ބަލި ގަބޫލުކުރަން ލަޔޮނަލް މެސީ ދަސްކުރަން ޖެހޭ ކަމަށް ބުނެ ބްރެޒިލްގެ ކޯޗު ޓިޓޭ އާޖެންޓިނާގެ ކެޕްޓަނަށް ފާޑުކިޔައިފިއެވެ.
ޕެރޫ 3-1އިން ބަލިކޮށް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ތަށި ހޯދި މެޗަށް ފަހު ޓިޓޭ ބުނީ މުބާރާތް އޮތް ބްރެޒިލަށް ފަހިވާގޮތަށް މުބާރާތް ބައްޓަންކޮށްފައި ކަމަށް މެސީ ބުނެފައިވާތީއެވެ.
ރެފްރީންނަށް ވަރަށް ބޮޑަށް ފާޑުކިޔަމުން މެސީ ބުނީ މުބާރާތުގައި ކޮރަޕްޝަން އެކުލެވޭ ކަމަށާއި ރެފްރީންގެ ނިންމުންތަކަށް ބެލުމުނެ އެކަން ހާމަވާކަމަށެވެ. އަދި އޭނާ ވަނީ އާޖެންޓީނާ މުބާރާތުގެ ތިންވަނަ ހޯދި މެޗަށް ފަހު މެޑަލް އަޅަން ވެސް ދެކޮޅު ހަދައިފައެވެ. އެއީ ރެފްރީންނާމެދު އިހުތިޖާޖު ކުރުމުގެ ގޮތުންނެވެ.
ނަމަވެސް ޓިޓޭ ބުނީ ފުޓްބޯޅަ އަކީ ވާދަވެރި އެއްޗެއް ކަމަށާއި އެއްބަޔަކަށް އަބަދު ކާމިޔާބު ނުލިބޭނެ ކަމަށެވެ. ޓީޓޭ ބުނީ
މެސީ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށާއި އަދި އިހްތިރާމް ލިބިފައިވާ ކުޅުންތެރިއެއްކަމަށެވެ. އަދި މެޗަކުން ބަލިވުމުން މެސީ ވެސް އެކަން ގަބޫލު ކުރަންޖެހޭކަމަށާއި، މުބާރާތުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ހިނގާފައިވާކަން އެނގިފައި ނެތްކަމަށެވެ.
ޓީޓޭ ބުނީ ތިން ވަނަ ހޮވި މެޗުގައި މެސީ އަށް ދެއްކި ރަތްކާޑަކީ ބޭއިންސާފުން ދެއްކި ރަތްކާޑެއް ކަމަށެވެ.