ކުޅިވަރު

އެމެރިކާއިން އަންހެން ވަރލްޑް ކަޕް ދިފާޢުކޮށްފި


ފައިނަލުގައި ދޭއް ސުމަކުން ނެދަލެންޑްސް ބަލިކޮށް، އެމެރިކާއިން އަންހެން ވަރލްޑް ކަޕް ދިފާޢުކޮށްފިއެވެ.

މިއީ އެމެރިކާ އިން އަންހެން ވަރލްޑް ކަޕް ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ. އެ ޓީމުން ވަނީ، 1991. 1999 އަދި 2015ގައިވެސް އަންހެން ވަރލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

ރޭގެ މެޗުގެ 61 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެމެރިކާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ، މޭގަމް ރެޕީނޯއެވެ. މިއީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީ.އޭ.އާރް)ގެ އެހީގައި ރެފްރީ ދިން ޕެނަލްޓީއެކެވެ.

ފުރަތަމަ ގޯލު ޖެހިތާ އަށް މިނެޓު ފަހުން އެމެރިކާއިން ލީޑު ފުޅާކުރީ، ރޯސް ލަވޭލް ޖެހި ލަނޑަކުންނެވެ. މި މުބާރާތުގެ ޗެމްޕިއަންކަން އެމެރިކާއިން ހޯދިއިރު، އެ ޓީމުން ވަނީ ގިނަ ރެކޯޑުތަކެއްވެސް ހަދާފައެވެ.

މުބާރާތުގައި އެ ޓީމުން ޖެހި 26 ލަނޑަކީ މިހާތަނަށް އަންހެން ވަރލްޑް ކަޕެއްގައި ޓީމަކުން ޖެހި އެންމެ ގިނަ ލަނޑެވެ. އަންހެން ވަރލްޑް ކަޕްގެ 9 ވަނަ މުބާރާތް ބާއްވާނީ 2023 ވަނަ އަހަރެވެ.

މި މުބާރާތް ބާއްވާ ޤައުމެއް ފީފާއިން އަދި އިޢުލާންކޮށްފައެއް ނުވެއެވެ. ނުވަ ޤައުމަކުން ވަނީ މުބާރާތް ބާއްވަން ޝައުގުވެރިކަން ފާޅުކޮށްފައެވެ.

މި އަހަރު 24 ޓީމާއެކު މުބާރާތް ކުރިއަށްގެންދިޔަ ނަމަވެސް، ފީފާ އިން މިހާރު ވިސްނާފައިވަނީ ކުރިއަށް އޮތް ވަރލްޑް ކަޕް 32 ޓީމަށް ހުޅުވާލުމަށެވެ.