ދިވެހިރާއްޖޭގައި ލޭނު މަސްވެރިކަންކުރުމަށް ދެމުން ދިޔަ ލައިސަންސް ދިނުން ހުއްޓާލުމަށް ސަރުކާރުން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަންކުރުމުގެ ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސް ދިނުން ހުއްޓާލާފައިވާކަމަށެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މިނިންމުމަކީ، ރައްޔިތުން އަދި ވަކިން ޚާއްސަކޮށް މަސްވެރިންގެ ޚިޔާލާ މަޝްވަރާ ހޯދުމަށްފަހު އަޅާފައިވާ ފިޔަވަޅެއްކަމަށެވެ.
ދިވެހިރާއްޖޭގައިކުރާ އެހެން ބާވަތްތަކުގެ މަސްވެރިކަމާ ޚިލާފަށް ލޭނު މަސްވެރިކަމަކީ ބިދޭސީންނަށް މަސްވެރިކަން ކުރުމުގައި ޙަރަކާތްތެރިވުމުގެ ހުއްދަ ގާނޫނީ ގޮތުން ލިބިދީފައިވާ ހަމައެކަނި މަސްވެރިކަމެވެ. މިހުއްދައިގެ ދަށުން ލޭނު މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގައި ގިނަ އަދަދެއްގެ ބިދޭސީން ގެންގުޅުމަށް ފުރުޞަތު އޮވެއެވެ. އެހެންކަމުން މިފަދަ އުޅަނދުތަކުގައި 10 ވަރަކަށް މީހުން އުޅޭއިރު، އޭގެ ތެރޭގައި ގިނަ ފަހަރަށް ހިމެނެނީ އެންމެ ދިވެއްސެއްކަމަށް ފިޝަރީޒް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ލޭނު މަސްވެރިކަމުގައި ހަރަކާތްތެރިވާ އުނޅަދުތަކުގެ އުނދަގޫ ބޮޑުވުމުގެ ސަބަބުން އެކަމުގެ ޝަކުވާ އެހެން މަސްވެރިންގެ ފަރާތުން ވަރަށް ގިނައިން ލިބޭކަމަށެވެ.
މިއަހަރުގެ އެޕްރީލް މަހު ރާއްޖެ ޒިޔާރަތްކުރި އީޔޫގެ މެރިޓައިމް އެފެއާޒް އެންޑް ފިޝަރީޒް ވަފުދުންވެސް ވަނީ ލޭނު މަސްވެރިކަމުގެ އޮޕަރޭޝަންގައި ހިންގަމުންދާ ޤާނޫނާ ގަވާއިދާއި ޚިލާފު ޙަރަކާތްތައް ފާހަގަކޮށް، އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ލޭނު މަސްވެރިކަންކުރާ ބައެއް އުޅަނދުތަކުގެ މަންފާ ލިބެމުންދާ ފަރާތްތަކަކީ ބޭރުގެ ފަރާތްތަކެއްކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި ލޭނުމަސްވެރި އުޅަނދުފަހަރުގެ ހަރަކާތްތައް ކޮންޓްރޯލްކޮށް އެކަށީގެންވާ ގޮތުގައި ނުބެލެހެއްޓޭނަމަ، އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ދޮށީގެ އަދި އަތުނަނުގެ މަސްވެރިކަމުގެ ތަސައްވުރު ޔޫރަޕުގެ މާކެޓްތަކުގައި ބަދަލުވެ، ދިވެހިރާއްޖޭގެ މަސް ޔޫރަޕަށް އެތެރެކުރުމުގައި ދަތިތަކެއް ކުރިމަތި ވެދާނެކަމުގެ އިންޒާރުވެސް އެވަފްދުން ދީފައިވެއެވެ.
ލޭނު މަސްވެރިކަމުގައި މިހާރު އަމަލުކުރަމުންދާ ޤަވައިދުގެ ދަށުން ލައިސަންސް ދޫކޮށްފައިވާ އުޅަނދުފަހަރުގެ ލައިސަންސް އިތުރަށް އައު ނުކުރަން ސަރުކާރުން ނިންމާފައިވާއިރު ލޭނު މަސްވެރިކަމަކީ ހަޤީޤީ ދިވެހި މަސްވެރިކަމެއްގެ ގޮތުގައި އަލުން ފެށުމަށްޓަކައި ލޭނު މަސްވެރިކަމުގެ އައު ގަވާއިދެއް އެކުލަވާލާ، ލޭނު މަސްވެރިކަމަށް އަލުން ހުޅުވާލުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.