ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ޝައިމް ޢަބްދުﷲގެ މައްސަލާގައި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފާއި މާދަމާ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
ޝިދާތާއާއި ސުވާލުކުރުމަށް ހުށައަޅަފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފެވެ. ޙުސައިން ހުށަހަޅުއްވާފައިވާ ސުވާލުގައި ވަނީ ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުއްޓާ، 14 އަހަރުގެ ޝައިމް ޢަބްދުﷲ ގެއްލިގެން ހޯދަމުންދާއިރު، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ ޖެންޑަރ މިނިސްޓްރީގެ ވަރަށް ބޮޑު ޒިންމާއެއްކަމަށް ބަޔާންކޮށްފައެވެ.
އެކުދިންގެ ޙައްޤުތަކާއި ސަލާމަތާއި ރައްކާތެރިކަމަށް އިހުމާލުވުމަކީ ޖިނާޢީ ގޮތުން ދަޢުވާކުރެވޭނެ މައްސަލައެއްކަމަށްވީއިރު ޝައިމް ޢަބްދުﷲ ގެއްލުނު މައްސަލާގައި، މިނިސްޓަރު ނެންގެވި ޒިންމާއަކީ ކޮބައޮތޯ ސާފްކުރުމަށް ވަނީ އެދިވަޑައިގެންފައެވެ. އަދި މި މައްސަލާގައި ޒިންމާވާންޖެހޭ ފަރާތަކީ ކޮބައިތޯއާއި، އެފަރާތަކާމެދު އެޅި ފިޔަވަޅަކީ ކޮބައިތޯވެސް ސާފްކުރުމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޖެންޑަރ މިނިސްޓަރާ ކުރައްވާ ސުވާލުގައިވެއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު، ޢުމުރުން 14 އަހަރުގެ ޝައިމް ޢަބްދުﷲ ގެއްލުނު މައްސަލައިގައި މީގެ ކުރިންވެސް ޝިދާތާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށްވެސް ޙާޒިރުކޮށްފައެވެ. ޝިދާތާ ވަނީ ޝައިމް ގެއްލުނީ ބަލަންޖެޖޭ މިންވަރަށް ބެލިފައި ނެތުމުންކަމަށް ވިދާޅުވެފައެއެވެ.
ދަޢުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ހުއްޓާ ޝައިމް ގެއްލިފައިވަނީ މިދިޔަ މަހުގެ 18ވަނަ ދުވަހުއެވެ. ޝައިމް މީގެ ކުރިންވެސް ފިލާފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެފައިވެއެވެ. ޝައިމް ޢަބްދުﷲ ގެއްލިގެން ފުލުހަށް ރިޕޯޓުކުރުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކޮށްފައިވެއެވެ. ޝައިމް ފެނުނީ ހޯދާތާ 2 ހަފްތާ ފަހުން މިމަހުގެ 1 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. ޝައިމް ފޮރުވި މައްސަލާގައި 2 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.