ޚަބަރު

ޤައުމު އާރާސްތު ކުރުމުގައި މަތީ ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންނާއި ޒުވާނުން ބައިވެރިވުމަށް ރައީސް ގޮވާލައްވައިފި


ޤައުމު އާރާސްތުކުރުމުގެ ޢަމަލީ މަސައްކަތުގައި ބައިވެރިވުމަށް މަތީ ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންނަށާއި ޒުވާނުންނަށް ރައީސުލްޖުމުހޫރިއްޔާ އިބުރާހީމް މުހައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ގޮވާލެއްވީ 2018ވަނަ އަހަރު ބޭއްވި އޭލެވެލް އިމްތިޙާނުން ކާމިޔާބީ ހޯދި ދަރިވަރުންގެ އަގުވަޒަންކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ މަތީ ވަނަތައް ހާސިލްކުރި ދަރިވަރުންނާ، ޤައުމުގެ މުސްތަގުބަލާ ގުޅިލާމެހިފައިވާކަމަށެވެ. އަދި ޤައުމަށް އެދެވޭ ތަރައްގީ ގެނައުމަށްޓަކައި ތައުލީމީ ޖީލެއް ބޭނުންވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި މަތީ ސާނަވީ މަރުޙަލާ ނިންމި ދަރިވަރުންނަށް، ޚާއްސަކޮށް ސަރުކާރުން ފަހިކޮށްދެއްވާފައިވާ މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރަން ރައީސް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކެޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ ސަރުކާރުން ތައުލީމީ ދާއިރާއަށް ޚާއްސަ އަހަމިއްޔަތެއް ދެމުން އަންނަކަމަށެވެ. މިނިސްޓަރ ވިދާޅުވީ ދިރިއުޅުމުގައި ކާމިޔާބީއަށް ވާސިލްވުމަށް ތައުލީމީ ގޮތުން މޮޅުވުމުގެ އިތުރުން ކަންކަމުގައި ސާބިތުވެ ހަރުދަނާ ބަޔަކަށްވުންވެސް މުހިންމުކަމަށެވެ. މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ވައުދެއް ކަމަށްވާ ވަށައިޖެހޭ ތަޢުލީމު ގެނެސްދިނުމަށް ސާބިތުވެ ހުންނާނެ ކަމަށެވެ.

2018ވަނަ އަހަރު ބޭއްވި މަތީސާނަވީ އިމްތިޙާނުން 34 ދަރިވަރަކު ދުނިޔޭގެ އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ހިމެނުނުއިރު 11 ދަރިވަރަކު ވަނީ މުޅި ދުނިޔެއިން އެއްވަނަ ހޯދާފައެވެ. މިދަރިވަރުންނަށް ރައީސުލް ޖުމްހޫރިއްޔާ ދެއްވާ އިނާމާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދެއްވާ އިނާމާއި ޕާކިސްތާން އެމްބަސީގެ އިތުރުން، "ޓޮޕް އެޗީވަރސް" ޙަފްލާގެ ސްޕޮންސަރ ދިރާގާއި މިނޫންވެސް ފަރާތްތަކުންދޭ ޓްރޮފީއާއި ހަނދާނީ ލިޔުންތައް ވަނީ ދަރިވަރުންނަށް ދެއްވާފައެވެ.

2018ވަނަ އަހަރުގެ އޭލެވެލް އިމްތިޙާންގައި 1805 ދަރިވަރުން ބައިވެރިވިއިރު ގަދަ ދިހައެއްގައި 187 ދަރިވަރުން ވަނީ ހިމެނިފައެވެ. މިދިޔަ އަހަރުގެ ނަތީޖާ ފާޅު ކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ސާލިހާއި ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އިތުރުން ދަޢުލަތުގެ ވަޒީރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.