ކުޅިވަރު

ތުޅާދޫ ބަލިކޮށް ކިހާދޫ ސެމީ ފައިނަލާ ގާތަށް


ބ.ފުޓްބޯޅަ ޗެލެންޖްގައި ތުޅާދޫ މައްޗައް ކުރި ހޯދައި ކިހާދޫ ސެމީ ފައިނަލާ ގާތައްޖެހިލައިފި އެވެ. މި މުބާރާތުގައި މިއަދު ހަވީރު ތުޅާދޫ އާ ވާދަކޮށް ކިހާދޫއިން މެޗް ކާމިޔާބުކުރީ 4-2 އިން ނެވެ.

ފުރަތަމަ ހާފްގައި ދެޓީމްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ފުރަތަމަ ލަނޑުޖަހާ ކުރިހޯދާފައިވަނީ ކިހާދޫ ޓީމުންނެވެ. މިލަނޑު މެޗްގެ 39 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ޖިނާޙްއެވެ.

ފުރަތަމަ ހާފް މި ނަތީޖާގައި ނިމުނު ނަމަވެސް، ދެވަނަ ހާފަގައި ކިހާދޫއިން ކުޅުން ވަރުގަދަކޮށް ދެވަނަ ހާފުގެ 2 ވަނަ މިނެޓްގައި ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާގެ ފަރަގު ބޮޑުކޮށްފަ އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން އިިކުލީލެވެ. ކިހާދޫ ޓީމުގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން މުހައްމަދު އަޔާޒްއެވެ.

މި ލަނޑައްފަހު ތުޅާދޫ ޓީމުން ކުރިއަށްޖެހި ކިހާދޫގެ ގޯލައް ބާރުބޮޑުކުރަމުންގޮސް، މެޗްގެ 63 ވަނަ މިނެޓްގައި ލަނޑެއްޖަހައި އުންމީދުއާ ކުރިއެވެ. ތުޅާދޫ ޓީމަށް މިލަނޑު ޖަހައިދިނީ އެޓީމް ގެ ކެޕްޓަން އީމާން ލިޔާޒް އެވެ. އަދި އޭގެ 2 މިނެޓްފަހުން ތުޅާދޫއިން އިތުރު ލަނޑެއްޖަހާ ކިހާދޫ އާ ހަމަކުރުމަށް މަސައްކަތް ކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޝަދާދު ޒަކީއެވެ.

ތުޅާދޫ އިން ކުޅުން ރަނގަޅު ކުރިނަމަވެސް ކިހާދޫއަށް ލިބުނު ކައުންޓަރ އެޓޭކެއްގައި އެޓީމްގެ ކެޕްޓަން ހުސެއިން އީމާން ވަނީ ކިހާދޫގެ ހަތަރު ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފަ އެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކިހާދޫގެ ހުސެއިން އީމާންއެވެ.

މި ގްރޫޕްގެ އެއްވަނައިގައި ކިހާދޫ އޮތީ 4 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ހިތާދޫ އޮތީ ދެ ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައި ފެހެންދޫ އެއްޕޮއިންޓާއެކު އޮތްއިރު މިއަދު މެޗުން ބަލިވި ތުޅާދޫ އޮތީ 1 ޕޮއިންޓާއެކު ގްރޫޕްގެ އެންމެ ފުލުގައެވެ.

މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގަައި ބައްދަލުކުރާނީ ގްރޫޕް އޭގެ ދެޓީމްކަމަށްވާ ދަރަވަންދޫއާއި ދޮންފަން އެވެ.