ސިޔާސީ

ޕެންޝަން ފަންޑުން 10 އަހަރުތެރޭގައި ތިރީސް ހާސް މީހުންނަށް ޙައްޖަށް ދެވޭނެ - ޕެންޝަން އޮފީސް


ދިހަ އަހަރުގެ ތެރެގައި ޕެންޝަން ފަންޑުން ޚަރަދުކޮށްގެން ތިރީސް ހާސް މީހުންނަށް ޙައްޖަށް ދެވޭނެކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހާމަކުރައްވައިފިއެވެ. ޕެޝަން އޮފީހުން މިހެން ހާމަކުރީ، ޙައްޖަށް ގެންދިޔުމަށް ސަރުކާރުން ކަނޑައަޅާ އަގުގެ އަށްޑިހަ އިންސައްތަ ފައިސާ ޕެންޝަން ފަންޑުން ދޫކުރުމަށް ޕެންޝަނާބެހޭ ޤާނޫނަށް ހުށަހެޅި އިޞްލާޙަށް ޚިޔާލުހޯދުމަށް އެއޮފީހުގެ އިސްވެރިން މިއަދު އިޖުތިމާޢީ ކޮމިޓީއަށް ޙާޒިރުކުރުމުން ދެއްކެވި ވާހަކަފުޅުގައެވެ.

މިހާރު ޕެންޝަނާ ބެހޭ ޤާނޫނުގައި ބަޔާން ކޮށްފައިވާގޮތުން، ޕެންޝަން ފަންޑުން ފައިސާ ދޫކުރަނީ ފަރުޟު ޙައްޖުވުމަށެވެ. އަދި ފައިސާ ދޫކުރާނީ އެ އަހަރަކު ޙައްޖަށް ގެންދިޔުމަށް ކަނޑައަޅާ އަގުގެ %50 ނުވަތަ ދެބައިކުޅަ އެއްބައިކަމަށްވެސް ބުނެފައިވެއެވެ. މި އިޞްލާހު ފާސްކުރިތާ މާގިނަދުވަހެއް ނުވަނީސް އަނެއްކާވެސް ޙައްޖަށް ގެންދިޔުމަށް ކަނޑައަޅާ އަގު %80އަށް އިތުރުކުރުމަށް ސަރުކާރުން ވަނީ ހުށަހަޅާފައެވެ. އެހުށައެޅުމަށް ޚިޔާލު ހޯދުމަށް ޕެންޝަން އޮފީހުގެ އިސްވެރިންނާއި ފިނޭންސް މިނިސްޓްރީގެ އިސްވެރިން ވަނީ އިޖުތިމާޢީ ކޮމިޓީއަށް ޙާޒިރުކޮށްފައެވެ.

ޙައްޖަށް ދިއުމަށް ޕެންޝަން ފަންޑުން %80 ފައިސާ ދޫކުރުމަށް ކޮމިޓީގައި ވާހަކަ ދެއްކެވި އެއްވެސް ފަރާތަކުން އިއުތިރާޒްކޮށްފައެއްނުވެއެވެ. ނަމަވެސް ޕެޝަން އޮފީހުގެ ވެރިންވަނީ އެބޭފުޅުންގެ ބައެއް ކަންބޮޑުވުންތައް ކޮމިޓީއާއި ޙިއްސާކުރައްވާފައެވެ.

ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޕެންޝަން ބޯޑުގެ ޗެއާރމަން އާޠިފާ ޢަލީ ވިދާޅުވީ، މީގެ ދިހަ އަހަރުކުރިން ޕެންޝަނާ ބެހޭ ޤާނޫނެއް އެކުލަވާލީ އުމުރުން ދުވަސްވުމުން ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުނުވާނެހެން ރައްޔިތުންގެ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށްކަމަށެވެ. ޕެންޝަން ފަންޑަކީ އޭގެ ޒާތުގައި ބޮޑު ފަންޑެއްކަމަށާއި، އެފަންޑުން ޚަރަދުކޮށްގެން ޙައްޖަށް ދެވޭގޮތަށް ސަރުކާރުގެ ވަޢުދު ފުއްދުމަށް ހަމަޖެއްސުމަކީ މައްސަލައެއް ނޫންކަމަށް އާޠިފާ ވިދާޅުވިއެވެ. ނަމަވެސް ޕެންޝަން ފަންޑުގެ ހަޤީޤީ މަޤްޞަދު ގެއްލޭކަން އޭނާ ފާހަގަކުރެއްވިއެވެ. އާޠިފާ ވިދާޅުވީ، ޙައްޖަށް ދިއުމަށް ފައިސާ ދޫކޮށްގެން ކުރުރާސްތާގައި މާބޮޑު އަސަރެއް ނުކުރާނެކަމަށާ ނަމަވެސް ދުރުރާސްތާއަށް ބަލާއިރު އަސަރުކުރާނެކަމަށެވެ. ޙައްޖަށް ދިއުމަށް ފައިސާ ދޫކުރުމުން މަހުން މަހަށް ދޫކުރާ ފައިސާގެ ޢަދަދު ކުޑަވާނެކަމަށާ އެ ބުރަ އުފުލަންޖެހިދާނެކަމުގެ ކަނބޮޑުވުން އާޠިފާ ފާޅުކުރެއްވިއެވެ.

"މަޤްޞަދަކީ ފަހަށްރައްކާކޮށް ރިޓަޔަރވުމުން މާލީ މިނިވަންކަމާއެކު އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުން. އެއީ ދައުލަތުގެ ބަޖެޓުން ޚާރަދުނުކޮށް. އެގޮތަށް ފަރުމާކޮށްފަ އޮތް ފަންޑެއް. ނަމަވެސް ވަކިކަމަކަށް ފަހިކޯށްދީފިނަމަ ވަކިވަކި ޑިމާންޑުތައް އިތުރުވެ މި ފަންޑުގެމަޤްޞަދު ގެއްލިދާނެ." އާޠިފާ ވިދާޅުވިއެވެ.

މެންބަރުންވަނީ ޕެންޝަން ފަންޑުން ޙައްޖަށް ދިއުމަށް ފައިސާ ދޫކުރުމުން ޕެންޝަން ފަންޑަށް ކުރާނީ ކޮންކަހަލަ އަސަރުކަތެއްތޯ ސާފްކުރުމަށް ތަކުރާރުކޮށް ސުވާލުކުރައްވާފައެވެ. އެސުވާލުތަކަށް ޖަވާބުދެއްވަމުން ޕެންޝަން ބޯޑުގެ މެންބަރުން އަވަސްއަވަހަށް ކުދިކުދި އިޞްލާހުތަކެއް ގެނައުމުގެ ބަދަލުގައި ހުރިހާ ފަރާތްތައް މަޝްވަރާކޮށްގެން މުޅި ޤާނޫނަށް އިޞްލާހު ގެނައުމަށް ފެންނަކަމަށްވެސް ވިދާޅުވެފައެވެ.

"މި ޤާނޫނު ފާސްކުރީ ވަކިކަމަކަށް ރިޠާއަތްކޮށް. ނަމަވެސް އަވަސްވަހަށް ވަކިކަންކަމަކަށް ފައިސާ ދޫކުރާގޮތަށް އިޞްލާހު ގެންނަނަމަ ކުރިއަށް އޮތްތާ އިތުރު ކަންތަކަށް ކޭޓާކުރަން ހުށައެޅުން އިތުރުވެ ފަންޑުން ހޭދަކުރަންޖެހޭ ކަންކަން ޑިމާންޑު ބޮޑުވެދާނެ. އެއިރުން މި ފަންޑުގެ މަޤްޞަދު އެއްކޮށް ގެއްލިގެންގޮސްދާނެ. އަދި ޙައްޖަށް ދިއުމަށާއި އެނޫންވެސް ކަންކަމުގައި ފައިސާ ނެގުމުގެ ސަބަބުން ރިޓަޔަރ ކުރުމުން ޕެންޝަން ފައިސާގެ ގޮތުގައި އެމީހަކަށް ލިބޭނެ މިންވަރު ބޮޑުތަނުން ކުޑަވެގެގޮސްދާނެ" ބައެއް މެންބަރުން ވިދާޅުވި.

ޕެންޝަން ފަންޑުން ހައްޖަށް ފައިސާ ދޫކުރުމުގައި މިހާރު ޢަމަލުކުރާ އުސޫލުގައިވާ ގޮތުން ޙައްޖުވުމަށް ޕެންޝަން ފަންޑުން ފައިސާ ދޫކުރާނީ އެކައުންޓްގައި ތިންލައްކަ ތިރީސް ހަ ހާސް ރުފިޔާ ހުންނަ ފަރާތްތަކަށެވެ. އަދި ޕެންޝަން ސްކީމުން ޙައްޖަށް ދިއުމަށް ބޭނުންވާ އަދަދަށް ފައިސާ ހުރީ 6000 މީހުންގެ އެކައުންޓްގައިކަމަށް ޕެންޝަން އޮފީހުން ވަނީ ބުނެފައެވެ. ކޮމިޓީގެ މެންބަރުން ވަނީ ކުރިއަށް އޮތް ދިހަ އަހަރު ޕެންޝަން ފަންޑުން ކިހާ ޢަދަދެއްގެ މީހުންނަށް ޙައްޖަށް ދެވިދާނެތޯ ސުވާލުކުރައްވާފައެވެ. އެސުވާލަށް ޖަވާބުދެއްވަމުން އާތިފާ ވިދާޅުވީ ތިރީސް ހާސް މީހުންނަށް ޙައްޖަށް ދެވޭނެކަމަށެވެ.

"2029 ވަނަ އަހަރު އަންނައިރު ތިންލައްކަ ތިރީސް ހަ ހާސް ރުފިޔާ ހަމަވާ މީހުންގެ ޢަދަދު ތިރީސް ހާހަށް އަރާނެކަމަށް ލަފާކުރެވޭ." އާތިފާ ވިދާޅުވިއެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިސްމާޢިލް އަލިމަނިކު ވަނީ ޕެންޝަން ފަންޑުން ފައިސާ ދޫކުރުމަކުން ދައުލަތުގެ ބަޖެޓަށް ބުރަ ނުވާނެކަމަށް ވިދާޅުވެފައެވެ.

ޕެންޝަން ފަންޑުގެ ބޯޑު މެންބަރުންގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ކޮމިޓީގެ މުޤައްރިރު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާވަނީ ޕެންޝަން ފަންޑު ފެއިލް ނުވެ، ދިހަ އަހަރުތެރޭގައި މާލީ ގޮތުން ޕެންޝަން ފަންޑަށް ކުރާނެ އަސަރުކަތާއި، ޕެންޝަން ފަންޑަށްކުރާ އަސަރުތައް ކުޑަކުރުމަށް ކުރެވޭނެކަންކަން ކޮމިޓީއަށް ލިޔުމުން ފޮނުވުމަށް ޕެންޝަން ބޯޑު މެންބަރުންގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި ޙައްޖަށް ދިއުމަށް ޕެންޝަން ފަންޑުން ފައިސާ ދޫކުރުމުން ބަޖެޓަށް ކުރާނެ އަސަރުތަކުގެ ތަފްސީލް ހޯދުމަށްވެސް ވަނީ ފިނޭންސް މިނިސްޓްރީގެ ވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.

ކޮމިޓީ ބައްދަލުވުން ނިންމާލީ ޕެންޝަން ބޯޑުންނާއި، ފިނޭންސް މިނިސްޓްރީން ހުށައަޅާ ހުށައެޅުންތަކަށް ރިޔާއަތްކޮށް ގޮތެއް ނިންމުމަށް ކަނޑައެޅުމަށްފަހުއެވެ.