ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީގެ ޤާނޫނަށް ހުށައަޅަފައިވާ އިޞްލާހާއި ގުޅިގެން އުއްތަމަ ފަނޑިޔާރު އަޙްމަދު ޢަބްދުﷲ ދީދީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައިވާ ސިޓީއަކީ އުއްތަމަ ފަނޑިޔާރުގެ ފެންވަރާމެދު ސުވާލު އުފެދޭކަމެއްކަމަށްވިދާޅުވެ ކޮމިޓީގެ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޖޭއެސްސީގެ ޤާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިޞްލާޙުތަކުގެ ތެރޭގައި އެންމެ މަތީ ދެކޯޓު ފިޔަވައި އެހެން ކޯޓުތަކުގައި ތިބޭ ފަނޑިޔާރުންގެ ޢަދަދު ކަނޑައެޅުމާއި އިތުރު ބާރުތަކާއެކު ޖޭއެސްސީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭ ބަދަލުކުރުމަށް ވަނީ ހުށައަޅާފައެވެ.
މީގެ އިތުރުން ޖޭއެސްސީގެ މެންބަރަކަށް ވެވޭ އުމުރު 40އަށް މަތިކޮށް، އެ ކޮމިޝަންގެ މެންބަރުންނަށް ކޯޓްތަކުގައި ވަކާލަތު ނުކުރެވޭގޮތަށް ޖޭއެސްސީގެ ޤާނޫނަށް ވަނީ އިޞްލަޙު ހުށައަޅާފައެވެ. މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު ފަހަކުން ހަތަކަށް އިތުރުކުރުމަށްވެސް ކޯޓުތަކާބެހޭ ޤާނޫނަށް އިޞްލާހެއް ހުށައަޅާފައިވެއެވެ.
މިއިޞްލާޙުތަކާއި ގުޅިގެން އުއްތަމަ ފަނޑިޔާރު ވަނީ ޤާނޫނަށް އިޞްލާހު ގެންނަވާއިރު ސުޕްރީމް ކޯޓުގެ ރަޢުޔު ހޯދުމަށްއެދި ރައްޔިތުންގެ މަޖިލީހަށް 25 ޞަފްޙާގެ ސިޓީއެއް ފޮނުވާފައެވެ. އެސިޓީ މިހާރު ދިރާސާކުރަމުން އަންނަނީ ޖުޑީޝަރީ ކޮމިޓީންނެވެ.
އެކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅުދެއްކެވި ހުރިހާ މެންބަރުންވެސްވަނީ އުއްތަމަ ފަނޑިޔާރަށާއި ސުޕްރީމް ކޯޓަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖޭއެސްސީގެ މެންބަރުކަންވެސްކުރައްވާ ޙިސާން ޙުސައިން ވިދާޅުވީ ޤާނޫނު ހެދުމުގެ ބާރަކީ ރައްޔިތުންގެ މަޖިލީހަށް އެކަނި އޮތް ބާރެއްކަމަށެވެ. އެކަމަށް ލަފާދީ ގޮތްކިއުމަކީ ސުޕްރީމަކޯޓާށާއި އުއްތަމަ ފަނޑިޔާރަށް ކުރެވޭނެކަމެއް ނޫންކަމަށެވެ.
"ސުޕްރީމް ކޯޓަށް އޮތީ ޤާނޫނު އަސާސީން ވަރަށް ހަނި ފުރުޞަތެްދީފަ ޤާނޫނު ހެދުމުގައި އެހެން ޤާނޫނުތަކާއި ޤާނޫނޫ އަސާސީއާއި ފޫށުއަރާތޯ ބެލުން. ޤާނޫނުތައް ބައްޓަންވާނެޖެހޭގޮތާއި ބިލްތަކަށް އޮޕީނިއަން ދިނުމާއި ބިލްތައް އެކުލަވާލުމުގައި ފަނޑިޔާރުން ޝާމިލްކުރުމަށް ލަފާދިނުމަކީ ބަލައިގަނެވޭނެކަމެއްނޫން." ޙިސާން ވިދާޅުވިއެވެ.
ޤާނޫނީ ވަކީލް އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ، ޤާނޫނު ހެދުމުގެ ބާރު ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވަނިކޮށް ޤާނޫނޫ އަސާސީގައި ބަޔާންކުރާ މިންތަކާއި އިންތައް ފަހަނައަޅައި ދިއުމަކީ އުއްތަމަ ފަނޑިޔާރުގެ ފެންވަރާމެދު ސުވާލު އުފެދޭކަމެއްކަމަށެވެ.
"ޤާނޫނު އަސާސީއާއި ޤާނޫނުގައި ބަޔާންކުރާ ގޮތާއި ޚިލާފަށް މަޖިލީހުން ހަދާ ޤާނޫނުތަކަށް ގޮތް ނުކިޔޭނެ. ޤާނޫނު އަސާސީއާއި ޤާނޫނުތަކުގައި ބުނާ ކަންކަން ފަނޑިޔާރުންނަށް އެނގެންޖެހޭނެ ޚާއްޞަކޮށް އުއްތަމަ ފަނޑިޔާރަށް. އެމަނިކުފާނު މި އިޞްލާހުތަކަށް ފާޑުކީމަ ކަންބޮޑުވޭ. އަޅުގަނޑަކީވެސް ވަކީލެއް. ބައެއް ކްލައިންޓުން ބުނޭ ސުޕްރީމް ކޯޓު މަސައްކަތްކުރަނީ ނީލަން ފިހާރައެއްގޮތަށޭ. އެމީހުން އިސްވެ ލާރިއަށް ކިޔަނީއޭ" މޫސާ ސިރާޖު ވިދާޅުވި.
ޤާނޫނީ ވަކީލް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފްވެސް ވަނީ އުއްތަމަ ފަނޑިޔާރުގެ ސިޓީއާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 25 ޞަފްހާގެ އެސިޓީ ދިރާސާކުރުމަށް އިތުރު ވަގުތު ބޭޏުންވާކަން ފާހަގަކުރައްވައި ޙަސަން ލަޠީފު ވިދާޅުވީ، ބިލްތައް ފަރުމާކުރުމަށް ސުޕްރީމް ކޯޓުން ރަޢުޔު ދިނުމަކީކަންބޮޑުވާކަމެއްކަމަށެވެ.
"އުސޫލެއްގެ ގޮތުން މި ބޮޑު ސިޓީ ދިރާސާކުރުމަށް ވަގުތު ބޭނުންވޭ. އަޅުގަނޑު ޤަބޫލެއް ނުކުރަން އުސޫލެއްގެ ގޮތުން އުއްމަމަ ފަނޑިޔާރަށް މިކަމަށް ރަޢުޔުނެރެވޭނެކަމަކަށް." ޙަސަން ލަޠީފް ވިދާޅުވިއެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު ވިދާޅުވީ، އުއްތަމަ ފަނޑިޔާރު ފޮނުއްވާފައިވާ ސިޓީފުޅުގައި ބައިނަލްއަޤްވާމީ މުޢާހަދާތަކާއި މިންގަނޑުތަކާ ޙަވާލާދެއްވާފައިވާއިރު ސުޕްރީމް ކޯޓުން އެ މުޢާހަދާތަކާ ޚިލާފްވެފައިވާކަމަށެވެ.
"ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ބޯލެނބުމެއްނެތި އެ މިންގަނޑުތަކާއި ޚިލާފަށް އެންމެ ފުރަތަމަ ޢަމަލލުކޮށްފަ ދެން މި މަޖިލީހަށް ޤާނޫނު ހެދުމުގެ ބާރަށް ގޮތް ކިއުމަކީ މި ޤާނޫނު ހަދާބާރަށް ނުފޫޒްފޯރުވުންކަމަށް ބެލެވޭ."
ޤާނޫނީ ވަކީލް އަދި ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވީ، ޤާނޫނޫހަދާބާރުގެ ކަންކަމަށް ބާރުފޯރުވާ ތިންބާރު ވަކިވެފައިވާ ނިޒާމެއްގައި އެހެން ބާރުތަކަށް ސުޕްރީމް ކޯޓުން ނުފޫޒްފޯރުވުމަކީ ނަތީޖާ ގޯސްވާނެކަމެއްކަމަށެވެ.
"ޤާނޫނު ހެދުމުގެ މަސައްކަތްކުރާނީ މި މަޖިލީހުން. ޤާނޫނޫ ހަދާ ބާރުގެ ތެރެއަށް ޤާނޫނު މާނަކުރަންތިބި ބަޔަކު ވަނުމަކީ ނަތީޖާ ގޯސްވާނެކަމެއް. މީހުން ބިރުގަންނާނެކަމެއް. ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި އެއިރުން އަބަދު އޮންނާނީ ހުކުމެއްކޮށްފަ. މިއީ ބަލައިގަނެވޭނެކަމެއްނޫން."
ކޮމިޓިގެ އެހެން ބައެއް މެންބަރުންވެސް ވަނީ ބިލްތަކަށާއި އިޞްލާހުތަކަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހަށް ސިޓީ ފޮނުވުމުގެ ބަދަލުގައި އިސްތިއުފާގެ ސިޓީ ފޮނުވުމަށްވެސް ގޮވާލާ ވަރަށް ބޮޑަށް އުއްތަމަ ފަނޑިޔާރަށް ފާޑުވިދާޅުވެފައެވެ.