ކުޅިވަރު

ފަހު ވަގުތު ދަރަވަންދޫ މޮޅުވިޔަނުދީ ދޮންފަނުން ހިފަހައްޓައިފި


ބ.ފުޓްބޯޅަ ޗެލެންޖްގައި ދަރަވަންދޫ މޮޅުވިޔަނުދީ ފަހު ވަގުތު ދޮންފަނުން ހިފަހައްޓައިފި އެވެ. މިއަދު ހަވީރު އޭދަފުށި ޓާފް ދަނޑުގައި ކުޅުނު މި މެޗް ނިމުނީ 2-2 އިން ނެވެ.

މިމެޗްގަ ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ ދޮންފަނުން ނެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ އެގާރަ ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ސަމީއުއެވެ.

ދަރަވަންދޫއިން މެޗްގެ ނަތީޖާ ހަމަކުރީ 23 ވަނަ މިނެޓްގައި، އާދިލް ރަޝީދު ކާމިޔާބުކޮށްދިން ނެވެ

އޭގެ 9 މިނެޓް ފަހުން ދަރަވަންދޫއަށް މެޗްގެ ލީޑް ފުރަތަމަ ފަހަރަށް ނަގައިދިނީ އެޓީމްގެ މުހައްމަދު އަނިލް އެވެ. މިމެޗްގައި ދޮންފަނުން ނަތީޖާ ހަމަހަމަކުރީ މެޗުގެ އެންމެ ފަހު މިނެޓުގައި މުހައްމަދު މުސްތާގް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މިއަދު މެޗްގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ނުރައްކާތެރި ހަމަލާތަކެއް ދޮންފަނުން ޓީމުން ވަނީ އުފައްދާފަ އެވެ. އެހެން ނަމަވެސް މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ދަރަވަންދޫ ޓީމުގެ ކީޕަރ އަޙްމަދު ޔާމީރު ވަނީ މި ހަމަލާތައް ދިފާއުކޮށްފަ އެވެ.

ދެން މި މުބާރާތުގައި ކުރިއަށްދާނީ ސެމީ ފައިނަލްގެ މެޗްތަކެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ކްލަބް އޭދަފުއްޓާ ކިހާދޫ އެވެ. މި މެޗް ކުޅޭނީ 17 ވާ ބުދަ ދުވަހުއެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗް ކުޅޭނީ 18 ވާ ބުރާސްފަތިދުވަހު ގޮއިދޫ ޔޫތް ސޮސައިޓީއާ ކެންދޫ ފުޓްބޯޅަ ޓީމް އެވެ.