ސިޔާސީ

ޖާބިރުގެ ނަން އިއްވާ ތަޅުމުން ނެރެފި


ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނެރެފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވާ ރިޔާސަތުން ޖަލްސާގައި ކުރާނެ މަސައްކަތްތައް އިޢުލާންކުރައްވަމުން ގެންދަވަނިކޮށް ޖާބިރު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ. މަޖިލީހުގެ ޤަވާއިދު ބުނާގޮތުން ނިޒާމީ ނުކުތާއެއް މެންބަރަކު ނަންގަވައިފިނަމަ ރިޔާސަތުން އެކަމެއް ހުށައެޅުމަށް ފުރުޞަތު ދޭންޖެހޭނެއެވެ.

ނިޒާމީ ނުކުތާ ނަންގަވާ ޖާބިރު ވަނީ މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ސުވާލެއް ކުރައްވާފައެވެ. ޖާބިރުކުރެއްވި ސުވާލަކީ މަޖިލީހުގެ ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ދައުލަތުގެ ޚަޒާނާގެ ތަޅުދަނޑި ލިބިވަޑައިގެންނެވިތޯއެވެ. އެއައެކު ޖާބިރުގެ ވާހަކަ މެދުކަނޑާލެއްވުމަށްފަހު ރިޔާސަތުން ވަނީ ޖާބިރުގެ ވާހަކަ ނިޒާމީ ނުކުތާއެއްގެ ގޮތުގައި ބަލައިނުގަނެވޭނެކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް ޖާބިރުގެ ވާހަކަ މެދުކަނޑާނުލާ ތަޅުމުގައި ގެންދެވީ އަޑު ގަދަކުރެއްވަމުންނެވެ. މައިކު އަޑު ކަނޑާލުމުންވެސް ޖާބިރު ހުއްޓާނުލާ ވާހަކަ ކުރިއަށް ގެންދިއުމުން ރިޔާސަތުން ވަނީ އިށީނދެވަޑައިގަތުމަށް ތަކުރާރުކޮށް ޖާބިރަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި ޢަމުރަށް ނުކިޔަމަންތެރިވާނަމަ މެންބަރުގެ ނަން އިއްވަން ޖެހިވަޑައިގަންނަވާނެކަމަށްވެސް ރިޔާސަތުން ވިދާޅުވިއެވެ.

ރިޔާސަތުން ކޯފާއިސްވެ ޖާބިރު އިށީނދެވަޑައިގަތުމަށް ތަކުރާރުކޮށް އެދުމުން ކުޑަވަގުތުކޮޅަކަށް އިށީނުމަށްފަހު އަނެއްކާވެސް ޖާބިރު ތެދުވެވަޑައިގަތުމުން ރައީސް ނަޝީދު ވަނީ ޖާބިރުގެ ނަން އިއްވަވާފައެވެ. ރިޔާސަތުން ނަން އިއްވެވުމުން ޖާބިރު ވަނީ ތަޅުން ދޫކުރައްވާ ވަޑައިގެންފައެވެ.

ނަން އިއްވެވުމުން މަޖިލީހުގެ ސާޖެންޓް އެޓް އާމްސް ޖާބިރު ކައިރިއަށް ވަޑައިގަތުމުން ޖާބިރު ތަޅުން ދޫކުރައްވާ ނިކުމެވްޑައިގަތެވެ. އަދި ތަޅުން ދޫކުރައްވާ ޖާބިރު ވަޑައިގަންނަވަމުންވެސް ވަނީ އަޑުގަދަކުރައްވާފައެވެ. ޖާބިރު ވަނީ ރިޔާސީ މޭޒުކައިރިއަށް ވެސް ވަޑައިގެން އަޑުގަދަކުރައްވާފައެވެ.

ޖާބިރުގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނެރެފައިވާއިރު މިއީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެންބަރެއްގެ ނަން އިއްވި ފުރަތަމަ ފަހަރުއެވެ.