ޚަބަރު

ސީލައިފްއާއި ދެކޮޅަށް ދައުވާކުރި މީހުންނަށް ދަޢުލަތުން މާލީ ބަދަލުދެނީ


ސީލައިފް ގްލޯބަލްއާއި ދެކޮޅަށް ދަޢުވާކުރި މީހުންނަށް ދައުލަތުން މާލީ ބަދަލު ދޭގޮތަށް "ސެޓްލްމަންޓް އެގްރީމެންޓެއް" ހަދައިފިއެވެ.

ހުޅުމާލޭގައި 3000 ހައުސިންގ ޔުނިޓްއެޅުމަށް ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޑެޓާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗްޑީސީއާއެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އެ މަސައްކަތް ކުރިއަށް ނުގެންގޮސް، މި މަސައްކަތުގައި އެކުންފުނިން މަކަރާއި ޙީލަތް ހަދައި ޕްރޮޖެކްޓު ކުރިއަށްގެންދިއުމުގައި އެކުންފުނިން އިޙުމާލުވެފައިވާތީއާއި، މި މަޝްރޫޢުގެ ދަށުން އެޕާޓްމަންޓް ގަތުމަށް ބުކިން ފީ ދެއްކި 203 ފަރަތާކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވާއިރު، މި މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމަށް މިމައްސަލައިގައި ޝާމިލުވާ ހުރިހާ ފަރާތްތަކަކުން އެއްބަސްވެފައިވާތީ، ސިވިލް ކޯޓުގެ ޑިސްޕިއުޓް ރެޒޮލިއުޝަން ޑިވިޝަނުން ވަނީ އެއެއްބަސްވުމަށް އަމަލުކުރުމަށް ހުކުމް ކޮށްފައެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައިވާގޮތުން މިފަދަ އެއްބަސްވުމަކަށް ދިއުމަށް އެ ފަރާތްތަކުން ނިންމީ ސީލައިފް މައްސަލައިގައި ދަޢުވާކޮށްފައިވާ ފަރާތްތަކާއި ސަރުކާރާއި އެޗްޑީސީއާއެކު ކުރެވުނު މަޝްވަރާތަކަށްފަހުއެވެ. އަދި މިކަމާގުޅިގެން މި މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމަށް ސެޓްލްމަންޓް އެގްރީމެންޓެއްގައި އިއްޔެ ސޮއިކޮށްފައިވާކަމަށް ސިވިލް ކޯޓުން ވިދާޅުވެފައިވެއެވެ.

މި އެއްބަސްވުމާއި ގުޅޭ މާބޮޑު ތަފްސީލެއް ލިބިފައިނުވި ނަމަވެސް އެނގިފައިވާގޮތުގައި ސީލައިފަށް ދަޢުލަތުން ދައްކަންޖެހޭ 12 މިލިއަން ޑޮލަރު އެކުންފުންޏަށް ދެއްކުމުން، ބުކިން ފީދެއްކި ފަރާތްތަކަށް އަނބުރާ ފައިސާ ދެއްކުމަށް ސީލައިފުން ވަނީ އެއްބަސްވެފައެވެ. އަދި ސީލައިފް އެޕާޓްމަންޓްތައް ގަތުމަށް ބުކިންގ ފީދެއްކި ފަރާތްތަކަށް ސަރުކާރުގެ ފަރާތުން ސޯޝަލް ހައުސިންގ މަޝްރޫޢުގެ ތެރެއިން ފްލެޓް ހަމަޖައްސައިދިނުމަށްވެސް އެއްބަސްވެފައިވެއެވެ. އަދި އެކަން ފްލެޓްތައް ގަތުމަށް ބުކިންގ ފީ ދައްކާފައިވާ ފަރާތްތަކަށް ސީލައިފްގެ ފަރާތުން މިހާރު ވަނީ އަންގާފައެވެ.

ބުކިން ފީގެ ގޮތުގައި ނެގި ފައިސާ އެއީ ދައްކަން ޖެހޭ އެއްޗެއްގެ ގޮތުގައި ސީލައިފުން އިއުތިރާފްވެފައިވާކަން ސިވިލް ކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވީނަމަވެސް މި މައްސަލައިގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ ފަރުދީ ގޮތުން ޒިންމާ ނަގަން ނުޖެހޭނެ ކަމަކަށް އޭނާ ބުނެފައިވާ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައިވެއެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ މީގެ ތިން އަހަރު ކުރިންނެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަތުމަށް ބައެއް މީހުންވަނީ ފަންސާސް ހާހަށްވުރެ ގިނަ ފައިސާ ދައްކާފައެވެ. ސީލައިފުން އަޅާދޭނެކަމަށް ބުނި ފްލެޓްތައް އަޅާނުދީ އެތައް އަހަރެއްވުމުން އެ ފައިސާ ހޯދުމަށް ބައެއް ފަރާތްތަކުން އެ މައްސަލަ ސިވިލް ކޯޓަށްވެސް ހުށައަޅާފައިވެއެވެ. އަދި ސީ ލައިފާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް ގެންދަނީ ބަލަމުންނެވެ.