މިއަހަރުގެ އިންފޯފިޝްގެ ގަވަނިންގ މީޓިންގ ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މިއަހަރުގެ މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ފުރުސަތު ލިބުނީ ޤައުމުތަކުގެ ތަރުތީބުން ރާއްޖެއަށް ޖެހުމުންނެވެ. މީގެ ކުރިންވެސް މި ބައްދަލުވުން ވަނީ ރާއްޖޭގައި ބާއްވާފައެވެ. މި ބައްދަލުވުމުގައި އޭޝިޔާ އަދި އޭޝިޔާ ޕެސިފިކް ސަރަހައްދުގެ 10 ޤައުމަކުން ބައިވެރިވާނެއެވެ. މި ބައްދަލުވުން އޮންނާނީ މިއަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައެވެ.
މިމަހުގެ 1 އިން 4 އަށް އިންފޯފިޝްގެ ޓެކްނިކަލް އެންޑް އެޑްވައިޒަރީ ބޯޑު ބައްދަލުވުން ވަނީ މެލޭޝިޔާގައި ބާއްވާފައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދާއި، އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އާދަމް މަނިކުއެވެ. މިއަހަރުގެ އިންފޯފިޝްގެ ގަވަނިންގ މީޓިންގ ރާއްޖޭގައި ބޭއްވުމަށް އިއުލާންކޮށްފައިވަނީ މި ބައްދަލުވުމުގެ ތެރެއިންނެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އާދަމް މަނިކު ވިދަޅުވީ، އިންފޯފިޝްގެ ޓެކްނިކަލް އެންޑް އެޑްވައިޒަރީ ބޯޑު މީޓިންގ ގައި ބައިވެރިވުމުން ރާއްޖެއަށް ގިނަ ފައިދާތަކެއް ލިބިގެންދިޔަކަމަށެވެ. އެގޮތުން ރާއްޖޭގައި އުފައްދާ މަހުގެ އުފެއްދުންތަކަށް މާކެޓް ހޯދުމަށާއި، ރާއްޖެއިން ބޭރުގައި ބާއްވާ މަސްވެރިކަމުގެ އެކި ފެއަރތަކުގައި ބައިވެރިވުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެން ދިޔަކަމަށް އޭނާ ވިދާޅުވިއެވެ.
އިންފޯފިޝްއަކީ 1985 ވަނަ އަހަރު އުފެދުނު ބައިނަލްއަޤްވާމީ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ މައިގަނޑު މަޤްސަދަކީ އޭޝިޔާ އަދި އޭޝިޔާ ޕެސިފިކް ސަރަހައްދުގެ މަހުގެ އުފެއްދުންތައް ޕްރޮމޯޓްކޮށް މާކެޓް ހޯދައިދިނުމެވެ.