ވަގުތު ހޭދަވަނީ." ހަލީމާ ހަސަން ބުންޏެވެ.
ދިވެހި އަންހެނުން ކަސަބުބޯވަޅުއެޅި ދިވެހި ލިބާސް ލާންފެށި ދުވަސްވަރެއް ތާރީޚުން އެނގޭކަށްނެތެވެ. އެހެންނަމަވެސް ސޯޅަވަނަ ޤަރުނުގައި، ޕޯޗްގީޒުން ރާއްޖެ އަޅުވެތިކޮށްގެން އުޅުނު ދުވަސްވަރު ދިވެހި އަންހެނުން މިގޮތަށް ލިބާސްލައި އުޅުނުކަން ތާރީޚީ ފޮތްތަކުން ހާމަވެއެވެ. ދިވެހި ލިބާހުގެ ތެރޭގައި ކަސަބު ބޯވަޅުއެޅި ލިބާހާއި، އާދައިގެ ހިރު ބޯވަޅުގައި އަޅައި ފަރުމާކޮށްފައިވާ ލިބާހާއި ފޮތި ބޯވަޅު ލިބާސް ހިމެނެއެވެ.
ހަލީމާ ވަނީ އޭނާގެ މަސައްކަތުގެ ބައެއްކަންކަން ކުރިއަށް ގެންދަގޮތް ޕީއެސްއެމް ނިއުސްގެ ޓީމާއި ހިއްސާކޮށްފައެވެ. އެގޮތުން އާއްމުކޮށް އިންޑިއާއާއި ސްރީލަންކާއިން އެތެރެކުރާ ކަސަބު ބަރަނި ރީތި ފައްތަކަކަށް ގަތާގޮތާއި، ބޯވަޅުގައި ހިމެނޭ ފަށްތައް އަޅާއިރު ސަމާލުކަންދޭޖެހޭ ކަންކަން އޭނާ ކިޔައިދިނެވެ.
ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ މިއަގުހުރި މަސައްކަތް ދަސްކުރުމަކީ މިއަދުގެ ޒުވާނުންނާއި އަންނަން އޮތް ޖީލުތަކުންވެސް ކުރަންޖެހޭ ކަމެކެވެ. މިމަސައްކަތް އުވިގެން ދިޔަނުދިނުމަކީ ހަލީމާގެ ވެސް އެންމެބޮޑު އެދުމެވެ. މި މަސައްކަތް ދަސްކުރަން ބޭނުންވާ ކޮންމެމީހަކަށް ހަލީމާގެ ފުރިހަމަ އެހީތެރިކަން ލިބޭނެކަމަށް އޭނާބުންޏެވެ.