1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށްދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރިޔާ ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީ ރާއްޖެއިން ބޭރުގައި ފިލައިގެން އުޅުނު މައްސަލަ ފުލުހުން ތަޙްޤީޤް ކުރަން ފަށައިފިއެވެ. 2010 ވަނަ އަހަރުގެ ޖެނުއަރީ 10 ގައި އޭރުގެ ސަރުކާރުގެ ހުއްދައާއިއެކު ލުޠުފީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށްފަހު ރާއްޖެ އައިސްފައެއްނުވެއެވެ.
ލުތުފީ ގެނައުމަށް ފާއިތުވި 9 އަހަރު ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ސަރުކާރުން ބުނެއެވެ. ނަމަވެސް ލުތުފީ ނަން އޮޅުވާލައިގެން ސްރީލަންކާގައި އުޅުމަށްފަހު މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު އަމިއްލައަށް ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއާއި ހަވާލުވެފައެވެ.
ފުލުހުން ވިދާޅުވީ، 9 އަހަރު ވަންދެން ލުޠުފީ ރާއްޖެއިން ބޭރުގައި ފިލައިގެން އުޅުނު މައްސަލަ ތަޙްޤީޤްކުރަމުން އަންނަކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށުން ލުޠުފީ ރޭ ރާއްޖެ ގެނައުމަށްފަހު ފުލުހުން އޭނާ އެންމެ ފުރަތަމަ ގެންދިޔައީ ލުޠުފީ އިސްކޮށް ހުރެ ދިން އުދުވާނީ ހަމަލާގައި ޝަހީދުވި، ޝަހީދު ހުސެއިން އާދަމްގެ ނަންފުޅުން ނަންދީފައިވާ ފުލުހުންގެ މައި އިދާރާއަށެވެ. އެތަނުގައި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އާއި ލުޠުފީ ހަވާލުކުރުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު ކަރެކްޝަން ސާރވިސް އާއި ވަނީ ހަވާލުކޮށްފައެވެ. އަދި މިވަގުތު ލުޠުފީ ހުރީ މާލޭ ޖަލުގައެވެ.
ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ ލުޠުފީގެ މައްޗަށް އިއްވާފައިވާ ޢުމުރު ދުވަހުގެ ޖަލުހުކުމް އޭނާ ފުރިހަމަކުރަންޖެހޭނެކަމަށެވެ.
ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީއަކީ 1988ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3ވަނަ ދުވަހު ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ނަމަކަށް ކިޔާ ޖަމާޢަތެއްގެ ހަނގުރާމަވެރިން ގޮވައިގެން މާލެ އަރާ ރާއްޖެއަށް ޢުދުވާނީ ޙަމަލާދިން ޓެރަރިސްޓެވެ. އެއީ އެދުވަހު ދިވެހި ރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރަ ދެކޮޅަށް ހަތިޔާރާއެކު ނުކުމެ ބަޣާވާތްކުރި އިސް ބާޣީއެވެ. އެދުވަހުގެ އުދުވާނީ ހަމަލާގައި ދިވެހިންގެ ކުށެއް ނެތް 19 މީހުންވަނީ ޝަހީދުކޮށްލާފައެވެ. އަދި އެތައް ދިވެހިންނެއް ޒަޚަމްކޮށް އެތައް ދިވެހިންނެއް ރަހީނުކޮށްފައިވެއެވެ. މިޢުދުވާނުގައި ލުޠުފީވަނީ ދިވެހިޤައުމަށް ދުވަހަކުވެސް ޢިއާދަނުކުރެވޭވަރުގެ ބޮޑު ގެއްލުންދީފައެވެ.