ސިޔާސީ

ލުތުފީ ގެނައުމަކީ އެހާ މުހިންމު ކަމެއް ނޫން ކަމަށް އުމަރު ވިދާޅުވި - ހޯމް މިނިސްޓަރު


ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީ ރާއްޖެ ގެނައުމުގެ ހުރިހާ މަސައްކަތްތަކެއްކުރެވި އޭނާ ރާއްޖެ ނުގެނެވިފައިވަނީ އޭރުގެ ހޯމް މިނިސްޓަރ އުމަރު ނަޞީރު އެކަމަށް ސަމާލުކަން ނުދެއްވުމުގެ ސަބަބުން ކަމަށް މިހާރުގެ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލުޠުފީ ރާއްޖެ ގެނައުމަށް މިސަރުކާރުން ކުރައްވާ މަސައްކަތްތަކަކީ ކޮބައިތޯ ސާފުކުރުމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ 1988ވަނަ އަހަރުގެ އުދުވަނީ ހަމަލާއަކީ ފަހުގެ ތާރީޚެއްގައި ދިވެހި ރައްޔިތުންނަށް ކުރިމަތިވި އެންމެ ހިތާމަވެރި ހާދިސާ ކަމަށެވެ.

އެ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާއާ އެދުވަހު ދިވެހިންގެ ކުށެއްނެތް 19 މީހަކު ޝަހީދުކުރުމުގެ ކުށް ސާބިތުވެފައިވާ ހ. ހާޖަރާގެ އަބްދުﷲ ލުޠުފީ އުމުރުދުވަހު ޖަލަށްލުމަށް ޙުކުމްކޮށްފައި ވަނިކޮށް ބޭސް ފަރުވާއަށްކަމަށް ބުނެ އޭނާ ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދިނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި 16 ޖެނުއަރީ 2010 ގައެވެ. ލުޠުފީގެ ބޭސްފަރުވާއަށް ދީފައިވަނީ ތިން މަހުގެ މަސްދުވަހެވެ.

ނަމަވެސް އެ މުއްދަތު ފަހަނައަޅާ ދިއުމަށްފަހުވެސް އޭނާ ރާއްޖެ އައިސްފައިނުވާތީ ލުޠުފީ ގެނައުމަށް ފާއިތުވި 8 އަހަރު ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އިންޓަޕޯލްގެ ރެޑް ނޯޓިސްއާއެކު އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އައިސްފައިވާކަން ލިޔެކިއުންތަކުން އެނގޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ، މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު ލުޠުފީ އަމިއްލައަށް ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއާއި ހަވާލުވުމުން ހަމަ އެދުވަހުން ފެށިގެން ލުޠުފީ ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ސްރީލަންކާގެ ކަމާގުޅުންހުރި ހުރިހާ މުއައްސަސާއަކާއި ލިޔެލިއުންތައް ބަދަލުކޮށް ލުޠުފީ ގެނައުމަށް ކުރަންޖެހޭ ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

އަދި މިހާރު ލުޠުފީ ނުގެނެވި ލަސްވަނީ ލަންކާގެ މިނިސްޓްރީ އޮފް ޑިފެންސް އިން ލިބެންޖެހޭ ލިޔެކިއުން ނުލިބިގެން ކަމަށާއި، އެ ލިޔުން ލިބުނުހާ އަވަހަކަށް ލުޠުފީ ރާއްޖެ ގެނެވޭނެ ކަމަށް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ ލުޠުފީ ގެނައުމަށް ކުރާ މަސައްކަތް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާއަށާއި، ފުލުހުންނާއި އެމްއެންޑީއެފް އަދި ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ވިދާޅުވެފައެވެ.

"މި ހާދިސާއަކީ ލަންކާގައި ބޮން ގޮއްވުމުގެ ހާދިސާ ހިނގި ދުވަސްރެއް ހިނގި ދުވަސްވަރެއް. ލަންކާ ހަމަލާއަކީ ގޮތް ނޭނގޭ ކަންތައް ހިމެނޭކަމެއް. އެދުވަސްވަރު ލުތުފީއަށް ސުވާލުކުރެވޭ އެއްވެސް ކަމެއްވޭތޯ ބަލާ ސާފްކުރުމަށް ބޭނުންވީ. އެހެންވެ އޭނާ ގެނައުން ލަސްވެގެންދިޔައީ. އަދި މިހާރު މިނިސްޓްރީ އޮފް ޑިފެންސް އިން ލިބެންޖެހޭ ލިޔުން ހަމަޖެހި އޭނާ އޯވާ ސްޓޭ ވެފައިވާތީ އެކަމުގެ ޖޫރިމނާ ދެއްކުމަށްފަހު އެންމެ އަވަހަށް ގެނެވޭ ފަލައިޓުން ގެނެވޭނެ." އިމްރާން ވިދާޅުވިއެވެ.

މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، 2014 ވަނަ އަހަރު ލުޠުފީ ރާއްޖެ ގެނައުމަށް ގިނަ ކަންކަން ފުރިހަމަކުރުމަށްފަހު އެންމެ ފަހު މަރުހަލާއާ ހަމައަށް އައިސްފައިވަނިކޮށް ލުޠުފީ ނުގެނެވުނީ އެއިރުގެ ހޯމް މިނިސްޓަރުގެ އިޒުނަ ނުލިބިގެން ކަމަށެވެ. މިކަންކަން އެނގޭ ލިޔެކިއުމެއް ނެތްނަމަވެސް އެކި ފަރާތްތަކުގެ އަނގަބަހުން އެކަން އެގޮތަށް ހިނގައިގެން ދިޔަކަން އެނގޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް މިސަރުކާރުން އެންމެ އިސްކަމެއް ދޭ އެއްކަމަކީ ލުޠުފީ ގެނައުންކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

"2014 ވަނަ އަހަރު އެއިރުގެ ހޯމް މިނިސްޓަރުގެ އެޕްރޫވަލް ނެތުމުން ނުގެނެވިފައިވާކަމށް މަޢޫލޫމާތުލިބޭ. އަޅުގަނޑުމެންނަށް މިކަމުގައި އުޅުނު ބޭފުޅުންގެ އަނގަބަހުން ކުރެވޭ މުއާމަލާތްތައް ހުރީ. އެއިރުގެ ހޯމް މިނިސްޓަރ ވިދާޅުވެފައިވަނީ އެހަ އިސްކަންދޭނެކަމެއް ނޫންކަމަށް. ނަމަވެސް މިސަރުކާރުން އިސްކަންދޭކަމެއްމިއީ."

ހޯމް މިނިސްޓަރ ވިދާޅުވީ ލުޠުފީއަކީ ޢުމުރު ދުވަހުގެ ޖަލުހުމެއް އިއްވާފައިވާ މީހެއްކަމުން އޭނާ ފިލައިގެން އުޅުނު 8 އަހަރަކީ ހުކުމް ތަންފީޒްކުރި ދުވަސްތަކެއް ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި އޭނާގެ ހުކުމުގައި ބާކީ 4 އަހަރާއި ދުވަސްކޮޅެއް އެބައޮތްކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ. މިނިސްޓަރ އިމްރާން ވިދާޅުވީ ލުޠުފީގެ ހުކުމުގައި ބާކީ އޮތް ދުވަސްތައް ތަންފީޒު ކުރާނެ ކަމަށެވެ.

ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީއަކީ 1988ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތިންވަނަ ދުވަހު ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ނަމަކަށްކިޔާ ޖަމާޢަތެއްގެ ހަނގުރާމަވެރިން ގޮވައިގެން މާލެ އަރައި ރާއްޖެއަށް ޢުދުވާނީ ޙަމަލާދިން ޓެރަރިސްޓެކެވެ. އެއީ އެދުވަހު ދިވެހި ރާއްޖޭގައި އޮތް ޤާނޫނީ ސަރުކާދެކޮޅަށް ހަތިޔާރާއެކު ނުކުމެ ބަޣާވާތްކުރި އިސް ބާޣީއެކެވެ. އެދުވަހުގެ އުދުވާނީ ހަމަލާގައި ދިވެހިންގެ ކުށެއް ނެތް 19 މީހުންވަނީ ޝަހީދުކޮށްލާފައެވެ. އަދި އެތައް ދިވެހިންނެއް ޒަޚަމްކޮށް އެތައް ދިވެހިންނެއް އޭރު ރަހީނުވެސް ކުރިއެވެ. މިޢުދުވާނުގައި ލުޠުފީވަނީ ދިވެހިޤައުމަށް ދުވަހަކުވެސް ޢިއާދަނުކުރެވޭވަރުގެ ބޮޑު ގެއްލުންދީފައެވެ.

މި މައްސަލާގައި ލުތުފީ މަރަން ހުކުމްކުރިއެވެ. އެހެންނަމަވެސް ނޮވެމްބަރު ތިނެއްގެ ހަމަލާ އާއި ގުޅިގެން މަރަން ހުކުމްކުރި ކުށްވެރިންގެ އަދަބު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ލުއިކޮށްދެއްވައި އެއަދަބު އުމުރު ދުވަހުގެ ޖަލުގެ އަދަބަކަށް ވަނީ ބަދަލުކޮށްދެއްވާފައެވެ.